ގޭތެރޭގައި އުޅޭ ނުރައްކާތެރި ދިރޭ އެއްޗިއްސަކީ ޖިންނީން ކަމުގައިވެދާނެއެވެ! ސަލާމަތްވާން ޢަމަލުކުރެވިދާނެ ގޮތްތައް!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 17ސ
ގޭތެރޭގައި އުޅޭ ނުރައްކާތެރި ދިރޭ އެއްޗިއްސަކީ ޖިންނީން ކަމުގައިވެދާނެއެވެ! ސަލާމަތްވާން ޢަމަލުކުރެވިދާނެ ގޮތްތައް!: ޝައިޚް ޝާފިޢު

އިންސާނުންނެކޭ އެއްފައިދައިން ޖިންނީންނަކީވެސް ﷲ ޚަލްޤުކުރައްވާފައިވާ ބައެކެވެ. ނަމަވެސް އެއީ މުޅިން ތަފާތު މަޚްލޫގެކެވެ. ލޮލަށް ނުފެންނަ ޢާލަމެއްގައި އުޅޭ ބައެކެވެ. އަދި އިންސީންގެ ތެރޭގައި ތަފާތު ދީންތަކާއި މަޛްހަބުތަކާއި ފިރްޤާތައް އޮންނަ ފަދައިން ޖިންނީންގެ ތެރޭގައިވެސް މިކަން މިގޮތަށް އޮވެއެވެ. 

وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَٰلِكَ  كُنَّا طَرَائِقَ قِدَدًاالجن 11

މާނައީ: "އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ." 

‏‏ޖިންނީންނަކީ އިންސީންނަށްވުރެ ޖާހިލު، ދޮގުހަދާ، އަނިޔާވެރި އަދި ޚިޔާނާތްތެރި ބައެކެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޝައިޠާނުން ‏‏ޒިކުރު ކުރައްވާ ވަޙީކުރައްވާފައި ވަނީ އިންސާނުންގެ މެދުގައި ފަސާދަ އުފައްދާ އަދި ޢަދާވާތްތެރި ބައެއްގެ ގޮތުގައެވެ.  

ތަޢާލާ ވަޙީކުރައްވާފައި ވަނީ: ﴿ وَلَا تَتَّبِعُوا خُطُوَٰتِ ٱلشَّيْطَٰنِ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ البقرة 168 – މާނައީ: "އަދި ޝައިޠާނާގެ ‏‏ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ‏‏ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ." 

އެހެން އާޔަތެއްގައި  ﷲ ތަޢާލާ ވަޙީކުރައްވާފައި ވަނީ: ﴿ وَقُل لِّعِبَادِى يَقُولُوا ٱلَّتِى هِىَ أَحْسَنُ إِنَّ ٱلشَّيْطَٰنَ يَنزَغُ بَيْنَهُمْ إِنَّ ٱلشَّيْطَٰنَ كَانَ لِلْإِنسَٰنِ عَدُوًّا مُّبِينًا الإسراء 53 

މާނައީ: "އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، އިމަންއިލާހުގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ޝައިޠާނާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، ޝައިޠާނާއީ، އިންސާނާއަށް ފާޅުވެގެންހުރި ޢަދާވާތްތެރިޔަކު ‏‏ކަމުގައިވިއެވެ." 

ޖިންނީންނަށް އެކިއެކި ސޫރައަށް ބަދަލުވުމުގެ ބާރު ﷲ ތަޢާލާ ވަނީ ދެއްވާފައެވެ. އެގޮތުން އެކިއެކި ޖަނަވާރުތަކަށާއި އެކިއެކި ‏‏ސޫފާސޫފީގެ ސޫރާގައި ފާޅުވާކަން ސުންނަތުން ޘާބިތުވާން އެބަހުއްޓެވެ. ހަމަކަށަވަރުން ޖިންނީން އިންސާނުންގެ ހަށިގަނޑަށް ވަދެއެވެ. ‏‏އަދި އިންސާނުން ދިރިއުޅޭ ތަންތަނަށްވެސް އެސޮރުމެން އައިސް އެކިކަހަލަ ގޯނާތައް ކުރެއެވެ. ﷲ ތަޢާލާގެ ވަޙީ ‏‏ބަސްފުޅުގައިވާފަދައިންނެވެ. ޖިންނީން އިންސީންގެ ހަށިގަނޑަށް ވަންނަކަމުގެ ދަލީލަކަށް ނުވަތަ އެސޮރުމެން އިންސީންނަށް އުނދަގޫކުރާ ކަމުގެ ދަލީލަކަށް ޢިލްމުވެރިން އަންނަނިވި އާޔަތް ގެންނަވާފައިވެއެވެ. 

﴿ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ البقرة 275

މާނައީ: "ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން) ‏‏ނުތެދުވާނެތެވެ." 

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “އިންސީންނާއީ، ޖަނަވާރުންގެ ސިފައަށްވެސް ޖިންނީން ‏‏ބަދަލުވެއުޅެއެވެ. މިގޮތުން ހަރުފައާއި، ނަގުލަންދާއްޓާއި، މިނޫންވެސް އެހެން އެއްޗެހީގެ ޞޫރައަށްވެސް އެ އެއްޗެހިތައް ބަދަލުވެއެވެ. އަދި ‏‏ޖަމަލާއި، ގެރިއާއި، ޙިމާރާއި، އަހާއި، ބަކަރީގެ އިތުރުން ދޫނީސުފާސޫއްޕާއި އިންސާނުންގެ ސޫރައަށްވެސް ބަދަލުވެއެވެ. އަދިވެސް ‏‏ވިދާޅުވެފައި ވެއެވެ. ކަޅު ކުއްތާއަކީ، ކުއްތާތަކުގެ ތެރެއިންވާ ޝައިޠާނުންނެވެ. ޖިންނީންތައް އެއެއްޗެހީގެ ސޫރައަށް ވަރަށް ގިނައިން ‏‏ބަދަލުވެ އުޅެއެވެ. ހަމަ މިފަދައިން ކަޅުބުޅަލުގެ ސިފައަށްވެސް ބަދަލުވެ އުޅެއެވެ.

ގޭތެރޭގައި އުޅޭ ނުރައްކާތެރި ދިރޭ އެއްޗިއްސަކީ ޖިންނީން ކަމުގައިވެދާނެއެވެ. އެއެއްޗެއްސާމެދު ޢަމަލުކުރަން އޮންނަ ގޮތަކީ އިންޛާރު ދީ ނުކުންނަން ބުނުމެވެ. އެއެއްޗެއްސަށް ތިން ފަހަރު އިންޛާރު ދިނުމުން ‏‏ވެސް ނުދާކަމުގައިވާނަމަ މަރާލެވިދާނެއެވެ. އެކިއެކި ސިފަސިފައިގައި އިންސާނުންގެ ކުރިމައްޗަށް ފާޅުވެ އިންސާނުން ބިރުގެންނެވުމަށް ‏‏އުޅޭ ޖިންނީންނަމަ އެއެއްޗެހި އެފަދައިން ކަންތައްކުރުމުން އޭގެ ކިބައިން ދިފާޢުވުމުގެ ގޮތުން ކުރެވެން އޮތް ކޮންމެ ކަމެއްވެސް ‏‏ކުރެވިދާނެއެވެ. އެއީ އެއެއްޗެހި ޤަތުލުކޮށްލުން ކަމުގައިވިޔަސްމެއެވެ. ނަމަވެސް އެއްވެސް ސަބަބަކާނުލާ އެސޮރުމެން ޤަތުލުކުރުން ‏‏ހުއްދަވެގެންނުވެއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

﴿ فَمَنْ رَأَى شَيْئًا مِنْ هَذِهِ الْعَوَامِرِ فَلْيُؤْذِنْهُ ثَلَاثًا، فَإِنْ بَدَا لَهُ بَعْدُ فَلْيَقْتُلْهُ، فَإِنَّهُ ‏شَيْطَانٌ -رواه مسلم ٢٢٣٦/١٤١

މާނައީ: "ފަހެ، މީހަކަށް ގޭތެރެއިން ހަރުފަ ފަދަ އެއްޗެއް ފެނުމުން އެއަށް ތިންފަހަރު އިންޛާރު ދޭށެވެ. އެއަށްފަހުވެސް އެއެއްޗެއް ‏‏ފެންނަނަމަ، ފަހެ، އެ މަރާލާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ޝައިޠާނެކެވެ." 

