ސިހުރުވެރިއަކު އެއް ދުވަހަކު ޒުވާނެއްގެ ގާތުގައި ބުންޏެވެ. ކަލޭ ބޭނުންނަމަ ކަލޭގެ މަރުވެފައިވާ ކާފަގެ އަޑު ކަލެއަށް އިއްވައިދީފާނަމެވެ. އަޑުއަހަން ބޭނުން ހެއްޔެވެ؟ ޖަވާބުގައި ކާފަގެ އަޑުއަހަން ބޭނުން ކަމަށް ބުނުމުން އޭނާއަށް އޭނާގެ ކާފަގެ އަޑު އިއްވިއެވެ.
ނަމަވެސް ﷲ ތަޢާލާ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާގެ ކާފަގެ އަޑެއް ނޫނެވެ. އެއީ ޖިންނިއެއްގެ އަޑެވެ. ކިތަންމެ ބޮޑު ސިޙުރުވެރިއަކަށްވެސް، ކިތަންމެ މޮޅަށް ސިޙުރުހަދަން އެނގުނަސް، ދުނިޔޭގަ ތިބި ހުރިހާ ސިޙުރުވެރިން ގުޅިގެންވެސް މަރުވެފައިވާ މީހަކު ދުނިޔެއަކަށް ނުގެނެވޭނެ!
ބައެއް މީހުން އެބަ ބުނެއެވެ. މަރުވެފައިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ އެނޫންވެސް މީހަކު ކޮންމެ އަހަރަކު ނުވަތަ އެމީހަކު އަންނަން ބޭނުންވުމުން އައިސް މިވެނި ކަންތައްތަކެއް އެބަ ކޮށްދެއެވެ. ނުވަތަ ކުރެއެވެ. މިފަދަ އެއްވެސް ވާހަކައެއް އެއްވެސް ވަރަކަށް ޤަބޫލުނުކުރާށެވެ. ހަމަ ޔަޤީންކަމާއިއެކު ބުނަމެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެފަދަ އެއްވެސް ކަމެއް ޤަބޫލުކުރެވިއްޖެނަމަ އެކަމުން އެނގެނީ އޭނާގެ އީމާންކަން ފުރިހަމަނުވާ ކަމެވެ. އެހެނީ ކޮންމެ މީހަކުވެސް މަރުވުމުން އެމީހެއްގެ ފުރާނަ އާޚިރަތް ދުވަހާއި ހަމައަށް ވަނީ ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމުން ނުކުމެގެން އަލުން ދުނިޔެއަށް އައިސް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް މީހެއްގެ ފުރާނައަކަށް ނުލިބޭނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން