ޤިޔާމަތްދުވަހު ހިނގާނެ ކަންކަމާއި ކަންކަން ހިނގާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ނަމަވެސް ބައެއް ކަންކަން ވަނީ މީސްތަކުންނަށް ބަޔާންކޮށް ދެއްވަވައިފައެވެ. އެއީވެސް މީސްތަކުންނަށް ފިލާވަޅަކަށެވެ. މަގުދެއްކެވުމަށެވެ. ޙައްޤުމަގުގައި ޘާބިތުވެ ތިބުމަށް ހިތްވަރަކަށެވެ.
އަހަރެމެން މުސްލިމުން އަބަދުވެސް އެންމެ ބޮޑަށް ކަންބޮޑުވެގެން މިތިބެނީ ޤިޔާމަތްދުވަހު ތިމާއާއިމެދު ކަންކަން މެދުވެރިވެދާނެ ގޮތެއް ނުއެނގޭތީއެވެ. އެހެންކަމަށްވާއިރު ޤިޔާމަތް ދުވަހުން ތިމާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެކަން ޔަޤީންކުރެވުމަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟
ﷲ ތަޢާލާއަށްޓަކައި އެހެން މީހަކު ދެކެ ލޯބިވާ މީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަތެވެ! ﷲ ވަޙީކުރައްވަވާފައިވަނީ އެކަލާނގެއަށްޓައި އެހެން މީހަކު ދެކެ ލޯބިވާ މީހާ ދެކެ ލޯބިވެވޮޑިގަތުމަކީ ﷲ ތަޢާލާއަށް ވާޖިބުވެވޮޑިގަންނަވާ ކަމެއް ކަމަށެވެ.
އަހަރެން ދިން ދަރުސެއްގައި މިވާހަކަ ދައްކާފައި އެތަނުގައި އަޑުއަހަން އިން އެކަކު ވެސް ﷲ ތަޢާލާއަށްޓަކައި އެއްވެސް މީހަކު ދެކެލޯބިވަމުތޯ ސުވާލުކުރީމެވެ. ޖަވާބުގައި މީހަކު ބުނީ ލޯބިވާ ކަމަށާއި ނަމަވެސް އޭނާއަކީ މުސްލިމެއްވެސް ނޫން ކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވުމަށްޓަކައި ލޯބިވާން ޖެހޭނީ އެފަދަ މީހަކާއިއެއް ނޫނެވެ! މި ޙަދީޘްފުޅުގެ މާނައަކީ ޞާލިޙް ހެޔޮލަފާ މީހަކު ދެކެ ލޯބިވުމެވެ. ތިބާއަށްވުރެ ކުރިން މިސްކިތަށް ގޮސްހުންނަ މީހަކު ދެކެ ލޯބިވުމެވެ. ހެޔޮލަފާ ތަޤްވާވެރިއަކު ދެކެ ލޯބިވުމެވެ. ﷲ ތަޢާލާއަށްޓަކައި އެކަލާނގެ ބާވައިލެއްވެވި ދީން އުނގެނޭ މީހަކު ދެކެ ލޯބިވުމެވެ. ﷲ ތަޢާލާއަށްޓަކައި ޞަދަޤާތްކުރާ މީހަކު ދެކެ ލޯބިވުމެވެ.
ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވަޑައިގެން ތިއްބަވާނެ ނަބީބޭކަލުންނާއި ޝަހީދުންނާއިއެކުގައި ބައަކު ތިބޭނެ ކަމާއި އެމީހުންނަކީ އެމީހުންގެ އެއްވެސް އަމިއްލަ އެދުމެއް ނެތި ﷲ ތަޢާލާއަށްޓަކައި ކުރިން މި ބަޔާންކުރި ފަދަ މީހަކު ލޯބިވީ މީހުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ދެވަނައީ ދުނިޔަވީ އެއްވެސް ސަބަބެއް ނެތި ﷲ ތައާލާއަށް ލޯބިން މަޖިލިސް ހަދައި އިށީނދެތިބެ ﷲ ތަޢާލާ މަތިން ހަނދުމަކުރާ މީހުންނެނެވެ. އެހެންވެ އެ ދަރަޖަ ހޯއްދެވުމަށްޓަކައި ޢުމަރު ބިން ޢަބްދުލްޢަޒީޒް މަސައްކަތް ނިންމަވައިލެއްވެވުމަށްފަހު ހެޔޮލަފާ، ދީނުގެ ޢިލްމުވެރިން ގެންނަވައި އެބޭކަލުންނާއިއެކު އިށީނދެވަޑައިގެން މަޖިލިސް ކުރެއްވެވިއެވެ. ހަމައެކަނި ﷲ ތަޢާލާ ހަނދުމަކުރެއްވެވުމަށްޓަކައެވެ.
ތިންވަނައީ ދުނިޔަވީ އެއްވެސް އަމިއްލަ އެދުމެއް ނެތި ހަމައެކަނި ﷲ ތަޢާލާއަށްޓަކައި މީސްތަކުންނާއި ބައްދަލުކޮށް އުޅޭ މީހާއެވެ. އެ ބައްދަލުކުރުމުގައި އެއްވެސް މިންވަރަކަށް އަމިއްލަ އެއްވެސް އެދުމެއް އޮވެގެން ނުވާނެއެވެ!
ހަތަރުވަނައީ އެއްވެސް އަމިއްލަ އެދުމެއް ނެތި ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ދީ އުޅުނު މީހާއެވެ. މިތަނުގައި ދީ އުޅުމުގެ މާނައަކީ ހަމައެކަނި ފައިސާ އާއި ތަކެތި ދިނުމެއް ވެސް ނޫނެވެ. އެމީހާގެ ވަގުތު ދިނުންވެސް ހިމެނެއެވެ. ނމަވެސް އެއްވެސް އަމިއްލަ އެދުމެއް ނެތި ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ.
މި 4 ބައިގެ ތެރޭގައި ހިމެނުމަކީ ވަރަށް ފަސޭހަކަމެކެވެ. އެންމެ ކުޑަމިނުން މިއިން ކޮނަމެވެސް އެއްބައެއްގެ ތެރޭގައި ހިމެނެތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާ ގެ ލޯބިވެވޮޑިގަތުން ލިބިގަތުމަށްޓަކައެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި އެންމ ބޮޑަށް ކުއްތަންވެވޭ މީހަކުކަމުގައިވުމަށްޓަކައެވެ.
--ޝައިޚް ސަޢީދުގެ ދަރުސަކުން