އިންސާނަކަށް ޝައިޠާނެއްގެ އުނދަގޫ ފޯރައިފި ނަމަ އެކަމުން ސަލާމާތްވާ އޮތް މަގަކީ ކީރިތި ޤުރުއާނެވެ. ނުވަތަ ޝަރުޢީ ރުޤްޔާއެވެ. ‏‏ޖިންނިއެއް އަދި އިންސިއެއް ވިޔަސް ހައްގަކާއި ނުލާ އަނިޔާ ދީ މަރާލުމުގެ ހައްގެއް އެކަކަށްވެސް ލިބިގެނެއް ނުވެއެވެ. ޝައިޚުލް އިސްލާމް އިބްނު ‏‏ތައިމިއްޔާ ރަޙިމަހުﷲ ވިދާލުވަނީ ޖިންނީން ގަތުލުކުރުމާއި އިންސާނުން ގަތުލުކުރުމުގެ ޙުކުމަކީ އެއް ޙުކުމެއްކަމުގައެވެ. ޖިންނިއެއް ‏‏އިންސާނަކަށް އުދަނގޫކޮށް އަނިޔާވެރިވުމަކީ ޙަރާމް ކަމެކެވެ. އެކަމުގައި އޮންނަ ﷲ ތަޢާލާގެ ޙުކުމްފުޅުތައް އޭނާއަށް ބަޔާންކޮށްދޭށެވެ. ‏‏އަދި އޭގެ މައްޗަށް ޙުއްޖަތް ޤާއިމު ކުރާށެވެ. ޖިންނިއެއް ކަމުގައިވިޔަސް ޙައްގަކާ ނުލާ މެރުމަކީ ހުއްދަކަމެއް ނޫނެވެ.

ތަޢާލާ ވަޙީކުރައްވާފައި ވަނީ

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا -سورة الإسراء 82]

މާނައީ: "ތިމަންއިލާހު ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ." 

ރުޤުޔާކުރުމުގައި ޖިންނި ޝައިޠާނުންނާއި މުއާމަލާތްކޮށް އެސޮރުމެންގެ ކުޅިވަރުތަކާއި ދައްކާ ވާހަކަތައް ޤަބޫލުކުރުމަކީ މީހާ ފަސޭހައިން ‏‏މަގުން ކައްސާލާ ޝައިޠާނާގެ ކެހިވެރި މަޅީގައި ޖެހި މީހާ ފިތުނަވެރި ވެދާނެ ކަމެކެވެ.

ބައެއް މީހުން ޖިންނީންގެ ކިބައިން ސަލާމަތްކުރުމަށޭ ބުނެ ޖީންނީން އަންދާ، ތަންތަނުގައި ބަނދެ ނުވަތަ ހައްޔަރުކޮށް، ފުޅި ‏‏ފުޅިއަށްލާ ‏‏އެކިކަހަލަ އަދަބުދީ ހަދާކަމަށް ބުނެއުޅެއެވެ. ނަމަވެސް މިއީ ދީނުގައި ޞައްޙަ މަގުން ޘާބިތުވާން ހުރި ކަންކަމެއް ‏‏ނޫނެވެ. ގިނަ ފަހަރަށް ‏‏މިފަދަ ކަންކަމަކީވެސް ޝައިޠާނާ އިންސާނުންނަށް އޮޅުވާލަން ކުޅޭ މަކަރުވެރި ކުޅިވަރެކެވެ. ފެންނާން ހުރި ޙަޤީޤަތަކީ ޖިންނި ޝައިޠާނުންނަކީ ‏‏އިންސާނުންނަށް މުޅިންވެސް އޮޅުވާލުމާއި ދޮގު ހެދުމާއި ފިތުނު ފަސާދަ އުފައްދާ މަޚްލޫޤެއްކަމެވެ. އެސޮރުމެންގެ އެއްވެސް ކަމެއް ‏‏ޤަބޫލުކުރުމެއް ނެތެވެ. އަޅުގަނޑުމެންނަށް އޮތީ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް ކީރިތި ޤުރުއާނުން ނުވަތަ ޝަރުޢީ ‏‏ރުޤްޔާއިން ފަރުވާ ކުރުމެވެ. ރުޤްޔާގެ ސަބަބުން ޖިންނި ޝައިޠާނުން ގޯނާކުރާ ނުވަތަ އަވަލާފައިވާ އިންސާނާ ދޫކޮށް ދެއެވެ. ނުވަތަ ‏‏އެސޮރުމެން ހަލާކުވެ ފަނާވެގެން ދެއެވެ.  

ޚުލާޞާ: ޖިންނީންގެ ފަރާތުން އުނދަގުލެއް ކުރިމަތިވެއްޖެނަމަ ޝަރްޢީގޮތުން އެކަން ކުރަން އޮންނަ ގޮތަކީ ކީރިތި ޤުރްއާނުން ޝިފާ ހޯދައިގެން އެ އުނދަގުލުން ސަލާމަތްވުމެވެ. އަދި ޖިންނީންނަށްވެސް ﷲ ގެ ދީނަށް ދަޢުވަތުގެ ދިނުމެވެ. އެއްވެސް ހާލެއްގައި ޖިންނީން އަންދާ މަރާ ހެދުމެއް ނޫނެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު

 

 

މިއަދު އޮންލައިން