ކައިވެނި ރޫޅުމުން މާފުރިހަމަ، މާރަނގަޅު ބައިވެރިއެއް ލިބޭނެ ކަމުގެ ޔަޤީންކަން އޮތް މީހަކަށްވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތް! ފުރުޞަތު ނަގާލަނީ އަމިއްލައަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ކައިވެނި ރޫޅުމުން މާފުރިހަމަ، މާރަނގަޅު ބައިވެރިއެއް ލިބޭނެ ކަމުގެ ޔަޤީންކަން އޮތް މީހަކަށްވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތް! ފުރުޞަތު ނަގާލަނީ އަމިއްލައަށް!

ދިރިއުޅުން ކާމިޔާބުކުރުމަށްޓަކައި އަހަރެމެންނަށް އޮތީ ހިތްވަރާއިއެކު މަސައްކަތްކުރުމެވެ. ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ ތެދުވެރިވުމެވެ. އެއިރުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމުން ތަފާތު އިމްތިޙާންތައް ކުރިމަތިކުރައްވަވާނެއެވެ. ފާސްވުމުން ލިބޭ އެވޯޑްވެސް ހަމަ އެހައިމަތިވެރިވާނެއެވެ.

އިމްތިޙާނުން ފާސްވުމުގެ އެންމެ މުހިންމު އެއް އަސާސަކީ ޙަޔާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ސާބިތުވުމެވެ. ޙަޔާތައް އަންނަ ބަދަލުތަކަށް މަރުޙަބާ ކިޔުމެވެ. އީމާންކަމުގައި ސާބިތުވުމަކީ އެއީ އެވެ.

ﷲ އަށް ތެދުވެރިކަމުގަ ހުއްޓާ ބައިވެރިޔާ ގެއްލުމުން މާފުރިހަމަ ބައިވެރިއެއް ނުލިބިގެން ހިތާމަކުރަންޖެހުނު މީހަކާ ބައްދަލުނުވާކަމަށް މިބުނަނީ ވަރަށް ބޮޑު ޔަޤީންކަމަކާއެކުގައެވެ. މިހެން ބުނުމުން ބައެއް މީހުން ލިސްޓެއް ކިޔަން ފަށައެވެ. އޭނާ ދަންނަ މިވެނި އެވެނި ހެޔޮލަފާ މީހަކަށް އަދިވެސް ކައިވެނިނުކުރެވި އެބަތިބިކަމަށް ބުނެއެވެ.

އެހެން ބުނުމުން އަހަރެން ބުނަމެވެ. ނިކަން ގޮސް އެމީހުންގެ ގާތުގައި އަހައިބަލާށެވެ! އެމީހުން އެތިބެނީ ކުރިއަށްވުރެ ބޮޑަށް ހިތްދަތިކަމުގައިތޯ ނުވަތަ އުފަލުގައިތޯއެވެ؟ ޖަވާބު ހިފައިގެން އައިމީހަކުނަމަ ބުނަނީ އެމީހުން ތިބީ ކުރިއަށްވުރެ މާބޮޑަށް ހިތްހަމަޖެހިގެން ކަމަށެވެ.

ތަކުރާރުކޮށް ބުނަމެވެ. ފަށަމުންވެސް ބުނި ފަދައިން މިދައްކަނީ ﷲ ގެ މަގުގައި ތިއްބައި އެކަނިވެރިވާންޖެހުނު މީހުންގެ ޥާހަކައެވެ. ހިތަށްއެރިހައި ގޮތަކަށް އުޅުނު މީހުންގެ ވާހައެއް ނޫނެވެ.

ތަކުރާރުކޮށް ބުނަމެވެ. ﷲ ގެ މަގުގައި ސާބިތުވެ ހުރެ ރަނގަޅު ދިރިއުޅުމެއް ދިރިއުޅެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދަނިކޮށް ކައިވެނި ރޫޅިއްޖެ ނަމަ އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! އެއީ ހާލަތުގައި ވިސްނަންވީ އެކަން ﷲ ތަޢާލާއަށް މިންވަރު ކުރެއްވެވީ އެ ބައިވެރިޔާއަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވަވަންވެގެންކަމެވެ. އެކަމަށް ފުރުޞަތު ފަހިކުރައްވަވައި ދެއްވެވުމުގެ ގޮތުން ކަމެވެ.

ފޮރުވިގެންވާ ސިއްރު އަހަރެމެންނަށް ނުއެނގެނީއެވެ. ނަމަވެސް ހުރިހާ ސިއްރުތަކެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވެއެވެ. ޔަޤީންކުރާށެވެ! އެކައިވެންޏެއްގެ މަތީގައި ތިމާ ދިރިއުޅުމަށްޓަކައި ﷲ ތަޢާލާ އަންގަވާފައި ގޮތުގައި ޢަމަލުތައް ބަހައްޓަމުން ދަނިކޮށް ކޮންމެ މީހެއްގެ ސަބަބުން ނަމަވެސް ކައިވެނި ރޫޅެން މެދުވެރިވެއްޖެ ނަމަ އެއީ ވަރަށް ވަރުގަދަ ފާލެކެވެ. "ޙައްޤުގައި" ހުރި މީހާއަށް އެކަން ނިޢްމަތަކަށް ނޫނީ ނުވާނެއެވެ.

އިތުރު މައްސަލަތައް އެންމެ ގިނައިން ކުރިމަތިވަނީ އެކަކު ދިރިއުޅުން ނަގަހައްޓައި ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތްކުރަނިކޮށް އަނެކަކު ކޮންމެވެސް އެހެން މަގެއް ޚިޔާރުކުރުމުންނެވެ. ގިނަ މީހުންނަށް ނަފްސާނީ ބަލިތައް ކުރިމަތިވަނީވެސް މިފަދަ ގޮތްތައް މެދުވެރިވުމުންނެވެ. މިފަދަ ބޮޑެތި ޝޮކްތައް ކުއްލިކުއްލިއަކަށް އަމާޒުވުމުން އަރާ ލޮޅުމުގެތެރެއިންނެވެ.

އެހިނދު ފުރަތަމަ އިތުބާރު ލިބިގަންނަންވީ ތިމާގެ އަމިއްލަ ނަފްސަށެވެ. ޔަޤީންކުރަންވީ ތިމާ އަދާކުރަންޖެހޭ ވާޖިބުތައް ތިމާއަށް އަދާކުރެވުނު ކަމެވެ. އެކަމުގެ ޔަޤީންކަން ލިބިއްޖެ ދެން ޔަޤީންކުރާށެވެ! "މިއީ ތިމާއަށް ރާ ރަނގަޅު ބައިވެރިއަކު މިންވަރުކުރައްވަވައި ދެއްވަވަން ﷲ ތަޢާލާ ނިންމެވި ނިންމެވުމެވެ. ރަނގަޅު ނޫން ބައިވެރިޔާ ޙަޔާތުން ނެރުއްވެވީ އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވެވުމަށެވެ!"

މި މައުޟޫއަށް ވާހަކަ ދައްކަމުން މީގެ ކުރިންވެސް ވާނީ ވަރަށް ތަފްޞީލުކޮށް މިވާހަކަތައް ދައްކައިފައެވެ. ޙަޔާތުގައި ތިމާއަށް އުފާވެރިކަން ލިބިގެންދާނެ ބައިވެރިއަކީ 4 ނުވަތަ 5 ވަނަ ބައިވެރިޔާ ކަމަށްވެސް ވެދާނެ ކަމަށާއި ގިނަ ކައިވެނި ކުރަން ޖެހުމަކީ އެއްވެސް ައްސަލައެއް ނޫންކަން ވާނީ ބަޔާންކޮށްފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން