ބިރެއް ނެތި ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑުފާފަ! އެންމެ ގެއްލުން ބޮޑުވެސް ފާފަ ގިނަ ބައަކަށް އޮޅިއްޖެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބިރެއް ނެތި ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑުފާފަ! އެންމެ ގެއްލުން ބޮޑުވެސް ފާފަ ގިނަ ބައަކަށް އޮޅިއްޖެ!: މުފްތީ މެންކް

ބޮޑުފާފައެއް ކަމަށް ގިނަބައަކު ބަލަނީ ދީނުގައި ބޮޑެތި ޙައްދުތައް ކަނޑައަޅުއްވަވާފައިވާ ފާފަތަކެވެ. ޢާނއެކެވެ! އެއީ ހަމަ ބޮޑެތި ފާފަތަކެވެ. އެކަމަކު އެއިގެ ތެރެއިން އެހެން މީހެއްގެ ޙައްޤެއް ނުވާ ފާފަތަކަށް އެމީހަކު ތައުބާވުމުން ފާފަފުއްސަވައި ދެއްވަވައެވެ.

ދެން ބަލައިމިލަނީ ޣީބަ ބުނުމަށެވެ. އެއީވެސް ހަމަ އެންމެ ބޮޑު ފާފައެކެވެ. އެއިގެ އިތުރުން އެކަމުގައި އެހެން މީހެއްގެ ޙައްޤު އެބައޮތެވެ. ވީމާ ތައުބާވިނަމަވެސް އެހާފަސޭހައިން ސަލާމަތްވެވޭކަށް ނެތެވެ. ވީމާ ނުރައްކާތެރިކަން އިތުރަށް ބޮޑުވެގެންދެއެވެ.

ވިސްނާށެވެ! ކޮންމެ މީހަކުވެސް އެމީހަކު ކުރާ އަޅުކަން ޙިމާޔަތްކޮށް އެކަމުގެ ފައިދާ ލިބިގަންނަން ބޭނުން ނަމަ މީހުންނަށް ނުބައި ބަސްތައް ބުނުމުން ދުރުހެލިވާން ޖެހެއެވެ. އެހެން މީހުންގެ ފަރުދީ ކަންކަމުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހެއެވެ. އެންމެ ގިނައިން ކުރެވޭ އެއްފާފަކަމުގައި ވެފައި އޮންނަނީ އަނެކާގެ ކުރިމަތީގައި ދައްކަން ނުކުރޭނެ ވާހަކަ އެމީހަކު ނެތްތަނުގައި ދެއްކުމެވެ. އެއީ އެންމެ ބޮޑު އެއް ފާފައެވެ! ނެތިމޮށުމަކީ އެއްވެސް ޙާލެއްގައިކޮށްގެންވާނެ ކަމެއް ނޫނެވެ.

މިހާރަކަށް އައިސް ނެތިމޮށޭމީހުން ގިނަވެ އެ ބޮޑުފާފައަށް ގިނަ ބައަކު އަރައިގަންނަނީ އެއީ ފާފައެއް ކަމަށްވެސް ނުދެކެތިބެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެކަމުގެ ސަބަބުން ލިބެންހުރި ބޮޑު ގެއްލުން ނިކަން ދެކިބަލާށެވެ!

މިދައްކަނީ މީހުންނަށް ނުބައި ބަސްތައް ބުނެ ދޮގު އިލްޒާމް އަޅުވައި މީހުން ބަދުނާމުކުރާ މީހުންގެ ވާހަކައެވެ. އެހެން މީހުންގެ ފަރުދީ ވާހަކަތައް ދައްކައި ފަޟީޙަތްކުރަމުން ހިނގާ މީހުންގެ ވާހަކައެވެ.

މީހުންނަށް ނުބައި ބަސްތައް ބުނުމުން ދޫ ސަލާމަތްކުރާށެވެ! މީހުންނަށް ނުބައި ބަސް ބުނުމަކީ އެމީހާކުރާ ހެޔޮމަލުތައް ގެއްލިގެންދާ ކަމެކެވެ. އަދި ކުރާ އަޅުކަމުގެ ދަރަޖަވެސް ކުޑަވެގެންދާ ކަމެކެވެ. އަދި ﷲ ތަޢާލާގެ ޙިމާޔަތްތެރިކަންވެސް ގެއްލިގެންދާ ކަމެކެވެ. އެއީ ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާނެ ބޮޑުފާފައެއް ކަމަށް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން