އަނބިންނަށް ހެޔޮކޮށް ހިތުމާއިބެހޭ ގޮތުން ދެވިފައި ހުންނަ ދަރުސްތަކާއި ގުޅިގެން ފިރިހެން ބޭފުޅުންވެސް ސުވާލު އުފައްދަވައެވެ. "އަނބިން ފިރިންނަށް ހެޔޮވާން، އޯގާތެރިވާން، ވަފާތެރިވާން، އެހީތެރިވާން ނުޖެހޭނެތޯއެވެ؟"
މިިސުވާލުގެ ޖަވާބުގައި ބުނަންޖެހެނީ ދެމަފިރިން ވެސް އެކަކު އަނެކަކަށް ހެޔޮލަފާވާން ޖެހޭނެ އެވެ. އަދި ކޮންމެ ދަރުސްތަކުގައި އެކަން ފާހަގަވެސް ކުރަމެވެ. ކައިވެނީގެ ޚުޠުބާތަކުގައިވެސް ނަޞޭޙަތްދީ ވަޞިއްޔަތްކުރަނީ ދެމީހުންނަށެވެ. ދެމީހުންގެ ޒިންމާތައް ވަކިވަކިން ކިޔައިދެވެއެވެ.
އަނބިންނަށް ހެޔޮކޮށް ހިތުމުގެ ވާހަކަ ގިނައިން ދައްކަންޖެހެނީ ސަބަބުތަކެއް އޮތުމުންނެވެ. އެންމެ ބޮޑު ސަބަބަކީ ފިރިމީހާއަކީ އަނބިމީހާގެ ހުރިހާ ކަންކަން ބަލަހައްޓައިދޭންޖެހޭ މީހާކަމަށްވުމުންނެވެ. އަނބިމީހާގެ ބެލެނިވެރިޔާ ކަމަށްވުމުންނެވެ.
ފަށަމުން ސުރުޚީއެއްގެ ގޮތުން " އަނބިންނަށް ހެޔޮކޮށްހިތަން ބުނަންޖެހެނީ އަންހެނުން މަތީގަ ތިބޭތީ ނޫންކަމަށާއި ފިރިހެނުން މަތީގަ ތިބޭތީ ކަމަށް ބުނީ މިބުނި ސަބަބުތަކަށްޓަކައެވެ. ހަމަ ޙަޤީޤަތުގައިވެސް ޢާއިލާގެ ޒިންމާދާރު ވެރިއަކީ ފިރިމީހާކަމަށްވާތީއެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ. އެއީ ދީނުގައި އެކަން އޮތް ގޮތެވެ.
ކަން މިހެން އޮތްއިރު ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އިސްލާމީ ޤައުމުތަކުގައި މިހައިތަނަށް ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ މީހެއްގެ ސަބަބުން ކައިވެނިރޫޅުނަސް ކައިވެނި ރޫޅުމުން ބޮޑަށް ގެއްލުން ލިބި ނިކަމެތިވަނީ އަނބިންނެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވާނަމައެވެ.
ޒިންމާދާރުކަމާއިއެކު ވެރިކަންކުރާ ވެރިން ވެރިކަމުން ފައިބާނީ ރައްޔިތުންނަށް ގެއްލުންދީފައެއް ނޫނެވެ. ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ކޮށްފައެވެ. ހަމައެފަދައިން ކައިވެނި ރޫޅާލަންޖެހުނަސް އެކަން ކުރަންވާނީވެސް އަނބިމީހާއަށާއި ލިބިފައިތިބި ދަރިންނަށް އަނިޔާއަކަށް ނުވާނެ ގޮތަކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން