އަހުރެން ދައްކަން މިއުޅެނީ އެހެން ދީންތަކުގެ މީހުންގެ ވާހަކައެއް ނޫނެވެ. ހަމަ މުސްލިމުންގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!
ޤުރްއާން ހިތުދަސް މީހުންނަށާއި ޤުރްއާނުގެ އަހުލުވެރިންނަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާއަށް ޤުރްޢާނުން އެނގޭ މިންވަރެއް ކިޔަވަމުން ސުވަރުގޭގެ މަތީ ދަރަޖަތަކަށް އަރައިގެންދާށެވެ! މިބޮޑު ނިޢުމަތް ބޭނުންނުވާނީ ކޮން މުސްލިމެއް ހެއްޔެވެ؟
ދެން އަހުރެން ފާހަގަކޮށްލަން ބޭނުންވަނީ ތަފާތު ލަވަތައް ދަސްކުރާ މީހުންނެވެ. އެމީހުންގެ ހިތުގައި 1000 ލަވަ ދަސްވެފައި އޮވެދާނެއެވެ. އެކަމަކު އެމީހުންގެ ތެރޭގައި އެމީހުންގެ ހިތުގައި ޤުރްޢާނުގެ އެއްވެސް މިންވަރެއް ނެތް މީހުން ވަރަށް ގިނަވާނެއެވެ.
އަހުރެންގެ ސުވާލަކީ އެމީހުން ވިސްނައިގެން އެތިބެނީ އެލަވަތައް ކިޔަމުން ސުވަރުގޭގެ މަތީ ދަރަޖަތަކަށް އަރައިގެންދާން ހެއްޔެވެ؟ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެމީހުންނަށް ޖެހޭނީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކަށް ފައިބަން ކަމަށް ވެދާނެއެވެ. ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބު ލިބޭނީ އެންމެ އަޑީ ވަތްގަނޑުތަކުގައި ތިބޭ މީހުންނަށެވެ.
ލޮބުވެތި އެކުވެރިންނޭވެ! މުސްލިމުންނަށްވެސް ލަވަކިޔޭނެއެވެ. ދީނުގައިވާ އިންތަކުގެތެރޭގައެވެ. ވީމާ ލަވައެއް އެނގިފައި އޮތުމަކީ މައްސަލައެއް ނޫނެވެ. ވިސްނައިދޭން މަސައްކަތްމިކުރަނީ ކޮންމެ މީހަކުވެސް ކީރިތި ޤުރްއާނުން ވީހާގިނަތަނެއް ހިތުދަސްކުރުމުގެ މުހިންމުކަމެވެ. އެކަމުން ލިބެން އޮތް ބޮޑުފައިދާއެވެ. ޤުރްއާން ހިތުދަސްކުރުމަކީ ސުވަރުގޭގެ މަތީދަރަޖަތަކަށް އަރައިގެން ދެވެން އޮތްކަމެއް ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން