ފަތިހު ހޭލައި ދުވަސްފަށަން ކަންނެތްވެފައި ހުންނަ މީހާގެ ދިރިއުޅުން ކުރިނާރާތީ، ތަނަވަސްކަން އިތުރުނުވާތީ ކަންބޮޑުވެގެން ކުރާނެ ފައިދާއެއް ނެތް!: ވައްހާޖް ތަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ފަތިހު ހޭލައި ދުވަސްފަށަން ކަންނެތްވެފައި ހުންނަ މީހާގެ ދިރިއުޅުން ކުރިނާރާތީ، ތަނަވަސްކަން އިތުރުނުވާތީ ކަންބޮޑުވެގެން ކުރާނެ ފައިދާއެއް ނެތް!: ވައްހާޖް ތަރިން

މުސްލިމުންގެ ގޮތުގައި ތިބިނަމަވެސް މުސްލިމުން ޢަމަލުކުރަންޖެހޭ ކަންކަމަށް ޢަމަލުކުރާ މީހުން އަންނަނީ މަދުވަމުންނެވެ. ނަތީޖާއަކީ ކުރިއަށްދެވެން އޮތް ބާރުގައި ކުރިއަށް ނުދެވުމެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަންވެސް ކުރިނޭރުމެވެ. އެކަން އެގޮތަށް ވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބާއިމެދު ވިސްނައިލަމާހެއްޔެވެ؟

ދުވަހުގެ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވަނީ ފަތސްނަމާދާއިކަން މުސްލިމުންނަށް އެނގެއެވެ. އެކަން ޤަބޫލުވެސްކުރެއެވެ. އެކަމަށް ހުރި ޙަދީޘްބަސްފުޅުތައްވެސް ޤަބޫލުކުރެއެވެ. ނަމަވެސް މަދު މީހަކަށް ނޫނީ ޢަމަލެއް ނުކުރެވެއެވެ. އެހެން ތިއްބައި ދުނިޔެ މިދަނީ ބަދަލުވަމުންނެވެ. ކާމިޔާބީ ހޯދުމުގައި މުސްލިމުންނަށްވުރެ އެހެން ދީންތަކުގެ މީހުން މިއަދު އެދަނީ ކުރިއަރަމުންނެވެ.

ދުނިޔޭގެ އެންމެ ކާމިޔާބުކަމަށް ބުނާ 400 ވަރަކަށް މީހުންގެ ދިރިއުޅުން ހުންނަ ގޮތް ކިޔައިފީމެވެ. ވިޔަފާރިވެރިންނާއި މިލިއަނަރުންނާއި ޤައުމުތަކުގެ އެންމެ އިސްވެރިންނާއި ޑޮކްޓަރުންވެސް ހިމެނޭ ގޮތުންނެވެ. އެމީހުން ފަތިހު 4 ޖެހުމާއި ހެނދުނު 6 ޖެހުމާއި ދެމެދު ނިދައި ހޭލައެވެ.

ޢާންމުގޮތެއްގައި މަސައްކަތު ނުކުންނަނީ 9 ޖަހާއިރު ކަމަށްވީނަމަވެސް މިހައި ހެނދުނާ އެމީހުން ހޭލައި ކުރަނީ ކީއްހެވެ؟ ބައެއް މީހުން ކަސްރަތު ކުރެއެވެ. އެއިގެ އިތުރުން އެމީހުންގެ ދީނުގެ ފޮތްތަކާއި ފިލޯސަފަރުންގެ ލިޔުންތައް ކިޔައެވެ. އަދި އެދުވަހުގެ މަސައްކަތްތައް ކުރާނެ ގޮތް ރާވައިލައެވެ.

މިއީ ކާފިރުންގެ އަމަލުތައް ހުންނަ ގޮތެވެ. އިސްލާމުންނަށް ބަލައިފިނަމަ ކުރަންޖެހޭ ކަންކަން ތަފާތެވެ. ފަތިސްނަމާދުކުރުމާއި ޛިކްރް ކުރުމެވެ. ދުޢާ ކުރުމެވެ. ކީރިތި ޤްރުއާން ކިޔެވުމެވެ. މިކަންކަން ތަފާތުވި ނަމަވެސް ހަޤީޤަތުގައި މިކުރެވެނީ އެއް ބާވަތެއްގެ އަމަލުތަކެކެވެ. އެމީހުން، އެމީހުން ޤަބޫލުކުރާ ގޮތްތަކަށް ކަންކަން ކުރަނީއެވެ. މުސްލިމުން ކަންތައްތައް ކުރަނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށެވެ. ތަފާތަކީ އެއީއެވެ.

މިކަމުންވެސް މިއެނގެނީ ﷲ ތަޢާލާ މުސްލިމުންނަށް އަމަލުކުރަން އަންވާފައި މިވަނީ އެންމެ ފައިދާ ހުރި ގޮތަށް ކަމެވެ. ކާމިޔާބު ލިބުން އޮތީ އެގޮތަށް އަމަލުކުރުމުން ކަމެވެ. ވިސްނަންވީ ކަމަކީ އެމީހުން ﷲ ތަޢާލާ ޤަބޫލު ނުކޮށް ތިބެ ނަމަވެސް އެގޮތަށް ކަންކަން ކުރުމުން އެމީހުންނަށް ދުނިޔޭގައި ކާމިޔާބު މީހުންނަށް ވެވޭ ކަމެވެ. މުސްލިމުންނަށް ﷲ ތަޢާލާ އަނަގަވާފައިވާ ގޮތަށް އަމަލުކުރާނަމަ މިދުނިޔެއާއި ޢާޚިރަތްވެސް ލިބޭނެ ކަމެވެ.

އަހަރެން އަހަރެންގެ އަމިއްލަ ތަޖުރިބާ ބުނެދެން ހެއްޔެވެ؟ ފަތިހު ހޭލައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރާތީ އަހަރެންގެ ދުވަހު މަސައްކަތަށް ފަށާއިރު އަހަރެންގެ ހިތާއި ސިކުނޑި އޮންނަނީ އެކަމަށް ފުރިހަމަ އަށް ތައްޔާރަށެވެ. ހިތް އޮންނަނީ ހަމަޖެހިލައިގެން ނަށަނަށައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ އިސްލާމް ދީނުގެ ކޮންމެ ކަމެއް ފަރުމާ ކުރައްވަވާފައިވަނީ ދުނިޔެއާއި ޢާޚިރަތުގައި އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތަށް ކަމަށްވާތީއެވެ.

"ތިބާއަކީ ކާމިޔާބު މީހަކު ކަމުގައި ވުމަށް އެދޭނަމަ ﷲ ތަޢާލާ އަށާއި ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އަށް ފުރިހަމައަށް ކިޔަމަންތެރިވެ ތިމަން ﷲ އަންގަވާފައިވާ ގޮތަށް އަމަލުކުރުމަށާއި ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުމަށް" ﷲ ތައާލާ އަންގަވާފައި ވަނީ އެ ސަބަބަށްޓަކައެވެ.

ނަމަވެސް ހިތާމައަކީ ފަތިހު ހޭލައި ދުވަހުގެ މަސައްކަތަށް ތައްޔާރުވުމުގައި މުސްލިމުން ނޫން މީހުން ކުރިއެރުން ހޯދަމުން އަންނައިރު މުސްލިމުން އެކަމުގައި ފަރުވާ ކުޑަކޮށް ކަންނެތްވެ ނިދަން ތިބޭ ކަމެވެ.

--ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން