ސުންނަތް ރޯދައެއް ހިފިނަމަވެސް ކޮންމެ ދުވަހަކުވެސް ތިމާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މަދުވެގެން އެންމެ މީހަކަށް ނަމަވެސް ކާނެ ކޮންމެވެސް އެއްޗެއް ދިއްކޮށްލަންވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ސުންނަތް ރޯދައެއް ހިފިނަމަވެސް ކޮންމެ ދުވަހަކުވެސް ތިމާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މަދުވެގެން އެންމެ މީހަކަށް ނަމަވެސް ކާނެ ކޮންމެވެސް އެއްޗެއް ދިއްކޮށްލަންވާނެ!: މުފްތީ މެންކް

ފަޤީރުންނަށް ކާންދޭ ވާހަކަ ދައްކާއިރަށް ބައެއް މީހުންގެ ކަންބޮޑުވުމަކަށްވަނީ ފަޤީރަކާއި ބައްދަލުކުރުމުގެ މައްސަލައެވެ. އެއީ މިއަދު އެހައި ބޮޑު މައްސަލައެއް ނޫނެވެ. މިހާރަކަށް އައިސް އެކައުންޓުގައި އެންމެ ރުފިޔާއެއް ނެތަސް އެންމެ ނިކަމެތި ފަޤީރުންގެ ތެރެއިންވެސް ގިނަ ބައެއްގެ ބޭންކް އެކައުންޓެއް އޮންނާނެއެވެ. 

އުޅޭ އުޅުމުގައި ބައްދަލުވާ ފަޤީރުންގެ އެކައުންޓް ނަމްބަރު އޮޅުންފިލުވާށެވެ! ސޭވްކޮށްލާފައި ބައިންދާށެވެ. ޞަދަޤާތެއް ކުރަން ބޭނުންވުމުން ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ޞަދަޤާތްކޮށްލާށެވެ! އަދި އެކަން މިކުރަނީ އޭނާއަށް ކާންދޭންކަމަށް ނިޔަތްގަނެގެން އެކަންކުރާށެވެ. އެއިރުން އެއޮތީ ފަޤީރަކަށް ކާންދެވިފައެވެ. 

މުފްތީ މެންކުގެ ވާހަކަފުޅު: 

ރޯދަ އާއި ގުޅިފައިވާ އެންމެ ބޮޑު އިޙްޞާޞަކީ ބަނޑުހައިކަމުގެ އިޙްޞާޞްތަކެވެ. ތިބާއަށް ބަނޑުހައިކަން އިޙްޞާޞް ކުރެވުމުން ކާނެ ބޯނެ އެއްވެސް އެއްޗެއް ނުލިބި ހައިހޫނު ކަމުގައި ދިރިއުޅެމުން ގެންދާ މީހުން ދިރިއުޅޭނެ ޙާލު އިޙްޞާޞް ކުރެވޭނެއެވެ. ރޯދައިގެ އެންމެ ބޮޑު އެއް ޙިކުމަތަކީވެސް އެއީއެވެ. 

ވީމާ ރޯދައެއް ހިފައި ދުވަސް ނިމިގެންދާއިރު ތިމާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މަދުވެގެން އެންމެ މީހަކަށް ނަމަވެސް ކާނެ ކޮންމެވެސް އެއްޗެއް ދިއްކޮށްލަންވާނެއެވެ. ރެސްޓޯރަންޓްތަކަށް އަގު ބޮޑު ތަކެތި ގަނެގެން ގެންގޮސްދިނުމަކީ އެހައި މުހިންމު ކަމެއް ނޫނެވެ. މުހިންމީ ޞަދަޤާގް ލިބިގަންނަ މީހަކަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށް އެކަން ކުރުމެވެ. 

އެ އުޞޫލުން ބަލާއިރު ފިހެފައި އޮތް ކުކުޅެއް ގަންނަން މިލިބެނީ 10 ޑޮލަރާއި 20 ޑޮލަރާއި ދެމެދުގެ އަގަކަށެވެ. އެ އަދަދަށް ފަޤީރަކަށް ފައިސާ ދީފިނަމަ އެމީހަކާއި އެމީހެއްގެ ޢާއިލާ އެދުވަހު ތިބޭނީ ކައިގެންނެވެ. 

ހަމަ އެޢާއިއެކު ތިމާގެ ގޭގައި ކައްކާ ކާބޯތަކެތިން ވެސް ހަދިޔާ ކުރެވިދާނެއެވެ. ނަމަވެސް ހަދިޔާކުރަން އެންމެ ރަނގަޅީ ބާކީވެފައި ހުންނަ ތަކެއްޗެއް ނޫނެވެ. ބާކީވެފައި ހުންނަ ތަކެތި އުކާލުމުގެ ބަދަލުގައި ޞަދަޤާތް ކުރުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް ޞަދަޤާތް އެންމެ ފުރިހަމަވާނީ ޞަދަޤާތް ކުރުމަށް މިންވަރެއް އިތުރުކޮށްގެން ކައްކައި އެބައި ޞަދަޤާތް ކުރުމުންނެވެ. 

މުހިންމީ ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާންދިނުމެވެ. ތަނަވަސްކަން ހުރި މިންވަރަކުން ކާން ދޭ މީހުންގެ އަދަދު އިތުރުކުރުމަކީ ކިތަންމެހައިވެސް ފައިދާހުރި ކަމެކެވެ. ވީމާ މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކީވެސް ކޮންމެ މީހަކުވެސް ކިރިޔާވެސް ފުދުންތެރިކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާން ދޭ ދުވަހަކަށް ހަދާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން