ކައިވެނިކުރެވުމާއިއެކު އެދެމަފިރިން ވަރިކުރުވުމުގެ މަސައްކަތްކުރަން ޚާއްޞަ ޝައިޠޯނަކު ހުރެއެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް އެތައް ބައިވަރު ޝައިޠޯނުންތައް އައިސް ނުބައި ވަސްވާސްދީ ކައިވެނި ރޫޅުވާލަން މަސައްކަތްކުރުމުގައި އެކަތި އަނެކައްޗަށް ވާދަކުރެއެވެ. ރޭސްޖަހައެވެ. އެއީ އިބިލީސްދޭ ޖާފަތާއި ތާޖުގެ ބޭނުމުގައެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އަނބިންގެ ހިތަށް ޝައިޠޯނާ ވައްދުވާނެއެވެ. "އަހުރެންގެ ފިރިމީހާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތެވެ. ތިމަންނާއަށް އަޅައެއް ނުލައެވެ. އެއްވެސް ކަމެއް ކޮށެއް ނުދެއެވެ. މީނާއާއިއެކު ދިރިއުޅުމަކީ ބޭކާރު ކަމެކެވެ. އަވަހަށް ވަރިވާންވީއެވެ. މާރަނގަޅު ފިރިން ލިބޭނެއެވެ."
މިވަސްވާސްތައް އަނބިމީހާގެ ސިކުޏޑިއަށް ވެއްދެވުމުން އަނބިމީހާ ގޮސް ފިރިމީހާގާތު ވަރިއަށް އެދޭވަގުތު ފިރިމީހާއަށް ވަސްވާސްދޭނެއެވެ. "ތިއަ އނަބިމީހާ ޝަކުވާކުރުން ނޫން ދެވަނަ ކަމެއް އެބަކުރޭހެއްޔެވެ؟ ހުރިހާ ކަމެއް ނުލާހިކު ރަނގަޅަށް ކޮށްދޭއިރުވެސް ޝުކުރުކުރުމުގެ ބަދަލުގައި އަބަދުއެކުރަނީ ޝަކުވާއެވެ. ވަރިކޮށްލާށެވެ! އިންނާނެ މާރަނގަޅު އަންހެނުން ލިބޭނެއެވެ!" ނަތީޖާއަކަށްވެގެންދަނީ ކައިވެނި ރޫޅިގެންދިއުމެވެ.
ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ބޮޑެތި ފާފަތައް ކަމުގައިވާ މީހުންމެރުން، ބަނގުރާބުއިން ޖުވާކުޅުން ޒިނޭކުރުން ފާފަތައް ޝައިޠޯނުން މީހުންލައްވައި ކުރުވިނަމަވެސް ޝައިޠޯނާގެ ކުރިމަތީގައި އެއީ އެއްވެސް ނުބައިކަމެއް ކުރެވުނު ކަމަކަށް ނުވެއެވެ. ނަމަވެސް ދެމަފިރިއަކު ވަރިކުރުވައިފިނަމަ އެއީ ޝައިޠޯނާ އެންމެ އުފާވާ، އެކަންކުރުވި ޝައިޠޯނާގެ ބޮލުގައި ޢިއްޒަތުގެ ތާޖު ބަހައްޓައިދޭ ކަންތަކެވެ.
ވަރިކުރުމަކީ އިސްލާމް ދީނުގައި ކުރަން ހުއްދަކަމެކެވެ. ސުވާލަކީ ބޮޑެތި ޙަރާމް ކަންކަން ކުރުވުމުން އެއީ ކަމަކަށްނުވެފައި ހުއްދަކުރެއްވެވި ކަމެއް ކުރުމުން ޝައިޠޯނާ މިހައި ބޮޑަށް އުފާވަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބު ވަރަށް ސާފެވެ. ކައިވެނި ރޫޅިގެން ދިއުމުން ދަރިންތަކެއް ބިކަވެ ޙާލުގައި ޖެހޭތީއެވެ. އެކުދިން މަގުފުރައްދައިލުމުގެ ފުރުޞަތު ބޮޑުވެގެންދާތީއެވެ. އަދި އެދެމީހުން ލައްވައިވެސް ނުބައި ޢަމަލުތައް ކުރުވަން ފަސޭހަވެގެންދާތީއެވެ.
މީސްތަކުންނޭވެ! ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ، ރުޅި އަންނަ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަވަހަށް އަޢޫޛް ކިޔާށެވެ. ޝައިޠޯނާ ދުރަށް ފައްސައިލާށެވެ! ކައިރިވިޔަނުދޭށެވެ! ރުޅި އައިމީހާވެސް ރުޅި ނައިސްހުރި މީހާވެސް ދެމީހުންވެސް ކިޔަވާށެވެ! ނުބައި ވަސްވާސްތައް ދޭން ކައިރިވިޔަ ނުދޭށެވެ! މިއީ ކުރަން ނުހަނު ފަސޭހަވެސް ކަމެކެވެ. ކުރުމުން އެކަމުގެ ފައިދާކުރާކަން އެތައް ހާސްބައަކު ވަނީ މިހާރުވެސް ތަޖުރިބާކޮށްފައެވެ. ތިބާވެސް ނިކަން ތަޖުރިބާ ކޮށްލައިބަލާށެވެ!
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން