އިސްލާމް ދީނަކީ ރަޙްމަތުގެ ދީން ކަމަށްވީނަމަވެސް އެކަމުން ފައިދާކުރާނީ ރަޙްމަތް ހޯދަން މަސައްކަތްކުރާ މީހަކަށެވެ. ރަޙްމަތުގެ ދީންކަމަށްވީތީ ރަޙްމަތް ތިބާގެ ފަހަތުން އާދޭސްކުރަމުން އަންނާނެކަމަށް ބަލައި ފާފަކުރަމުން ގެންދާ މީހަކަށް މެދުވެރިވާނީ މުޅިން ތަފާތު ގޮތެކެވެ. ރަޙްމަތުގެ އިދިކޮޅެވެ.
އެއްވެސް ޝައްކެއް ނެތެވެ! އިސްލާމް ދީނަކީ ރަހްމަތުގެ ދީނެވެ. އަހަރެމެން މިތިބީ ރަޙްމަތުގެ ދީނުގައެވެ. އެހެނަސް ރަޙްމަތުގެ ދީނުގައި ހުރެވޭކަމަށްވާނީ ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބުގެ ވާހަކަތަކުގެ އަޑުއިވޭއިރަށް އަހަރެމެންގެ އިސްތަށިތައް ކޮޅަށްޖެހޭނަމައެވެ. ތައުބާވުމަށް އަވަސްވެގަނެ ﷲ ތަޢާލާގެ މަގަށް އެނބުރެންޖެހޭކަން އިޙްޞާޞްކުރެވޭނަމައެވެ.
އިސްލާމް ދީނަކީ ރަޙްމަތުގެ ދީން ކަމަށްވެގެންދަނީ ފާފަކުރެވުމުން އެކަން ހިތްމައްޗަށް ގެނެސް ތައުބާވެ އަލުން ފާފަ ނުކުރަން މަސައްކަތްނުކުރާނެކަން ހިތްމައްޗަށް ގެންނަ ހިސާބުން ވިދައިލި ވިދުވަރެއްފަދައިން ކުރެވިފައިވާ ހުރިހާ ފާތަކެއް ފުއްސަވައި ދެއްވަވާތީއެވެ.
އަހަރެމެން ވިސްނަންވީ ގޮތް ބަޔާންކޮށްދޭން އަހުރެން ދައްކާ އެއް މިޘާލަކީ ހަށިގަނޑުގައިވާ ކޮލޮސްޓްރޯލެވެ. ކޮލޮސްޓްރޯލަކީ ފުރާނައަށް ގެއްލުންދޭ ނުރައްކައުތެރިއެއްޗެކެވެ. ނަމަވެސް އެއީ ނުބައި ކޮލޮސްޓްރޯލެވެ. ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ފައިދާހުރި ކޮލޮސްޓްރޯލްވެސް ވެއެވެ. އެކޮލޮސްޓްރޯލުން ކުރާނީ ފައިދާއެވެ.
ހަމައެފަދައިން ޢަމަލުތައްވެސް މިދަނީ ދެބައަކަށް ބެހިގެންނެވެ. އެއްބާވަތުގެ ޢަމަލުތަކަކީ އެމީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ގެއްލުންދޭ، ތިމާ ނަރަކައަށް ވައްދުވާނެ ނުބައި ޢަމަލުތަކެވެ. އަނެއްބައި ޢަމަލުތަކަކީ ދުނިޔެއާއި އާޚިރަތުގައިވެސް ތިމާއަށް ފައިދާކުރާނެ އަދި ތިމާ ސުވަރުގެ ވައްދުވާނެ ނުބައި ޢަމަލުތަކެވެ.
ﷲ ތަޢާލާ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާފައިވަނީ އެކަންކަމަށް ފިކުރުހިންގުމުން ޢިބްރަތް ޙާޞިލުކުރެވޭނެ ގޮތަށެވެ. ވީމާ ދެބާވަތުގެ ކޮލޮސްޓްރޯލް ހަށިގަނޑުގައި އަދާކުރާ ދައުރާއިމެދު އެކަނި ވިސްނައިލި ނަމަވެސް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަންނަން ކުރިއަށްދާންވީ މަގު ފެންނާނެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ މީޒާނުގައި ހެޔޮ ޢަމަލުތަކުގެ ކޮޅަށް ބަރުކުރުމަށެވެ. އެކަންޙާޞިލްކުރެވޭނީ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރިވަރަކުންނެވެ. ޛިކުރުތައް ކިޔައި އުޅުނު ވަރަކުންނެވެ.
الله ގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑު، ދޫމައްޗަށް ލުއި، ތިލަފަތުގައި ބަރު ދެކަލިމަ:
سُبْحَانَ الله وَبِحَمْدِهِ
سُبْحَان الله الْعَلِيْمِ
"މާތް الله އެއިލާހަށް ޙަމްދު ލިބިވޮޑިގެން ވުމާއެކު ހުސްޠާހިރު ވަންތަވެވޮޑިގެން ވެއެވެ. މަތިވެރިވެވޮޑިގެންވާ މާތް الله ހުސް ޠާހިރުވަންތަވެވޮޑިގެންވެއެވެ." މިފަދަ ޛިކުރްތައް ކިޔުން ގިނަކުރިވަރަކުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން