ގިނަ ބައަކު ބޮޑެތި ފާފަތައް ކުރަމުން ގެންދާއިއރުވެސް އެމީހުންގެ މައްޗަށް ﷲ ތަޢާލާ ޢަޛާބް ނުފޮނުއްވަވައި ދޫކުރައްވަވާފައި ބައިތިއްބަވާތީ ﷲ ތަޢާލާ އާއިމެދު ނުބައި ވިސްނުންތައް ވިސްނާ މީހުން އެބައުޅެއެވެ.
އެމީހުންނަކަށް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ފެންނަ ކަމަކަށް ނުވެއެވެ. ނުފެންނަނީއެވެ. ފެނުނަސް ބަލައިގަންނަން ނުއެނގެނީއެވެ. އެހެންވެ އެމީހުންނަށް ބުނެވެނީ ކުފުރުގެ ބަސްތަކެވެ.
މިފަދަ ވާހަކައެއް މުސްލިމަކު ދައްކާނަމަ އޭނާއަށް ވިސްނައިދޭން މަސައްކަތްކުރަންވާނެއެވެ. އަނބުރާ ދީނަށް ގެންނަން މަސައްކަތްކުރަންވާނެއެވެ. އެކަންކުރުމަށްޓަކައި ދީނީ ޢިލްމުވެރިން މިކަމުގައި ދެއްވާފައި ހުންނަ ދަރުސްތައް އަޑުއިއްވާށެވެ. ގެންދެވޭނެ ނަމަ ދީނީ ޢިލްމުވެރިއަކާއި ހަމައަށް އެމީހަކު ގެންދާށެވެ. އެމީހާގެ އުފެދިފައިވާ ޝައްކުތައް ފިލާވަރަށް އޮޅުންފިލުވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
އެފަދަ މީހުންނަށް މިފަދަ ޢިބްރަތްތެރިވާހަކަތައްވެސް ކިޔައިދޭށެވެ.
ކަރުގައި ފޮތިގަނޑެއް އޮޅައި ބާރުކުރުމަށްފަހު "ތިއަ ބުނާ ﷲ އަށް ދަންވައިގެން ނިކަން ސަލާމަތްވެ ބަލާށޭ" ބުނި މީހަކަށް މެދުވެރިވި ގޮތުގެ ވާހަކަ!
މިކިޔައިދެނީ ދާދިފަހުން 2020 ވަނަ އަހަރު އެމެރިކާގައި ހިނގާފައިވާ ކަމެއްގެ ވާހަކައެވެ. އެއީ އިރު އިރު އޮއްސި އަނދިރިވެގެން އައި ވަގުތެވެ. ބޮކިތަކުގެ އަލި އެހައި ގަދައެއް ނޫނެވެ. ރަނގަޅަށް އަނދިރި ނުވާތީއެވެ. މަޣްރިބް ނަމާދުން ފައިގައިގެން ގޮސް ޕާކެއްގެ ގޮނޑިއެއްގައި އިށީނދެލި ވަގުތެވެ. އެހިސާބުގައިވެސް ބައަކު ފެންނާކަށް ނެތެވެ.
ކުއްލިއަކަށް އޭނާގެ ފުރަގަހުން މީހަކު އައިސް ކަރުގައި ހިފިއެވެ. އަދި ސްކާފެއް ފަދަ އެއްޗެއް އޮޅައި ބާރުވެސް ކޮށްލިއެވެ. އެއަށްފަހު ބުންޏެވެ. "ބިރުގަންނަން ޖެހޭނެ ހަމައެކަނި ފަރާތަކީ ﷲ ކަމަށް ކަލޭ އެބަ ފަތުވާދެމެއް ނޫހެއްޔެވެ؟ އަދި މީސްތަކުން ސަލާމަތްކުރައްވަވަނީ ވެސް ﷲ ކަމަށް އެބަ ބުނަމު ނޫން ހެއްޔެވެ؟ ވީއިރު އަހަރެން ދެކެ ބިރު ނުގަންނަ ނަމަ ނިކަން ވީއްލިބަލާށެވެ! ކަލޭ ސަލާމަތްކުރާނެ ބައަކު ނިކަން ގެނެސްބަލާށެވެ! ނިކަން ﷲ އަށް ދަންނަވައިގެން ސަލާމަތްވެބަލާށެވެ! ކަލޭގެ އެފަދަ ފަތުވާތައް ހުއްޓާލަން އެއްބަސްވާނަމަ ތެދުވާށެވެ. އެއްބަސް ނުވާނަމަ އިށީނދެ އިން ގޮތަށް އިންނާށެވެ. އަހަރެން ކަލޭ ދޫކޮށްލާނީ ނޭވާހާސްކޮށް މަރާލައިފައެވެ."
އޭނާ ޙަރަކާތެއްވެސް ނުކުރެއެވެ. ﷲ ތަޢާލާއަށް ވަކީލުކޮށްގެން ގޮނޑީގައި އިންގޮތަށް އިނީއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމާއި ދެކޮޅަށް ފަތުވާ ދޭން ބޭނުން ނުވާތީއެވެ. މަޖުބޫރުވެގެން ނަމަވެސް އެފަދަ ކަމެއް ކުރުމަށްވުރެ މަރުވެ ﷲ ތަޢާލާގެ ޙަމްރަތަށް ދިއުން މާރަނގަޅު ކަމަށް ޤަބޫލުކުރެވޭތީއެވެ. އެފަދަ ނުބައިކަމެއްކޮށްގެން އެވަޤުތު މަރުން ސަލާމަތްވިޔަސް ހަމަ ހނދުކޮޅެއްގެ ތެރޭގައިވެސް ފުރާނަ ގެންދަވައިފިނަމަ މަރުވާނެކަން ޤަބޫލުކުރެވޭތީއެވެ. އަދި އެގޮތުގައި އޭނާ މަރުވި ނަމަވެސް މަރުވެގެންދާނީ ﷲ ތަޢާލާގެ މަގުގައި، އިސްލާމް ދީނުގެ ޙައްޤުގައިކަން ޔަޤީން ކުރެވޭތީއެވެ. މަރުވުމުން ﷲ ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެކަންވެސް ޔަޤީން ކުރެވޭތީއެވެ.
ﷲ ތަޢާލާގެ މިންވަރު ފުޅުން އެވަގުތު އިވުނީ ދެމީހަކު ބާރަށް ދުވާއަޑާއި ފިސްތޯލައެއް ޖެހި އަޑެވެ. އެމީހަކަށް ޤަބޫލުކުރެވޫނީ އޭނާ ކުރާ ކަންތައް ފެނިގެން ފުލުހުން އޭނާ އާއި ދިމާއަށް އަންނަނީ ކަމަށެވެ. އެހިސާބުން ސަލާމަތްވުމަށްޓަކައި ސްކާފްވެސް ދޫކޮށްލާފައި ދުއްވައިގަތްތަނާ ހިނގަމުން އައި މުސްކުޅިއެއްގެ ގައިގައި ޖެހި އޭނާ ވެއްޓުނީއެވެ.
ކަންދިމާވިގޮތުން އެއީ ފުލުހެއްގެ ބައްޕައެވެ. ޢާއިލާއިން ބައްޕަ ގޮވައިގެން ގޮސްތިބީ ކަސްރަތަށް ބައްޕަލައްވައި ހިންގުވަންވެގެންނެވެ. ބައްޕަ ވެއްޓުނުތަން ފެނިފައި ދަރިންތައް ދުވެފައި އައިސް ބައްޕަގެ ގައިގައި ޖެހިގަތް މީހާ ވަށައިލިއެވެ. އަދި ފުލުސް ދަރިފުޅަށް އޭނާ އާއިމެދު ޝައްކުކުރެވިގެން އަތުގައި ބިޑިއެޅުވިއެވެ.
އެހިސާބުން އެމީހާ ތެދުވެގެންގޮސް ފުލުސް މީހާއަތަށް ސްކާފް ދީފައި ކަންތައް ވީގޮތް ކިޔައިދިނެވެ. ފުލުސް މީހާ އޭނާގެ ކަރު ބެލިއިރު އައްސައި ބާރުކުރި ކަމުގެ ފާހަގަތައްވެސް ފެންނަން ހުއްޓެވެ. އަދި ލިބިފައިވާ އަނިޔާގެ ސަބަބުން ވާހަކަ ދައްކަންވެސް ވަނީ އުނދަގޫވެފައެވެ.
އެހިސާބުން މީހަކަށް ބިރުދައްކައި މަރަން އުޅުނުކަމުގެ ކުށުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާރުވަނީ 15 އަހަރުގެ ޖަލު ޙުކުމެއް އިއަވައިފައެވެ.
މުސްލިމުންނަކީ އެއްވެސް މީހަކަށް ބިރުގަންނަން ޖެހޭނެ ބައެއް ނޫނެވެ. ބިރުގަންނަން ޖެހޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެއްވެސް މީހަކު ދެކެ ބިރުގަނެ ޖެހިލުންވާނަމަ އެއީ އީމާންކަމުގެ މައްސަލައެކެވެ. އިސްލާމް ދީނުގައިވާ މަގުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހުންނަ މީހާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެއެވެ. އެއީ ޝައްކުރަންޖެހެންވީ ކަމެއް ނޫނެވެ. ބޭނުންވަނީ އެވަރުގެ އީމާންތެރި ކަމެވެ. ތަޤްވާވެރިކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން