ޙަލާލުކުރަން އޮތީ ކުރާ ވިޔަފާރި އެކަންޏެއް ނޫނެވެ. ތިމާކުރާ ކޮންމެ މަސައްކަތެކެވެ. އެއިގެ ތެރޭގައި ތިމާއަދާކުރާ ވަޒީފާވެސް ހިމެނެއެވެ. ވަޒީފާ އަދާކޮށްގެން ހޯދާ މުސާރައަކީވެސް ހަމަ އާމްދަނީއެވެ. ވީމާ ލިބޭ މުސާރަވެސް ޙަލާލުކުރަން ޖެހެއެވެ.
ކޮންމެ މީހަކުވެސް އާމްދަނީ ހޯދުން އޮތީ ޙަލާލު ގޮތުގައެވެ. ވިޔަފާރިވެރިން ވިޔަފާރީގައި މަކަރު ނުހަދަން ދީނުގައި އޮތްފަދައިން ވަޒީފާތަކުގައި އުޅޭ މީހުން ވަޒީފާގައި ތެދުވެރިވާންޖެހޭނެއެވެ. ﷲ ތަޢާލާ ގަންދީ ކޮށްގެން ތިބޭ ހުވައަށް އިހްތިރާމްކުރަންޖެހޭނެއެވެ. ހުވާ ނުކުރިޔަސް ވަޒީފާގައި ތެދުވެރިވާންޖެހޭނެއެވެ. ވަޒިފާގެ އެއްބަސްވުމުގައި އެކަން ލިޔެވިފައި އޮތަސް ނެތަސް ތެދުވެރިވާންޖެހޭނެއެވެ. ވަޒީފާގެ ޒިންމާ އުފުލަން ޖެހޭނެ އެވެ. ޙަވާލުވެގެން ހުރި މަސްއޫލިއްޔަތު އަދާކުރަންޖެހޭނެއެވެ.
ކޮންމެ ވަޒީފާއެއްގައި ހުރިނަމަވެސް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމެވެ. ދީނަށް ނަޞްރުނުދޭނަމަ އެމީހަކީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ތެދުވެރިއަކަށްނުވެވޭނެއެވެ. ވަޒިފާގައި ﷲ ތަޢާލާގެ ދީނަށް ނަބްރު ދިނުމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ތެދުވެރިކަމާއިއެކު ވަޒީފާއަދާކުރުމެވެ. މުސްލިމުން މުސްލިމުންގެ ގޮތުގައި ޘާބިތުވެ ތިބުމަކީ ދީނަށް ނަޞްރުލިބޭނެ ކަމެކެވެ.
ޙަރާމް ތަކެތި ކައި އަނބިދަރިންނަށް ޙަރާމްތަކެތި ކާންދޭނަމަ އެދެވެނީ ނަރަކައާއި ދިމާއަށެވެ. އަނބިދަރިންނަށް ހަރާމްތަކެތި ކާންދޭނަމަ އަނބިދަރިން ކޮއްޕައި އެގެންދެވެނީ ނަރަކައާއި ދިމާއަށެވެ. ނަރަކައަކީ ފުރޭނެ ތަނެއް ނޫނެވެ. ނަރަކައަކަށް ނަރަކައިގެ އަލިފާނުގް ގަދަ ހޫނަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. އަސަރުކުރާނީ ނަރަކައިގައި ތިބެންޖެހޭ މީހުންނަށެވެ.
ވަޒިފާގައި ތެދުވެރިވުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. ޘަވާބު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. މިކަންކަން ހަނދާންކޮށްދޭން މިޖެހެނީ އަހުރެމެންގެ އަޚްލާޤަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނެވެ. ވަޒިފާއެއް ލިބުމުން ވަޒީފާ ދެއްވެވި ފަރާތަކީ ﷲ ތަޢާލާކަން ހަނދާންނުކުރެވޭ މީހުން ގިނަވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން