މަންމަ ޕާކަކަށް ގޮސްހުރީ އޭނާގެ 16 ވަރަކަށް އަހަރުގެ ދަރިފުޅު ގޮވައިގެންނެވެ. އެތަނުގައި އުޅުނު އެހެންމީހުންނަށް ދަރިފުޅު އުނދަގޫކުރަން ފެށުމުން މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! އެހެން މީހުންނާ ބެހި އުނދަގޫނުކުރާށެވެ! އެހެން މީހުން ދަރިފުޅާއި ބެހި އުނދަގޫކުރާކަށް ދަރިފުޅެއްވެސް ނުރުހޭނެއެވެ."
ދަރިފުޅުގެ ޖަވާބަކަށްވީ އަހުރެން ކުރާ ކަންކަމަށް ހުރަސްނާޅާށެވެ! އެހެން ބުނެފައި ނިންމައިލީއެއް ނޫނެވެ. މަންމައަށް އެއްޗެތިގޮވަމުންގޮސް މަންމަގެ ކޮނޑުގައި ޖަހަމުން ބުންޏެވެ. "ކަލެއަށްވުރެ އަހުރެން މާބާރުގަދަވާނެއެވެ."
އެތަން ބަލަންހުރި މީހަކު އައިސް ދެމައިންގެ ދެމަދަށްވަދެ ދަރިފުޅުގެ ގައިގައި ހިފަހައްޓާފައި ބުންޏެވެ. "ކަލެއަށްވުރެ އަހުރެން މާބާރުގަދަވާނެއެވެ." އެވަޤުތުވެސް މަންމައަށް ބުނެވުނެވެ. "އެކުވެރިޔާއެވެ! އަހުރެންގެ ދަރިފުޅަށް އަނިޔާނުކުޜާށެވެ!"
އެހެން ބުނުމުން އެމީހާ ބުންޏެވެ. "އަހުރެންގެ މަންމަ ދުނިޔޭގައި ހުރިނަމަ އަހުރެން އަބަދުހުރީހީ މަންމަގެ ޚިދުމަތުގައެވެ. އަހުރެންގެ އަމިއްލަ ނަފްސަސްވުރެ މަންމައަށް ހެޔޮކޮށް ހިތީމުހެވެ. ނަމަވެސް ކަލޭގެ ޢުމުރުގައި އަހުރެންނަށް ވަނީ މަންމަ ގެއްލިފައެވެ. މަންމައަށް ޚިދުމަތްކުރުމުގެ ފުރުޞަތު ގެއްލިފައެވެ. ކަލޭގެ މަންމައަށް ޚިދުމަތްކުރުމުގެ ފުރުޞަތު ކަލެއަށް އެބައޮތެވެ. މަންމައަށް ހެޔޮކޮށްހިތާށެވެ. ދެން ދުވަހަކުވެސް ތިއަބާވަތުގެ ކަމެއް ނުކުރާށެވެ! ކަލޭދެކެ ކަލޭގެ މަންމައަށްވުރެ ބޮޑަށް ލޯބިވާނެ މީހަކު ދުނިޔެއަކުން ނުފެންނާނެއެވެ!"
އެކުއްޖާއަށް ދެރަވެ ރޮވެން ފެށުނެވެ. ރޮމުން ބުންޏެވެ. "އަހުރެންގެ ހިތުގައި މަންމައަށް ނަފްރަތު އުފެއްދި – އަށް އެކަމުގެ ރަހަ ދައްކައިލާނަމެވެ." އެމީހާ ބުންޏެވެ. "އެކަންވެސް ނުކުރާށެވެ. އެއިރުން ކަލެއަށް އަދަބުލިބޭނެއެވެ. އެތައް ދުވަހަކަށް މަންމައާއި ވަކިވާންވެސް ޖެހިދާނެއެވެ. އެއިރުން މަންމައަށް ކުރަންޖެހޭނެ ދެރަ މާބޮޑުވާނެއެވެ."
މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯ ކްލިޕެއްގައި ފެނުނު ކަމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކުރަން ބޭނުންވި އެއް ސަބަބަކީ ދަރިންގެ ހިތުގައި މައިންބަފައިންނަށް ނަފްރަތު އުފައްދުވަން ކަންކަން ނުކުރަން ބުނުމެވެ. ދެވަނަ ބޭނުމަކީ މައިން ދަރިން ދެކެ ލޯބިވާ މިންވަރު ބަޔާންކުރުމެވެ. ދަރިފުޅު ޖެހީމާ އެކަމުގެ ތަދު އިޙްޞާޞްކުރަމުންވެސް މަންމަ އެއެދުނީ އެދަރިފުޅަށް އަނިޔާ ނުކުރުމަށެވެ. އަންގައިދެނީ މައިން އެމީހުންގެ ހަށިގަނޑަށްވުރެ ބޮޑަށް ދަރިން ދެކެ ލޯބިވާ ކަމެވެ.
މިހުރީ ދަސްކުރަންޖެހިފައިވާ އަގުހުރި ފިލާވަޅުތަކެވެ.
- ފާޠިމަތު / މިއަދުނޫހުގެ ކިޔުންތެރިއެއް