ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި ޓިޔުމަރެއް އިންކަން އެނގުނީއެވެ. ބައޮޕްސީނަގައި ނަތީޖާގެ އިންތިޒާރުގައި ހުންނައިރުވެސް ޤަބޫލުކުރެވެނީ މިއޮތީ ކެންސަރު ޖެހިފައި ކަމަށެވެ. ނަތީޖާ ލިބޭއިރުވެސް ހުންނަނީ މާޔޫސްވެ މީހާ ހަލާކުވާވަރުވެފައެވެ. ގިނަ ފަހަރު ނަތިޛާލިބޭއިރު އެއްވެސް ނުރަކަލެއް ހުރި ކަމަކަށްވެސް ނުދައްކާނެއެވެ.
ޓިޔުމަރު އިންކަން އެއެނގުނީ ހަށިގަނޑުގައި އޭތި އިނުމުގެ މުއްދަތުޖެހުނީމައެވެ. ނަގައި އެއްލާލެވޭނެ ވަޤުތުޖެހުނީމައެވެ. ވީއިރު އޮތީ މާޔޫސްވުމެއް ނޫނެއް ނޫންހެއްޔެވެ؟ އުފާކުރުން ނޫންހެއްޔެވެ؟
ދިރިއުލުމުގައި ކުރިމަތިވާ މައްސަލަތަކުގައިވެސް ހަމަ މިގޮތަށް ވިސްނާށެވެ! ހިތާމައާއިި ހިތްދަތިކަމުގައިވެސް މެއެވެ. އެޓިޔުމަރަށް ހަށިގަނޑުގައި ނުއިނދެވުނު ފަދައިން އެކަންކަންވެސް ތިމާއާއިއެކުގައި ދާއިމަށް ނުވާނެކަމެވެ.
މީސްތަކުންނޭވެ! ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔޭގެ ކޮންމެ ކަމަކީވެސް ވަގުތީ ކަމެކެވެ. ކޮންމެ ޙާލަތަކީވެސް ވަގުތީ ކަމެކެވެ. ވީމާ ހިތާމައާއި ހިތްދަތިކަންވެސް ދާއިމަށް ކުރިމަތިވެފައި ނުއޮންނާނެއެވެ. އެއީވެސް ހަމަ ވަގުތީ ކަމެކެވެ.
ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް ހޯދެން އޮތީ ހަމަ ކެތްތެރިކަން އިސްކޮށްގެންނެވެ. ރޫޙާނީ ބާރު ވަރުގަދަކޮށްގެންނެވެ! ހުރިހާވެސް ފަރުވާއަކީ ތަޤްވާވެރިކަމެވެ. ﷲ ތައާލާއަށް ވަކީލުކުރުން ހުރިހާ ކަމެއްގެ ކުރިއަށް ނެރުމެވެ. ހިތާމައާއި ހިތްދަތިކަމުގެ ވަޤުތުގައި ބޭނުންވާ ހަކަތަ ލިބޭނީ ހަމައެކަނި އީމާންކަމުންނެވެ! ހަކަތަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށާއި މާދަމާއަށް އުންމީދުކުރުން ދޫކޮށް ނުލާށެވެ!
މިއީ ޙަޤީޤަތްކަން އެނގޭއިރުވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށްވާގޮތަކީ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ނުވަތަ ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ ޢުމުރުން ބާކީ އޮތް ހުރިހާ ދުވަހަކުވެސް އެފަދަ ނިކަމެތި ޙާލުގައި އުޅެންޖެހިދާނެ ކަމަށް ޤަބޫލުކުރެވުމެވެ.
އެހިސާބުން މީހާ ވެއްޓިގެން އެދަނީ މާޔޫސްކަމުގެ ފުން ވަޅުގަނޑަކަށެވެ. އެވަޅަށް ވެއްޓިއްޖެ މީހަކަށް އެވަޅުން އެރުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ސަބަބަކީ ރަނގަޅު ގޮތްތައް މެދުވެރިވިނަމަވެސް އެކަންވެސް ޤަބޫލުނުކުރެވޭތީއެވެ.
ޔޫސުފްގެފާނު ފެންވަޅަށް ވައްޓައިލެވުމާއި އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅާއި އަދި ޔޫނުސްގެފާނަށް މަހެއްގެ ބަނޑުގައި އޮންނަވަން ޖެހިވަޑައިގެންނެވުން ފަދަ ކަންކަމަށް ވިސްނައިލާށެވެ. އެއިރުން ކިތަންމެ ބޮޑު ހިތްދަތިކަމާއި ތަކްލީފް އުފުލަން ޖެހުނަސް އެކަންކަމުން ސަލާމަތްވެވޭނެކަން ޤަބޫލުކުރެވި ހިތްހަމަޖެހުން ލިބޭނެއެވެ. އިންޝާ ﷲ
--މަޢުލޫމާތު: މުފްތީ މެންކްގެ ދަރުސަކުން