ޢިއްދައިގެ މުއްދަތުގަ އޮތީ އަލުން ކައިވެނިކުރުމެއް ނޫން! ރުޖޫޢަކުރުން!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 53ސ
ޢިއްދައިގެ މުއްދަތުގަ އޮތީ އަލުން ކައިވެނިކުރުމެއް ނޫން! ރުޖޫޢަކުރުން!: ޝައިޚް ޝާފިޢު

ދެމަފިރިން ވަރިވެ ޢިއްދައިގައި އަނބިމީހާ އިންނަ މުއްދަތުގައި އަންހެނާއަކީ ފިރިމިހާގެ އަންތބެކެވެ. އޭނާ އާއި ކައިވެނިކުރަން ހުށަހަޅާކަށް ނުޖެހޭނެއެވެ. ފިރިމީހާ ރުޖޫޢަކުރުމުން އެއޮތީ ރުޖޫޢަ ކުރެވިފައެވެ.  

"ޢިއްދާގައި އިން އަންހެނަކާ ކައިވެނިކުރަން ހުށަހެޅުން" މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގައި އެވަނީ ޢިއްދައިގައި އިން އަންހެނަކާއި ކައިވެނިކުރަން އެހެން މީހަކު ހުށަހެޅުމުގެ ވާހަކައެވެ.

- ޝައިޚް މުޙައްމަދު ޝާފިޢު 

މިބަސްކޮޅު ޝައިޚްގެ އަރިހުން މިގެނެސްދިނީ ބައެއް ކިޔުންތެރިން މައްސަލައިގައި މިކަންކަން ސާފުކުރަން ބޭނުންވެގެން އެކަމަށް އެދުމުންނެވެ.  

މި 2 އާޔަތަށްވެސް ވިސްނައިލާށެވެ!  

"ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދަ ހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން (ރުޖޫޢަ ކޮށް) ހިފަހައްޓާށެވެ! ނުވަތަ، ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ! އަދި، ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ! އަދި، އެކަން އެގޮތަށް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފިކަން ކަށަވަރެވެ. އަދި، ﷲގެ އާޔަތްތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! އަދި، ތިޔަބައިމީހުންނަށް ﷲ ދެއްވި ނިޢުމަތާއި، އަދި، ފޮތާއި، ޙިކުމަތުގެ ތެރެއިން ތިޔަބައިމީހުންނަށް ބާވައިލެއްވި ތަކެތި، ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ އެއިން ތިޔަބައިމީހުންނަށް ނަޞޭޙަތް ވަޙީ ކުރައްވައެވެ. އަދި، ތިޔަބައިމީހުން، ﷲއަށް ތަޤްވާވެރިވާށެވެ! އަދި، ހަމަކަށަވަރުން، ﷲއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!"

(އަލްބަޤަރާ: 231) 

"އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދަ ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. ތިޔަބައިމީހުންކުރެ، ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަޞޭޙަތް ދެއްވާފައިވާގޮތަކީ އެއީއެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރި، އަދި، ޠާހިރު ކަންބޮޑު ގޮތަކީވެސް އެއީމެއެވެ. (ތިޔަބައިމީހުންނަށް މަޞްލަތު ހުރިގޮތް) ﷲ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެތެވެ."

(އަލްބަޤަރާ: 232) 

"ޢިއްދާގައި އިން އަންހެނަކާ ކައިވެނިކުރަން ހުށަހެޅުން" 

ސުވާލު: ވަރިވެފައިވާ އަންހެނަކާ އޭނާގެ ޢިއްދައިގެ މުއްދަތުގެ ތެރޭގައި ކައިވެނިކުރަން ހުށަހެޅުމަކީ (ޚިޠުބާކުރުމަކީ) ހުއްދަކަމެއް ހެއްޔެވެ؟

ޖަވާބު: الحمد لله
ފުރަތަމައީ، ކައިވެނިކުރަން ހުށަހެޅުން (ޚިޠުބާކުރުން) ދެގޮތަކަށް ވެއެވެ. އެއީ ޞަރީޙަކޮށް ހުށަހެޅުން އަދި ޞަރީޙަނޫން ގޮތަކަށް ކައިވެނިކުރަން ހުށަހެޅޭ ހުށަހެޅުމެވެ. ޞަރީޙަކޮށް ހުށަހެޅުމަކީ ކައިވެނިކުރުން ނޫން އެހެން މާނައެއް ދޭހަނުވާ ގޮތަށް އެފަދަ ލަފުޒުތަކެއް ހިމަނައިގެން ބުނާބުނުމެވެ. މިސާލަކަށް ތިބާގެ ޢިއްދަ ނިމުމުން އަހަރެން ތިބާއާ ކައިވެނި ކުރާނަމެވެ. ނުވަތަ އަންހެންމީހާގެ ވަލީވެރިންގެ ފަރާތުން އަންހެންމީހާ އާ ޚިޠުބާކޮށްދިނުމަށް އެދުމެވެ.

ޞަރީޙަ ނޫން ގޮތަކަށް ހުށަހެޅުމަކީ، އެ ބުނުމަކުން އެއީ ކައިވެނިކުރަން ހުށަހަޅާ ހުށަހެޅިކަމަށް ބެލިދާނެ ފަދަ ޢިބާރާތަކުން އެކަން ދޭހަވާ ޢިބާރާތަކުން ނުވަތަ އިޝާރާތްކުރާ ލަފުޒަކުން ނުވަތަ ނުސީދާގޮތަކަށް ހުށަހެޅުމެވެ. މިސާލަކަށް ތިފަދަ އަންހެނަކު ކައިވެނިކުރަން ވަރަށް ކަމުދާނޭ، އަހަރެން އަންބަކު އެބަ ހޯދަމޭ، ނުވަތަ ތިބާއަށް ﷲ ތަޢާލާ އެންމެ ރަނގަޅުގޮތް މެދުވެރިކުރައްވާށޭ ފަދަ ޢިބާރާތެއް ބުނުމެވެ.

ޢިއްދާގައި އިން އަންހެނަކަށް ޞަރީޙަބަހުން ކައިވެނިކުރަން ހުށަހެޅުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ ރުޖޫޢަކުރެވޭ ވަރިއަކުން ވަރިވެފައިވާ އަންހެނެއްކަމުގައިވިޔަސް އަދި ބާއިނުވަރި (ރުޖޫޢަ ނުކުރެވޭ ވަރި) އަކުން ވަރި ވެފައިވާ އަންހެނެއްކަމުގައި ވިޔަސް އަދި ފިރިމަރުވުމުގެ ސަބަބުން ޢިއްދާގައި އިން އަންހެނެއް ކަމުގައިވިޔަސް މެއެވެ. 

ޞަރީޙަ ނޫން ބަހަކުން ހުށަހަޅާ ހުށަހެޅުމާމެދު ދަންނައެވެ. އޭގައި ތަފްޞީލު ވެއެވެ.
1-
އަންހެނާއަކީ ރަޖުޢީވަރިއަކުން ވަރިކުރެވި ޢިއްދައިގައި އިން އަންހެނެއްނަމަ ނުސީދާކޮށްވެސް ކައިވެނިކުރަން ހުށަހެޅުން އެބަހީ ކައިވެނި ހުށަހެޅުން ދޭހަވާ ނުވަތަ އެކަމަށް އިޝާރާތްކުރާ މޭރުމަކުން ހުށަހެޅުން ހުއްދައެއް ނޫނެވެ. އެހެނީ ރަޖުޢީ ވަރިއަކުން ވަރިވެފައިވާނަމަ އަންހެންމީހާ އެއިނީ ހަމަ އަންބެއްގެ ގޮތުގައެވެ. ރަޖުޢީ ވަރިއަކުން ވަރިވެފައިވާ އަންހެނާއާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا) (البقرة/228) .
މާނައީ: “އަދި، އެމީހުން އިޞްލާޙުކުރުމަށް އެދޭނަމަ، ޢިއްދައިގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރާ ގެނައުން އެކަނބަލުންގެ ފިރީންނަށް ޙައްޤުވެގެން ވެއެވެ.”
މި އާޔަތުގައި އެމީހެއްގެ އަނބިމީހާ ވަރިކޮށްފައިވާ ފިރިހެންމީހާއަށް ﷲ ތަޢާލާ ނިސްބަތްކުރައްވަނީ ފިރިމީހާގެ ނަމުންނެވެ. އެހެންކަމުން އެމީހެއްގެ ފިރިމީހާގެ އަންބަކު ކަމުގައި އިން އަންހެނަކަށް (އަންބަކަށް) އެހެންމީހަކު ކައިވެނިކުރަން ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ 

2- ވަރިވެފައިވާ އަންހެނާއަކީ ފިރިމަރުވުމުގެ ސަބަބުން ޢިއްދާގައި އިން މީހެއްނަމަ، ނުވަތަ ތިންފަށްވެ ޢިއްދާގައި އިން މީހެއްނަމަ ނުވަތަ ދެމަފިރިންގެ ތެރެއިން އެކެއްގެ ޢައިބެއް ހުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކައިވެނި ފަސްޚުކޮށްފައިވާ މީހެއްނަމަ ކައިވެނިކުރަން އެދޭކަން ދޭހަވާ ނުވަތަ އިޝާރަތްކުރާ ބަހެއް ބުނުން ހުއްދައެވެ. އެކަމަކު ޞަރީޙަކޮށް ހުށަހެޅުން ހުއްދައެއް ނޫނެވެ. ނުސީދާކޮށް ބުނުން ހުއްދަކަމަށް އަންނަނިވި އާޔަތުން ދަލީލުކުރެއެވެ.
(
وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُمْ بِهِ مِنْ خِطْبَةِ النِّسَاءِ أَوْ أَكْنَنْتُمْ فِي أَنْفُسِكُمْ عَلِمَ اللهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَكِنْ لَا تُوَاعِدُوهُنَّ سِرًّا إِلَّا أَنْ تَقُولُوا قَوْلًا مَعْرُوفًا وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّى يَبْلُغَ الْكِتَابُ أَجَلَهُ وَاعْلَمُوا أَنَّ اللهَ يَعْلَمُ مَا فِي أَنْفُسِكُمْ فَاحْذَرُوهُ وَاعْلَمُوا أَنَّ اللهَ غَفُورٌ حَلِيمٌ ) البقرة/235.

އަދި، ( ރަޖުޢީ ޢިއްދަ ފިޔަވައި އެހެން ޢިއްދައެއްގައިވާ) އަންހެނުންކުރެން، ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ އިޝާރާތް ކުރާ ބަހެއް ބުނުމާމެދު، ނުވަތަ، ތިޔަބައިމީހުންގެ ހިތުތެރޭގައި (ކާވެނިކުރުމުގެ ޤަޞްދު) ފޮރުވާފައި ބޭއްވުމާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އެކަނބަލުން ކުރެން ( ޞަރީޙަކޮށް) ކާވެނިކުރުމަށް އެދޭނޭކަން ﷲ ދެނެވޮޑިގެންވެއެވެ. އެހެނެއްކަމަކު، ޝަރުޢީ ހަމައިގެ މަތިންވާ ބަހެއް ތިޔަބައިމީހުން ބުނުން ފިޔަވައި، އެކަނބަލުންނަށް ކާވެނިކުރުމާމެދު ވަޢުދުވެ ނުހަދާހުށިކަމެވެ. އަދި، އެކަނބަލުންގެ ޢިއްދަ ހަމަވެއްޖައުމަށްދާނދެން، ތިޔަބައިމީހުން (އެކަނބަލުންނާ) ކާވެނި ޢަޤުދު ނުކުރާހުށިކަމެވެ. އަދި، ތިޔަބައިމީހުންގެ ނަފުސުތަކުގައިވާ ކަންތައް ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ. ވީމާ، ތިޔަބައިމީހުން، އެއިލާހަށް ބިރުވެތިވެ ރައްކާތެރިވާށެވެ. އަދި، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ކޯފާމަޑު، އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ" 

މިއާޔަތުގެ ތަފްސީރުގައި އައްޝައިޚް ސަޢްދީ ރަޙިމަހުﷲ ވިދާޅުވިއެވެ.
މިއީ ފިރިމަރުވުމުގެ ސަބަބުން އަދި ފިރިމީހާ އަންހެންމީހާ ބާއިނު ވަރިއަކުން ވަރިކުރުމުގެ ސަބަބުން (ދިރިހުރި) ފިރިމީހާގެ ޢިއްދާގައި އިންނަ މީހާގެ ޙުކުމެވެ. އޭނާގެ ފިރިމީހާ ފިޔަވައި އެހެން މީހަކު ޞަރީޙަކޮށް ކައިވެނީގެ ހުށަހެޅުން ހުށަހެޅުމަކީ ޙަރާމްކަމެކެވެ. އެއީ ﷲ ތަޢާލާގެ މި ބަސްފުޅު (وَلَكِنْ لَا تُوَاعِدُوهُنَّ سِرًّا) “އެކަނބަލުންނަށް ކާވެނިކުރުމާމެދު ވަޢުދުވެ ނުހަދާހުށިކަމެވެ” ގެ މުރާދެވެ.

ކައިވެނީގެ ހުށަހެޅުމަކަށް އިޝާރާތްކުރުމާމެދު ﷲ ތަޢާލާ ވަޙީކުރައްވާފައި އެވަނީ އެކަމުގައި ފާފަ ނެތް ކަމުގައެވެ. އެދެ ހުށަހެޅުމުގެ ތަފާތަކީ ޞަރީޙަކޮށް ކައިވެނިކުރަން ހުށަހެޅުމަކީ ކައިވެނިކުރުން ފިޔަވައި އިތުރުކަމެއް އޭގެން މުރާދު ނުކުރެވޭ ޢިބާރާތަކުން ހުށަހެޅުމެވެ. މިއީ ޙަރާމް ކަމެކެވެ. އެއީ އަވަސްއަރުވާލުމުން އެކަނބުލޭގެ ސަލާމަތްކުރުމަށްޓަކައްޔާއި އަވަހަށް ކައިވެނި ކުރުމަށްޓަކައި ޢިއްދަ ނުނިމެނީސް ޢިއްދަ ނިމިއްޖޭ ބުނެ ދޮގު ހެދުމުން ސަލާމަތްވުމަށްޓަކައެވެ. އަދި ފިރިމީހާގެ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ގޮތުން ފިރިމީހާގެ ޢިއްދާގައި އިންނަ ދުވަސްވަރު އާ ކައިވެންޏެއްގެ ވާހަކަ ޞަރީޙަކޮށް ދެއްކުން އެއީ ރަނގަޅުކަމަކަށް ނުވާނެތީއެވެ.

ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ އިޝާރާތް ކުރާ ބަހެއް ބުނުމާމެދު ދަންނައެވެ. އެފަދަ ބަހަކުން ކައިވެނިކުރުން އަދި އެހެން މާނައެއްވެސް ދޭހަވެއެވެ. ބާއިނުވަރިއަކުން ވަރިވެފައިވާ މީހާއާމެދު އެފަދަ ބަހެއް ބުނުން ހުއްދައެވެ. މިސާލަކަށް “އަހަރެން މި އުޅެނީ ކައިވެނިކުރަން ބޭނުންވެގެންނެވެ” “ތިބާގެ ޢިއްދަ ނިމުމުން ތިބާ އަހަރެންނަށް އަންގާލާށެވެ” މި ފަދަ ޢިބާރާތެއް ބުނުމެވެ. މިއީ ހުއްދަކަމެކެވެ. މިކަން ހުއްދަވަނީ އެއީ ޞަރީޙަ ބަހުން ކައިވެންޏަށް އެދުން ކަމުގައި ނުވާތީއެވެ. އެއީ އެކަމަށް ނަފުސުތައް ވަރަށް ބޮޑަށް ގޮވާ ކަމެކެވެ. މީހެއްގެ ޢިއްދާގައި އިން އަންހެނަކާ އޭނާގެ ޢިއްދަ ނިމުމުން ކައިވެނިކުރަން ޤަޞްދުކުރާނަމަ މިފަދަ ނުސީދާ ޢިބާރާތެއް ނުވަތަ އިޝާރާތްކުރާ އިބާރާތެއް ބުނުމަކީ މައްސަލައެއް ނޫނެވެ. އާޔަތުގައިވާ މި ބަސްފުޅު أَوْ أَكْنَنْتُمْ فِي أَنْفُسِكُمْ عَلِمَ اللهُ أَنَّكُمْ سَتَذْكُرُونَهُنَّނުވަތަ ތިޔަބައިމީހުންގެ ހިތުތެރޭގައި (ކާވެނިކުރުމުގެ ޤަޞްދު) ފޮރުވާފައި ބޭއްވުމާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އެކަނބަލުން ކުރެން (ޞަރީޙަކޮށް) ކާވެނިކުރުމަށް އެދޭނޭކަން ﷲ ދެނެވޮޑިގެންވެއެވެ.” ގެ މުރާދަކީ އެއީ އެވެ.

މި ހުރިހާ ތަފްޞީލްތަކަކީ ކައިވެނީގެ ޢަޤުދުކުރުމެއް ނޫނެވެ. އޭގެ ކުރީގެ ކަމެކެވެ. މިގޮތަށް އިޝާރާތްކުރުން ހުއްދަކަމުގައި ވިޔަސް ޢިއްދާގައިވާ މީހަކާ ކައިވެނީގެ ޢަޤްދުކުރުމަކީ ހުއްދަކަމެއް ނޫނެވެ. ﴿ وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّىٰ يَبْلُغَ الْكِتَابُ أَجَلَهُ﴾އަދި އެކަނބަލުންގެ ޢިއްދަ ހަމަވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނި ޢަޤުދު ނުކުރާހުށި ކަމެކެވެ.”

ބައްލަވާ: “المغني” (7/112) ، الموسوعة الفقهية” (19/191)

والله أعلم. (އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)

 

މަރްޖިޢު
https://islamqa.info/ar/answers/93237

 

މިއަދު އޮންލައިން