ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން ﷲ ތަޢާލާގެ ޙަޟްރަތުން އެދޭ ކަންކަން ހިންމަވައި ދެއްވެވުމުން ތިމާވީ ވަޢުދުތައް ހަނދާން ނައްތާލާ މީހުން މި 3 އާޔަތަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން ﷲ ތަޢާލާގެ ޙަޟްރަތުން އެދޭ ކަންކަން ހިންމަވައި ދެއްވެވުމުން ތިމާވީ ވަޢުދުތައް ހަނދާން ނައްތާލާ މީހުން މި 3 އާޔަތަށް ބިރުވެތިވާށެވެ!

ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން ނިކަމެތިވެ 2 އަތް އުފުލައި ދަންނަވަމުއެވެ! "ޔާ ﷲ! މިއަޅާއަށް މިވަނީ މިވެނި އެވެނި ކަންކަން ކުރިމަތިވެފައެވެ. އެކަންކަމުން މިއަޅާ ސަލާމަތްކޮށް ދެއްވަވާނދޭވެ! މިއަޅާއަށް ކުރެވެމުން އައި ފާފަތަކެއް ދެން މިއަޅާ ނުކުރާނަމުއެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާނަމެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަކުރާނަމެވެ. ސުންނަތް ރޯދަވެސް ހިފާނަމެވެ." 

މިފަދަ އެތައް ވަޢުދުތަކެއްވާ ގިނަ މީހުންގެ ތެރޭގައި ގިނައީ އެމީހުންނަށް ކުރިމަތިވި ކަންކަމުން ސަލާމަތްވެވުމުން ވީވަޢުދުތައް ނުފުއްދިތަނުގައި ފަރުޟުތައްވެސް އަދާނުކުރާ މީހުންނެވެ. ފާފަކުރުންމަތީގައި ދެމތިބޭ މީހުންނެވެ. ވީމާ ވިސްނައިލާށެވެ! 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އެއުރެންގެ މައްޗަށް މި ޢަޛާބް އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ މޫސާ ގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ތިމަންމެންނަށްޓަކައި، ދުޢާ ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ ޢަހްދު ކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި ޢަޛާބް ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން އީމާންވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި އިސްރާއީލްގެދަރިން ފޮނުވާހުށީމެވެ." (އަލްއައްރާފް: 134)

"ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ ޢަޛާބް ފިއްލެވިހިނދު، އެހާރުން ޢަހްދު އުވާލާ ބައަކު ކަމުގައި އެއުރެން ވޫއެވެ."

(އަލްއައްރާފް: 135)

"ދެން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެއަށް އެއުރެން ޣަރަޤް ކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އާޔަތް ތައް އެއުރެން ދޮގުކޮށް، އެ އާޔަތްތަކާމެދު ޣާފިލު ވީ ބައަކު ކަމުގައި ވީކަމަށްޓަކައެވެ." (އަލްއަޢްރާފް: 136)  

މި 3 އާޔަތުގައި މިވަނީ މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ކަންކަން މެދުވެރިކުރެއްވެވި ގޮތެވެ! ނިޢްމަތަށް ޝުކުރުނުކޮށް ކާފިރުވުމުން ބަދަލު ހިއްޕެވި ގޮތުގެ ވާހަކައެވެ. މިއީ ހަމަ މިހާރުވެސް ކަންކަން ހިނގާނެ މަގެވެ! 

އަތްމަތިދަތިވުމުން، ކަސްތޮޅު އެޅި ބަނދެވުމުން ނުވަތަ އެއްވެސް މުޞިބާތެއް ކުރިމަތިވާއިރަށް ދެއަތް އުފުލައި އެބަދުޢާކުރަމުއެވެ! އެކަމަކުން މިންޖުކޮށްދެއްވަވާއިރަށް ފެނިގެންމިދަނީ ކުރިއަށްވުރެވެސް ބޮޑަށް އުރެދޭތަނެވެ! އެހެންކަމުން ބިރުވެތިވާންވީ އަހުދުގައި ސާބިތު ނުވުމުން ދެއްވަވާނެ ޢަޛާބަށެވެ! 

ﷲ ތަޢާލާ މޫސާގެފާނުގެ ޤައުމުގެ މީހުން ޣަރަޤްކުރެއްވެވީއެވެ. ފިރުއަޢުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވެވީއެވެ. މިއަދު އަހަރެމެން އެންމެން އެކުގައި ކަނޑަށް ޣަރަޤު ނުކުރައްވަވައިވެސްފާނެއެވެ. އަދި ޣަރަޤުކުރައްވަވައިވެސްފާނެއެވެ. ކަނޑުގެ ލޮނުގަނޑު މިދަނީ އުފުލެމުންނެވެ. އަޑިއަށްދާނީ ކިތައް ޤައުމުކަން ކިތައް މލިއަން މީހުންކަމެއް އެމުޞީބާތުން ސަލާމަތްކުރައްވަވާނީ ކިތައް މީހުން ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ 

މިހިރީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނައި ފިކުރުކޮށްލުން މުހިންމު ކަންކަމެވެ! އިސްލާމްވުމަށްފަހު އިސްލާމް ދީނަށް ޢަމަލުނުކުރުމާއި އިސްލާމުންގެ ގޮތުގައި ދުނިޔެއަށް އުފަންވެ، ތިމަންމެންނަކީ މުސްލިމުން ކަމަށް ބުނަމުން އިސްލާމް ދީނަށް ޢަމަލު ނުކުރުމާއި މިހިރަ މިހިރަ ކަންކަމަކީ ހަމަ ސީދާ ﷲ ތަޢާލާއަށް އޮތް އަހުދު އުވައިލުމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް ޢަމަލު ނުކުރުމާއި ޙައްދުތައް ޤާއިމު ނުކުރުމަކީވެސް ﷲ ތައާލާއަށް އޮތް އަހުދު އުވައިލުމެވެ. 

ވީމާ ކޮންމެ މީހަކުވެސް ކޮންމެ ކަމެއް ކުރިނަމަވެސް އެކަން މިކުރެވެނީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށްކަން ޔަޤީންކުރާށެވެ! ﷲ ތައާލާ ނަހީކުރައްވަވާފައިވާ އެއްވެސް ޢަމަލެއް ނުކުރާށެވެ! އަޅާ ކޮންމެ ފިޔަވަޅަކީ ނަރަކަ ޢާއި ދުރަށް އަދި ސުވަރުގެއާއި ކައިރިއަށް އަޅާ ފިޔަވަޅެއްކަން ކަށްވަރުކޮށްގެން އަޅަމުން ގެންދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން