ގިނަ ބައަކަށް ކަންބޮޑުވެވެނީ ތިމާއަށް ކުރިމަތިވާ ކަންކަމަށެވެ. ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމާއިމެދު ނުވަތަ އަދާނުކުރެވޭ ކަމާއިމެދު ވިސްނައިލަނީވެސް މަދުމީހެކެވެ. ވީމާ މިއީ ދެކޮޅު ޖެހޭ ފޯމިޔުލާއަކަށް ނުވާނެ ނޫންހެއްޔެވެ؟
ފުރަތަމަވެސް ޚިޔާލަށް ގެންނަންވީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމެވެ. އެއްވެސް ކަމެއް އެއްވެސް މީހަކަށް ހިންމަވައި ދެއްވެވުމަކީ، އަދި ދުނިޔޭގެ އެންމެންނަށް އެއެންމެން އެދޭހައި ކަންތައްތައް ހިންމަވައި ދެއްވެވުމަކީވެސް ﷲ ތަޢާލާއަށް އެއްވެސް ތަކްލީފެއް ލިބިވޮޑިގެންވާ ކަމެއް ނޫނެވެ.
ދުނިޔޭގެ އެންމެން ކުރާ ހުރިހާ ދުޢާތައް ޢިޖާބަކުރައްވަވައި ދެއްވެވުމާއި ދުނިޔޭގެ އެންމެންގެ ހިތުގެ އެންމެހައި އެދުންތައް ފުއްދަވައިދެއްވެވުމަކީވެސް ﷲ ތަޢާލާއަށް ނުހަނު ފަސޭހަފުޅުވެވޮޑިގެންވާ ކަމެކެވެ. ހަމައެފަދައިން އެންމެންގެ ހިތުގައި އަޅާ ވޭންތަކަށާއި އެންމެނެގެ ބަލިތަކަށް ޝިފާ ދެއްވެވުމަކީ ވެސް ﷲ ތަޢާލާއަށް ފަސޭހަފުޅުވެވޮޑިގެންވާ ކަންކަމެވެ!
ބުރަވެގެން މިއުޅެނީ އަހަރެމެންނަށެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވުމާއި އިޚްލާޞްތެރިވުމާއި ދުޢާކުރުމާއި މިފަދަ ކަންކަން ނުކުރެވިގެން މިއުޅެނީ ހަމަ އަހަރެމެންނަށެވެ! ވަކީލް ނުކުރެވިގެން މިއުޅެނީވެސް ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރި ނުވެވިގެން މިއުޅެނީ ވެސް ހަމަ އަހަރެމެންނަށެވެ.
ވީމާ ހިތްވަރުކޮށްލާފައި އަހަރެމެން އަދާކުރަންޖެހޭ ދައުރު އަހަރެމެން އަދާކުރަމާ ހެއްޔެވެ؟ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ކުރަން އެންގެވިކަންކަންކޮށް، ނުކުރަން އެންގެވި ކަންކަން ނުކޮށް އެކަންކަމާއި ދުރުހެލިވެ، ﷲ ތަޢާލާއަށް ޗުކުރުވެރިވެ އަދި ފުރިހަމަ ގޮތުގައި ވަކީލްކުރާބައަކަށްވަމާ ހެއްޔެވެ؟ އެއިރުން އަހަރެމެންގެ ހުރިހާ އެދުންތަކެއްވެސް ދާނީ ހަމަ ފުދެމުންނެވެ. އުފާވެރިކަންވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ
ހަނދާނުގައި ބަހައްޓާށެވެ. ފަރުވާކުޑަވެގެން މިއުޅެނީ ހަމަ އަހަރެމެންނެވެ. ވަފާތެރިނުވެ ބޭވަފާތެރިވެގެން މިއުޅެނީވެސް ހަމަ އަހަރެމެންނެވެ. ﷲ އަށް ވަފާތެރިއަކު ކަމުގައިވެވިއްޖެނަމަ ތިބާ އެދޭ ބަދަލު ފެނިގެންދާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން