ﷲ ގެ މަގުގަ ކެތްތެރިކަން އިސްކުރާނަމަ ދެން އެމީހަކަށް ކުރިމަތިވާ ހުރިހާ ކަމެއްގައިވެސް ކެތްތެރިވާނެ ހިތްވަރު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ﷲ ގެ މަގުގަ ކެތްތެރިކަން އިސްކުރާނަމަ ދެން އެމީހަކަށް ކުރިމަތިވާ ހުރިހާ ކަމެއްގައިވެސް ކެތްތެރިވާނެ ހިތްވަރު ދެއްވަވާނެ! އިން ޝާ ﷲ

ﷲ ތައާލާގެ މަގުގައި ކެތްތެރިވާން މަސައްކްތަކޮށް ކެތްތެރިކަން އިސްކުރާނަމަ އެމީހަކަށް ކުރިމަތިވާ ކަންކަމަށް ކެތްތެރިވުމުގެ ހިތްވަރު ދެއްވަވާނެތެވެ. ﷲ ތަޢާލާގެ މަގުގައި ކެތްތެރިވުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ތަކްލީފްތަކާއިއެކު ކުރަންޖެހުނަސް ﷲ ތަޢާލާ ފަރުޟޫކުރައްވަވާފައިވާ ކަންކަން ކުރުމަށެވެ. އެންމެ ކަމެއްވެސް ނުކޮށް ދޫކޮށްނުލުމަށެވެ.  

ކޮންމެ މުސްލިމެއްގެ ކިބައިގައިވެސް 3 ބާވަތެއްގެ ކެތްތެރިކަން ހުންނަން ޖެހެއެވެ.  

އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަމަލުކުރުމުގައި ކެތްތެރިވުމެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމާއި ދުރުހެލިވުމުގެ ބާރު ލިބިގަތުމުގައި ކެތްތެރިވުމެވެ. ތިންވަނަކަމަކީ ކޮންމެ ފަދަ މުޞީބާތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެއީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެއްކަން ބަލައިގަތުމުގެ ކުޅަދާނަކަމާއި އެކަމަކަށް ކެތްތެރިވުމެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކެތްތެރިވާން ޖެހޭނީ ހަމައެކަނި މިބަޔާންކުރި 3 ވަނަޙާލަތުގައި ކަމަށެވެ. ނޫނެކެވެ ނަމާދުކުރެވޭނީވެސް ކެތްތެރިވެވިގެންނެވެ. ނަމާދުކުރުމަށް ނިދީން ހޭލުމާއި ގަދަފިނީގައި ތާހިރުވެ ވުޟޫކުރެވޭނީވެސް ކެތްތެރިކަން ހުރެގެންނެވެ.  

އަދި ކީއްހެއްޔެވެ؟ އެންމެ ޢާންމު ފާފައެއް ކަމުގައިވާ ނެތިމޮށުމުން ދުރުހެލިވެ ހުރެވޭނީ ވެސް ކެތްތެރިވެވިގެންނެވެ. ހަމަ އެއާއިއެކު ތިމާގެ ނަފްސް ކުރަން އެދޭ ފާފަތައް ނުކޮށް ހުރެވޭނީ ވެސް ކެތްތެރިވެވިގެންނެވެ.  

ވީމާ އިސްލާމް ދީނުގެ ހުރިހާ ކަމެއްވެސް މިވަނީ ކެތްތެރިވުމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ! އިސްލާމް ދީނުގައި ސާބިތުވެވޭނީ ކެތްތެރިވެވިގެންނެވެ! ނަރަކައިން ސަލާމަތްވެވެން އޮތީވެސް ހަމަ ކެތްތެރިވެވުނު މިންވަރަކުންނެވެ.  

ޢާއިލީ ދިރިއުޅުމަށް ބަލައިލި ނަމަވެސް ފެންނަން އޮތީ ކެތްތެރިކަމުގެ މުހިންމުކަމެވެ. ކެތްތެރި ނުވެވޭ މީހަކަށް އަމިއްލަ ޒަވާޖީ ޙަޔާތް ކާމިޔާބެއް ނުކުރެވޭނެއެވެ! ކައިވެނި ރޫޅެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ކެތްތެރި ނުވެވުމެވެ! ހިތް ނުއެދޭ ކަމެއް މެދުވާއިރަށް ރުޅި އިސްކުރެވި ތެޅިފޮޅިގަނެވޭތީއެވެ. ދުލުން ނުބައި ބަސްތައް ބުނެވޭތީއެވެ! އަތް އިސްކުރެވޭތީއެވެ!  

ވީމާ ކުރު ގޮތަކަށް ބުނާނަމަ ދުނިޔެއާއި އާޚިރަތުގެ ސަލާމަތްކަން ލިބުންވަނީ ކެތްތެރިވެވުނު މިންވަރަކުންނެވެ. އެންމެކުޑަމިނުން ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވެން އޮތީވެސް ކެތްތެރިވެވުނު މިންވަރަކުންނެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން