މީހަކު ފާފައެއް ކުރަން ހިތަށްއެރުމުން އެކަން ނުކޮށްފިނަމަ އެމީހަކަށް ހެޔޮކަމެއް ލިޔުއްވަވާނެތެވެ. އެކަމުގެ ޘަވާބު 10 ގުނައިން 700 ގުނައަށް ނުވަތަ އެއަށްވުރެވެސް އިތުރުކުރެއްވެވުމަށް ﷲ ތަޢާލާ ދީލަތިވަންވެވޮޑިގެންވެއެވެ.
ވީމާ ޝައިޠޯނާ ވަސްވާސްދެމުންދެމުންގޮސް އެފާފަކުރަން ޝައުޤުވެރިވެފައި އެކަން ނުކުރީމާ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ހެޔޮ ކަމުގެ ޢަދަދާއިމެދު ވިސްނައިލާށެވެ! އެކަމަށް ޝައިޠޯނާ ނުރުހޭނެ މިންވަރާއިމެދު ވިސްނައިލާށެވެ!
ވީމާ މިރެއިން ފެށިގެން އެއްވެސް ފާފައެއް ނުކުރަން ޢަޒުމް ކަނޑައަޅާށެވެ! އެގޮތުގައި 30 ދުވަހު ދެމިހުންނާށެވެ! 30 ދުވަހު ތިބާ ފާފައެއް ނުކޮށް ހުރެއްޖެނަމަ ތިބާއާއިމެދު ޝައިޠޯނާ މާޔޫސްވާނެއެވެ. ފާފަކުރަން އެވަސް ވަސްވާސްދިނީމާވެސް ފާފައެއް ނުކޮށް ހުރެ މިބުނިހައި ގިނަ ޘަވާބު ހޯދީމާ އެމީހަކާއި ކައިރިވާން ޝައިޠޯނާ ބޭނުމެއް ނުވާނެއެވެ. އެއީ އޭނާ ނަރަކައާއި ދުރައްޖެހި ސުވަރުގެއާއި ކައިރިވަމުން އަންނާތީއެވެ.
ﷲ ތަޢާލާގެ ރަހްމަތްފުޅުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ! ފާފައެއް ކުރެވުނަސް ލިޔުއްވަވާނީ 1 އެވެ. ހެޔޮކަމެއް ކޮށްފިނަމަ މަދުވެގެން 10 ލިޔުއްވަވާނެތެވެ. ވީމާ ފާފައެއް ކުރެވުނަސް ވިއްދައިގެން ހެޔޮކަމެއް ކުރާށެވެ! އެއިރުން އެމީހަކަށް ދެވޭނީ ސުވަރުގެއާއި ގާތްވަމުންނެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން