ކެއުމާއި ނިދުމުގަ ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރަންޖެހިފައިވާ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކެއުމާއި ނިދުމުގަ ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރަންޖެހިފައިވާ 2 ކަމެއް!

މުސްލިމް ފިރިހެނުންތަކެއް އެއްވެ ތިބި ތަނެއް ހުރަސްކުރަމުން މުސްލިމް އަންހެނަކު ސުވާލުކުރިއެވެ. ކަލޭމެންގެ ތެރެއިން ދީނުގެ ކަންކަން އެންމެ ބޮޑަށް އެނގެނީ ކާކަށް ހެއްޔެވެ؟  

އެމީހުން އެކަނުގައި ހުރި މީހަކު ދެއްކުމުން އޭނާ ސުވާލުކުރިއެވެ. "ކަލޭ ކައި އުޅެނީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި އެމީހާ ބުންޏެވެ. "އަހުރެން ބިސްމިﷲ ކިޔައި ކަނާތުން ކަނީއެވެ. އަނގައަށް ލަނީ ކުދިކުދި ސުވަލެވެ. ކަނީ ރަނގަޅަށް ހަފައިގެންނެވެ."  

ދެން އޭނާ ސުވާލުކުރިއެވެ. "ކަލޭ ނިދަނީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުންޏެވެ. "އަހުރެން ވުޟޫކުރަމެވެ. ނިދަނީ ކަނާއަތަށް އޮވެގެންނެވެ. ނިދުމުގެ ކުރިން ކިޔަންހުންނަ ޛިކުރުތައް ކިޔަމެވެ." 

އަންހެން މީހާ ބުންޏެވެ. ކެއުމުގައާއި ނިދުމުގައި އެންމެ މުހިންމު ކަންތައް ކަލެއަކަށް ނުއެނގުނެވެ." އެހެން ބުނުމުން އެމީހާ ޙައިރާންވެފައި "އެހެންވީއިރު ރަނގަޅު ގޮތަކީ ކޮބައިތޯ؟" ސުވާލުކުރުމުން އަންހެންމީހާ ބުންޏެވެ. "ކެއުމުގައި އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްޗެއް ބަނޑަށް ނުދާކަން ޔަޤީންކުރުމެވެ. ތިއަބުނީ ސުންނަތުގައި އޮތް ގޮތެވެ. ސުންނަތް ގޮތަށް ކެއި ނަމަވެސް ޙަރާމް އެއްޗެތި ކާނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނިދުމުގެ ކުރިން ކުރަން އޮތް އެންމެ މުހިންމު ކަންތަކުގެ ވާހަކަވެސް ތިބާ ނުބުނަމުއެވެ. އެއީ އެންމެންގެ މައްޗަށް ހިތް ސާފުކޮށް އެއްވެސް މީހަކަށް ހިތްބުރަކަމެއް ނުބާއްވައި ނިދުމެވެ."  

އޭނާ ބުންޏެވެ. "ތިބާ ތިއަ ބުނި ދެކަންތަކުގައިވެސް ބޮޑު ބުރަދަނެއްވެއެވެ. ތިއަބުނީ ހަމަ ވަރަށް ރަނގަޅު ވާހަކައެކެވެ."  

- މިއީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކަކޮޅެކެވެ. ވަރަށް ފައިދާހުރި ވާހަކަކޮޅެއް ކަމަށް ޤަބޫލުކުރެވެއެވެ. އަދި ގިނަ ބައަކަށް ފަރުވާ ކުޑަކުރެވޭ ދެކަންތައް ކަމަށްވެސް ޤަބޫލުކުރެވެއެވެ.   

މިއަދު އޮންލައިން