އިސްލާމް ދީނަކީ މެދުމިނުގެ ދީންކަމަށް ބުނެވޭ ބަހާއި ލުއިފަސޭހަ ދީންކަމަށް ބުނެވޭ ބަހާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ.
ސުވާލުކުރައްވާ ކިޔުންތެރިންނަށް ޖަވާބުގައި ދަންނަވަން އޮތީ:
މެދުމިނަކީ އިސްލާމް ދީނުގައި ކަންކަން އައިސްފައިވާ ގޮތެވެ!
"މެދުމިނުގެ މާނަ ނުބައިކޮށް ނުނަންގަވާށެވެ. މެދުމިނަކީ އިސްލާމް ދީނުގައި ކަންކަން އައިސްފައިވާ ގޮތެވެ. ދުވާލަކު 1 ނަމާދުކުރުމާއި، ބަނގުރާ ބުއިމާއި، ޑީޖޭއަށް ގޮސްލުން ފަދަ ކަންކަމަކީ މެދުމިނަކަށް ނުވާނެއެވެ. މީގެ އަނެއްކޮޅު ކަމުގައިވާ ފެންނަހައި މީހަކު ކާފަރުކޮށްފައި ގެއްލުން ދިނުމަކީވެސް މެދުމިނަކަށް ނުވާނެއެވެ. މި ހުރިހާ ކަންކަމަކީ މެދުމިނާ ޚިލާފް ބާޠިލް ކަންތައްތަކެވެ."
--ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު ބަޔާންކުރައްވަވާފައި ބަސްފުޅުން އެނގެނީ މެދުމިން ކަމަށް ބުނެ އިސްލާމް ދީނުގައި އެއްވެސް ކަމެއް އޮތް ގޮތް އެއަށްވުރެ ލުއި ނުކުރެވޭނެކަމެވެ. ދީނުގައި ޢަމަލުކުރަން އޮތް ކަންކަމަށް ޢަމަލުކުރަންޖެހޭނީ ދީނުގައި އޮތްގޮތަށް ކަމެވެ. ކޮށާމަށައި ލުއިނުކުރެވޭނެއެވެ.
އިސްލާމް ދީން ބާވައިލެއްވެވުނީ ހަމަ އެކަނި ޞަޙާބީން ދުނިޔޭގައި އުޅުއްވެވި ޒަމާނަކަށް ނޫނެވެ. ދުނިޔެ ނިމެންދެން ދެމިގެންދާނެ ގޮތަށެވެ. ވީމާ ފަހުޒަމާނުގައި މިހެންވާނެ އެހެންވާނެ ކިޔައި ދީނުގެ އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެއެވެ.
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށް ބުނެވެނީ އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ދިއުން ނެތީމައެވެ. އެގޮތުން މިސާލުދައްކަވަމުން ވިދާޅުވެފައިވަނީ ބައެއް ދީންތަކުގައި އަޅުވެރިކަން ދެއްކުމަށްޓަކައި ފާދިރީން ކައިވެނި ނުކޮށް ތިބެން އޮންނައިރު އިސްލާމް ދީނަކީ އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި ނަމަ އެންމެންވެސް ކައިވެނިކޮށްގެން އުޅުމަށް ބާރުއަޅާ ދީން ކަމަށެވެ.