ނަރަކައިން ގިނައިން ފެނިވަޑައިގަތީ އަންހެނުންކަމަށް ކުރެއްވެވި ޙަދީޘްފުޅުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ޢިލްމްވެރިން އެވާހަކަ ދައްކަވަނީ އަންހެނުން ބިރުގަންނަވާކަށް ނުވަތަ އަންހެނުން ނިކަމެތިކުރާކަށް ނޫނެވެ. ހޭލުންތެރިވެ ނަރަކައިން ސަލާމަތްވާން ބޮޑަށް މަސައްކަތްކުރަންޖެހޭނެކަން ބަޔާންކުރެއްވުމަށެވެ.
އެކަނބަލުންނަށް ﷲ ތައާލާގެ ޙަޟްރަތުން ހުރި މަތިވެރި ދަރަޖަތަކާއި ކަނބަލުންނަށް ސުވަރުގެއިން ލިބެންހުރި މަތިވެރިކަމުގެ ވާހަކަވެސް ދައްކަވައެވެ. ކަންބޮޑުވެވެނީ ނަރަކައިގައި އެންމެ ގިނަވާނީ އަންހެނުންނަމަވެސް ސުވަރުގޭގެ އެންމެ މަތީދަރަޖައިގައިވެސް އަންހެނުން ވާނެކަން ކީރިތި ޤުރްއާނުން އެނގެން އޮތްއިރުވެސް އެކަން ހަނދާންނުކުރެވޭތީއެވެ. ފިރިހެނަކަސް އަންހެނަކަސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުލި ސުވަރުގޭގެ މަތީ ދަރަޖަތައް ލިބުން އޮތީ ތަޤްވާވެރިކަން އިތުރުކުރިވަރަކުންނެވެ،
ލޮބުވެތިކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ދަރަޖަ ﷲ ތައާލާގެ ޙަޟްރަތުގައި އުފުލައިލަން ކުރެވިދާނެ ކަންކަން ވަރަށް ގިނައެވެ. ފުރަތަމަ ކަމެއްގެ ގޮތުންވެސް ފޭރާންލުން އިޞްލާޙްކޮށްލައިބަލާށެވެ. ގިނަ ބައެއްގެ ސަމާލުކަން ހޯދަން ހެދުން އެޅުމުގެ ބަދަލުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލިގެންދާނެ ގޮތަށް ނިކަން ހެދުންލައިބަލާށެވެ!
ހަމައެއާއިއެކު ގެއިން ބޭރަށް ދިއުމުގައިވެސް ބޭރުގައި އުޅޭއިރު ތިމާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެ ގޮތަށް ޢަމަލުކޮށްބަލާށެވެ. ގެއިން ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ކިޔައި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިގެން ލިބިގެން ނޫނީ ގެއިން ނުނުކުމެބަލާށެވެ! އެއިރުން އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠީނުންނަކަށްވެސް އެހެން ޝައިޠޯނަކަށްވެސް ތިބާގެ މައްޗަށް ގަދަވެއެއް ނުގަނެވޭނެތެވެ.
މިހެން ބުނީމާ ފިރިން ގަދަރުޅިން ރުޅި ނުއަންނާށެވެ! މިއީ ބުނަންޖެހޭ ވާހަކައެކެވެ. ފިރިމީހާ އާއިއެކު ބޭރަށް ދިއަ ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަން އަނބިންނަށް ޖެހެއެވެ. ސަބަބަކީ އަނބިން ހިމާޔަތްކޮށްދީ ބަލަހައްޓަންޖެހޭ ބައެއް ފިރިންގެ ފަރާތުންވެސް އަނބިންނަށް ނުރައްކައުތެރި ކަންކަން މެދުވެރިވެއެވެ. އެފަދަ ގޮތެއް މެދުވެރިނުވާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ފިރިމީހާ އާއިއެކު ބޭރަށް ދިއަނަމަވެސް ކޮންމެ ކަނބަލަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެންޖެހޭނެއެވެ.
ދެން ބުނެލަން އޮތީ ﷲ ތަޢާލާއަށް އުރެދުމެއްނުވާ ކަންކަމުގައި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްގެންވެސް އަނބިންނަށް ސުވަރުގެ ވަދެވެން އެބައޮތެވެ. ދެމަފިރިންނަށް އެކުގައި ނުއުޅެވޭ ޙާލަތުގައި ވަރިވުމަކީ އަނބިމީހާއަށް ލިބިގެންވާ ޙައްޤެކެވެ. އެކުގައި އުޅެވެން ނެތިއްޖެނަމަ ރިވެތިގޮތުގައި ވަކިވާށެވެ. އެހެނެއްކަމަކު އަންތބެއްގެ ގޮތުގައި އިންނަނަމަ އިންނަންވާނީ ފިސާރި ކިޔަމަންތެރިކަމާއިއެކުގައެވެ. ވީމާ އެކުގައި އުޅެވެން ނެތިގެން ވަކިވާންޖެހުނަސް ތިބާއަކީ ނުކިޔަމަންތެރި އަންތބަކު ކަމަށް ބުނުމުގެ ފުރުޞަތު ނުދޭށެވެ!
އަދިވެސް އެއްކަމެއް ބުނެލާނަމެވެ! ތަޤްވާވެރިވުމަކުން އަދި ނުފުދެއެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަންވާނެއެވެ. ފުރުޟްނަމާދުތަކަށް ރައްކައުތެރިވުމުގެ އިތުރުން ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާށެވެ! ހަމައެކަނި ރަވާތިބް ސުންނަތް ކޮށްލުމަކުންވެސް ނުފުދެއެވެ. ޞުޙާ ނަމާދާއި ވިތުރީގެ އިތުރުން ތަހައްޖުދް ނަމާދުކުރާށެވެ! ގޭތެރޭގެ މަސައްކަތުގައި އުޅެމުންވެސް ޛިކުރުތައް ކިޔަމުން ގެންދާށެވެ. ގުނުމުގެ ބޭނުމެއްވެސް ނެތެވެ. ކިޔާވަރަކަށް މަލާއިކަތުން ލިޔުއްވަވާނެތެވެ. އަދިކީއްހެއްޔެވެ؟ ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީވެސް ޛިކުރުކުރުމެވެ. ބޭނުންނަމަ މިއީ ކިތަންމެ ގިނައިންވެސް ކުރެވެން އޮތް ކަމެކެވެ.
މިބަޔާންކުރީ 4 ކަމެކެވެ. އެއީ ﷲ ތަޢާލާ އަނގަވާފައި ގޮތަށް ފޭރާންލުމާއި ގެއިން ބޭރަށްދާނަމަ ﷲ ތަޢާލާގެ ރައްކައުތެރިކަން ހޯދަން ކުރަންޖެހޭ ކަންކަންކޮށްގެން ގެއިން ބޭރަށް ދިއުމާއި އަދި ފިރިންނަށް ކިޔަމަންތެރިވުމާއި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ތިބާ ﷲ ތަޢާލާގެ ޙަމްރަތަށް ކިޔަމަންތެރިކަން އަދާކުރަމުން މި 4 ކަންތަކަށް ސަމާލުކަންދީފިނަމަ ތިބާއަށް ދުނިޔެއާއި އާޚިރަތުގައިވެސް އުފާވެރިކަން ލިބިގެންދާނެއެވެ! އިން ޝާ ﷲ
އަދި އެއްވާހަކަ ބުނެލާނަމެވެ. އެއީ ގެއިން ބޭރަށްދާނަމަ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދުން މިހައި މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރަންޖެހުނު ސަބަބެވެ. އެއީ ގިނަ އަންހެނުން ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ ގެއިން ބޭރުގައި ހޭދަކުރާ ވަޤުތުތަކުގައިކަމަށްވާތީއެވެ. ވީމާ ގެއިން ބޭރުގައި އުޅޭއިރު ޝައިޠޯނާއަށް ތިއަ ކަނބަލުންނާއި ކައިރިވެސް ނުވެވޭނެ ގޮތަށް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ.
ގޭތެރޭގައި ހޭދަކުރާ ވަޤުތުތަކުގެ ވާހަކަ އެހެން ދަރުސެއްގައި ދައްކާނަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން