ނަމާދު ނުކުރެވެނީހެއްޔެވެ؟ ދަރިންވެސް ނަމާދު ނުކުރަނީހެއްޔެވެ؟ އަވަހަށް މިދުޢާކުރަން ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ނަމާދު ނުކުރެވެނީހެއްޔެވެ؟ ދަރިންވެސް ނަމާދު ނުކުރަނީހެއްޔެވެ؟ އަވަހަށް މިދުޢާކުރަން ފަށާށެވެ!

ޤަޞްދުގައި ނަމާދުނުކުރަން ނޫންނަމަވެސް ނަމާދުނުކުރެވޭ މީހުން ވަރަށް ގިނައެވެ. ޢަމުދުން ފަރުޟް ފަސް ނަމާދު ބަރާބަރަށް ނުކުރެވޭ މީހުން ވަކިން ގިނައެވެ. އެއެންމެންވެސް އަޅާނުލައި ތިބެންވީއެއް ނޫނެވެ. ނަމާދުކުރަން މަސައްކަތްކުރަންވީއެވެ. ހިންމަވައިދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވީއެވެ. 

މިބަޔާންކުރަނީ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ. ނަމާދު ކުރަމުން ވެސް މި ދުޢާކުރުން މުހިންމެވެ. އަބަދުވެސް ހުންނަންވާނީ ނަމާދު ޤާއިމުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދިއެދިކަމަށްވާތީއެވެ. 

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ 

"އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމްކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލް ކުރައްވަވާނދޭވެ!"

(އިބްރާހީމް ސޫރަތުގެ 40) 

ޤިޔާމަތް ދުވަހުން ސަލާމަތްކަން ލިބެން އޮތީ ނަމާދު ޤާއިމުކުރި ވަރަކުންނެވެ. ވީމާ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ މީހުން ކަމުގައި ލެއްވެވުމަކީ އަބަދުވެސް އެންމެ ބޮޑަށް އެދެންޖެހޭނެ ކަންތަކެވެ. އަދި ދުޢާކުރަން ޖެހޭނީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމާއި ވެސް އެކުގައެވެ. ކޮންމެ ކަމެއް ޙާޞިލުކުރަން ނަމަވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ.  

ހަމައެއާއިއެކު ތިމާ އާއި ތިމާގެ މައިންބަފައިންނާއި އެންމެހައި މީސްތަކުންގެ ފާފަ ފުއްސެވުންއެދިގެންވެސް ދުޢާކުރަންވާނެއެވެ!  

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބް ޤާއިމް ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއްމިން ތަކުންނަށް ފާފަފުއްސަވާނދޭވެ!" 

މިއިން ކޮންމެ ދުޢާއަކީވެސް ސަޖިދައިގައިވެސް ކުރެވޭނެ ދުޢާއެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން