ދުޢާކުރުމުގައި ޢަމަލުކުރަންހުރި ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އެއިގެ ތެރޭގައި ދުޢާކުރުމަށް ތައްޔާރުވާން ކުރަންހުރި ބައެއް ކަންކަންވެސް ހިމަނާނަމެވެ. ދުޢާކުރާއިއރުގައާއި ދުޢާކުރުމަށްފަހުގައިވެސް އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ބައެއް ކަންކަންވެސް ހިމަނާނަމެވެ.
ފުރަތަމަ ކަމަކަށް ދުޢާކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އަހަރެމެންނަށް ކަމަކަށް ބޭނުންވުމުން ވަޤުތުން ދުޢާކުރަންވީއެވެ. ދުޢާކުރަން ވަކިތަނަކަށް ދާކަށްވެސް ނުޖެހެއެވެ. އެމީހަކު ހުރިތަނެއްގައި ހުރެގެން ދުޢާކުރަންވީއެވެ. ނަމަވެސް ކަންކަމަށް އެދި ދުޢާކުރުމުގައި ވާންޖެހޭ ތައްޔާރީތަކެއްވެސް އެބަހުއްޓެވެ. އެކަންކަން ކުރެވޭނީ ދުރާލައި އެކަމަށް ތައްޔާރުވެގެންނެވެ.
އެގޮތުން ކުރަންޖެހޭ އެއްކަމަކީ ހެޔޮ ޢަމަލުކުރުމެވެ. އަޅުކަންކުރުމެވެ. އެގޮތުން 2 ރަކްޢަތް ނަމާދެއް ކޮށްލެވިދާނެއެވެ. ޤުރްއާނުން މިންވަރެއް ކިޔަވައި ލެވިދާނެއެވެ. ތަނަވަސްކަންހުރި ނަމަ ޞަދަޤާތް ކުރުމެވެ.
ދެވަނަ ކަމެއްގެ ގޮތުން މައިމީހާއަށް ނަމަވެސް އަނބިދަރިންނަށް ނަމަވެސް ޢާއިލާގެ ކޮންމެވެސް މީހަކަށް ނަމަވެސް ކޮންމެވެސް ހެޔޮކަމެއްކޮށްދޭށެވެ!
3 ވަނަ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. ޙަމްދުޘަނާ ކިޔުމެވެ. އެގޮތުން އެންމެ މަތިވެރިފަރާތަކީ، މިއަޅާގެ ބޭނުން ފުއްދަވައިދެއްވެވޭނެ ފަރާތަކީ ﷲ ތަޢާލާކަން ބަޔާންކުރާށެވެ!
4 ވަނަކަމެއްގެ ގޮތުން ތިމާގެ ކުށުގެ ރެކޯޑް ޠޯހިރުކޮށްލާށެވެ! މާނައަކީ ކުރެވިފައިވާ ފާތަކަށް ތައުބާވާށެވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވާށެވެ! 5 ވަނަ ކަމެއްގެ ގޮތުން ރަސޫލް (ﷺ) އަށް ޞަލަވާތް ކިޔަވާށެވެ!
އެއަށްފަހު ތިބާ އެދޭ ކަންކަމުގެ ވާހަކައިން ދަންނަވާށެވެ!
ހަނދާން ބަހައްޓާށެވެ! ދުޢާކުރުމާއިއެކުވެސް އެކަމެއް ޙާޞިލުކުރަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ! މިސާލެއްގެ ގޮތުން ބުނާނަމަ ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރުމަށްފަހު އެކަމަށް އެއްވެސް މަސައްކަތެއް ނުކުރާނަމަ އެމީހަކު ވާނީ މޮޔައަކަށެވެ. ﷲ ތަޢާލާ އަނގަވާފައިވަނީ އެކަމަކަށް އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ﷲ ތަޢާލާއަށް ދުޢާކުރުމަށެވެ. ވީމާ މަސައްކަތެއް ނުކޮށް ހުރެ ދުޢާކޮށްގެން ނުވާނެއެވެ!
އަދި ދުޢާކުރަންވާނީ އެކަށީގެންވާ ކަންކަމަށް އެދިއެވެ. މިސލެއްގެ ގޮތުން ސީލިންތެރެއިން ރަންފައުނެއް ވައްޓަވައިލަދެއްވުން އެދި ފަދަ ކަންކަމަށް ދުޢާކޮށްގެން ނުވާނެއެވެ! ހަމައެއާއިއެކު ﷲ ތަޢާލާ އެކަމެއް ކުރަން ހުއްދަކުރައްވަވާފައި ނުވާ ކަންކަމަށް އެދި ދުޢާކޮށްގެން ނުވާނެއެވެ! މިސާލަކަށް "ޔާ ﷲ! މިއަޅާ މިއުޅެނީ ލޯބިވެރިޔާއާއި ބައްދަލުކޮށް ގުޅުން ހިންގޭތޯއެވެ. އެކަމަށް މަގުފަހިކޮށްދެއްވަވައިފާނދޭވެ!" ފަދަ ދުޢާ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެއެވެ!
ބައެއް ފަހަރު ފާފައެއް ކުރަން އުޅެނިކޮށް ކޮންމެވެސް މީހަކު އެތަނަށް ދިއުމުން ނުވަތަ ކޮންމެވެސް މީހަކަށް ފެނިގެން އެކަމަށް އެބަ ހުރަސް އެޅެއެވެ. އެފަދަ ވަގުތަކު އެމީހަކު ދެކެ ރުޅި ނާންނާށެވެ! އެއީ ﷲ ތަޢާލާ، ތިބާ އެކަމުން ސަލާމަތްކޮށްދެއްވެވުމަށް "މަލާއިކަތެއް" ފުނުއްވެވުން ފަދަ ކަމެއް ކަމަށް ދެކި ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ!
ދުޢާ ކުރުމުގައި ނޭނގިތިބެ ބައެއް މީހުންނަށް ވަރަށް ބޮޑު ކުށެއްވެސް ކުރެވެއެވެ! އެއީ ދުޢާކޮށްފައި އިން ޝާ ﷲ! ބުނުމެވެ. އެއީ ތިބާ ހެއްދެވި ފަރާތަށް ކުރެވޭ ފުރައްސާރައެކެވެ. ދަންނަވަންވާނީ މިވެނިކަމެއް މިއަޅާއަށް ހިންމްވައި ދެއްވެވުމަށެވެ! ސަބަބަކީ ﷲ ތަޢާލާއީ ތިބާ އެދޭ ކޮންމެ ކަމެއް ހިންމަވައި ދެއްވެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
ޚާއްޞަކޮށް ފާފަ ފުއްސަވައިދެއްވެވުމަށް އެދި ދަންނަވާއިރު އިން ޝާ ﷲ ބުނެގެން ނުވާނެއެވެ. ނަމަވެސް ކަމަކަށް އެދި ދަންނަވާނަމަ "މިކަމަކީ މިއަޅާއަށް ފައިދާހުރިކަމެއް ނަމަ" ހިންމަވައި ދެއްވެވުމަށް ދަންނަވާށެވެ! އަދި މިއަޅާއަށް ގެއްލުންހުރި ކަމެއްނަމަ އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދަންނަވާށެވެ!
ދުޢާކުރުމުގައި އެންމެ ރިވެތި ބަހުރުވަ ބޭނުންކުރާށެވެ! ނިކަމެތިކަން ބަޔާންކުރާށެވެ! އަދި ނިކަމެތިކަމާއިއެކު ދުޢާކުރާށެވެ! ހަރުކަށި އެންމެ ލަފުޒެއްވެސް ބޭނުންނުކުރާށެވެ! ދުޢާކުރުމަށްފަހު ވަގުތުން ދުޢާ ޢިޖާބަކުރެއްވެވުމަށް ނުއެދޭށެވެ! ﷲ ތައާލާ ދުޢާ ޢިޖާބަ ކުރައްވަވާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުއެވެ. އެމީހަކަށް އެކަމުން އެންމެ ފައިދާކުރާނެ ވަގުތުގައެވެ. ބައެއް ދުޢާ ޢިޖާބަކުރައްވަވައި ދެއްވެވުން ޤިޔާމަތް ދުވަހަށްވެސް ލަސްކުރައްވަވައެވެ. ވީމާ ދުޢާކުރާ މީހާ މިހުރިހާ ކަންކަމަށް ވިސްނަންވާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން