ބުރުގާ އަޅައިގެން ތިބޭ މުސްލިމް އަންހެނުންގެ ގާތުގައި އެކަނބަލުން އަޅާ ބުރުގާގެ މާނަ ނުވަތަ އެކަމުން ދެނީ ކޮން މެސެއްކަމާއިމެދު ސުވާލުކޮށްފިނަމަ ސީދާ ޖަވާބު ދެވެނީ ވަރަށް މަދު އަންހެނަކަށެވެ.
ސުވާލުކުރުމުން ގިނަ އަންހެނުން ބުނާނީ ﷲ ތަޢާލާ އަންގަވާފައިވާތީ އެކަންކުރަނީ ކަމަށެވެ. ބޭނުމަކީ މުސްލިމެއްކަން އަންގައިދިނުން ކަމަށެވެ. މިއީވެސް ހަމަ ރަނގަޅު މާނައެކެވެ. ބުރުގާއަޅަނީ އެކަންކުރަން ﷲ ތަޢަލާ އަންގަވާފައިވާތީއެވެ. އަދި ތިމާއަކީ މުސްލިމެއްކަން އަންގައިދިނުމަށްވެސްމެއެވެ.
ނަމަވެސް ބުރުގާ އެޅުމުގެ ޙަޤީޤީ މަޤްޞަދާއި އެކަމުން ދޭންޖެހޭ މެސެޖުގެ މާނަވަނީ މާބޮޑަށް ފުޅައުވެގެންނެވެ. އެމާނައިގައި "އަހުރެންނަކީ ދުނިޔޭގެ އެންމެ ރަނގަޅު، އެންމެ އަގު ބޮޑު، ތެދުވެރި، ވަފާތެރި، ހިތްވަރުގަދަ، ފާފައަކަށް އަރައިނުގަންނާނެ، ޢިއްފަތްތެރި، ޢަބުރު ނަގާނުލާނެ، ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރި، ފިރިމީހާއަށް ވަފާތެރިވާނެ" އަންހެނަކުކަން ހިމެނެއެވެ. އަދި ތިމާ ފެންނަ މީހުންނަށް ތިމާގެ ޙަޤީޤަތަކީ މިއީކަން ބަޔާންކޮށް އަންގައިދިނުންވެސް ހިމެނެއެވެ.
މިމާނަތައް ހިމަނައިގެން ބުރުގާއަޅާނަމަ އެކަނބަލަކަށް އެހުރެވެނީ އެންމެ ފުރިހަމަ މާނައިގައި ބުރުގާއަޅައިގެންނެވެ. މިސިފަތައް ނެތްނަމަ ބުރުގާ އެޅުމުގެ މަޤްޞަދުން ބައިތަކެއް އުނިވާނެއެވެ. އަހުރެންގެ އިލްތިމާސަކީ ބުރުގާ އެޅުމުގެ މަޤްޞަދާއި އެކަމުގެ ފުރިހަމަ މާނަ އެނގިގެން ބުރުގާއެޅުމެވެ. ޙަޤީޤީ ފައިދާ ޙާޞިލްކުރެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން