ދަރިން ނުލިބުމަކީ ﷲ ގެ ކޯފާއެއްކަމަށްބުނެ ހިތުގަ ޖެހޭނެ ފަދަ ބަސްތައް ބުނަން ހެޔޮނުވާނެ! ބައިވަރު ދަރިން ލިބުނަސް އުފާވެރިކަމެއް ނުލިބޭ މައިންބަފައިން މަދެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ދަރިން ނުލިބުމަކީ ﷲ ގެ ކޯފާއެއްކަމަށްބުނެ ހިތުގަ ޖެހޭނެ ފަދަ ބަސްތައް ބުނަން ހެޔޮނުވާނެ! ބައިވަރު ދަރިން ލިބުނަސް އުފާވެރިކަމެއް ނުލިބޭ މައިންބަފައިން މަދެއް ނޫން!

ގިނަ ދަރިންތަކެއް ލިބުމުން ބުރަ އުފުލައިގެން ބަލައި ބޮޑުކުރިނަމަވެސް އެއްވެސް ދަރިއެއްގެ ކިބައިން އެހީތެރިކަމާއި ހިތްހަމަޖެހުން ނުލިބޭ މައިންބަފައިން ބައިވަރެވެ. އަދި އެންމެ ދަރިއަކު ނުލިބުނަސް، އެންމެ ދަރިއަކު ލިބިގެންވެސް ނުހަނު އުފަލުގައި ހިތްހަމަޖެހިގެން އުޅެވޭ މައިންބަފައިންވެސް ބައިވަރެވެ. ވީމާ ރަނގަޅި ކޮންގޮތެއްކަން އަހުރެމެންނަކަށް ނުއެނގޭނެއެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ!  

"މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙް ޢަމަލު ތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ޘަވާބު ގެގޮތުން މާހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ." (އަލްކަހްފި: 46) 

އަދިވެސް ވަޙީކުރައްވަވާފައިވެއެވެ.  

"އުޑުތަކާއި، ބިމުގެ ވެރިކަންވަނީ ﷲ އަށެވެ. އެެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަވަތެވެ." (އައްޝޫރާ: 49) 

ދަރިން ނުލިބޭނަމަ ހޯދަން ކުރެވެން ހުރި މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. މަސައްކަތްކުރުމުން ވެސް ނުލިބިއްޖެ ނަމަ އެއީ ކޯފާއެއް ކަމަށް ނުދެކޭށެވެ! އަދި ﷲ ތަޢާލާގެ ރަޙްމަތާއިމެދު މާޔޫސްނުވާށެވެ! އަދި އެއީ ލެއްވެވި ރަޙްމަތެއް ކަމުގައި ދެކޭށެވެ.  

ބައެއް ދެމަފިރިންނަށް ދަރިން ނުލިބުމުން އެއީ ކޯފާއެއް ކަމަށްބުނެ އެމީހުންގެ ހިތްފަޅައިގެންދާ ފަދަ ބަސްތައް ބައެއް މީހުން ބުނާކަން އެއީ ވަރަށް ހިތާމަހުރިކަމެކެވެ. މިފަދަ ބަސްތަކުގެ ސަބަބުން ނިކަމެތިކަން އިޙްޞާޞްކުރަންޖެހުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ.  

ކުރިން މިބަޔާންކުރި އާޔަތުގައި ﷲ ތަޢާލާ އެފަދައިން ވަޙީކުރައްވަވާފައިވަނިކޮށް އަމިއްލައަށް ޙުކުމް ނެރުން ހުއްދަވެގެންވަނީ ކާކަށް ހެއްޔެވެ؟ އެމީހުންނަށް ކުދިން ނުލިބިގެން އުޅެނީ ކޯފާއިންކަން އެނގެނީ ކާކު ބުނެގެން ހެއްޔެވެ؟ ވީމާ އެފަދަ ބަސްތައް އެއްވެސް މީހަކަށް ނުބުނާށެވެ! 

މުދަލާއި ދަރިންނަކީ ވެސް ދުނިޔޭގެ ޒީނަތެކެވެ! މުދައުވެސް ދަރިން ވެސް ދެއްވަވަނީ އިމްތިޙާނަކަށެވެ! ދަރިންގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނީ މުސްކުޅިވާދުވަހު އަޅައިލުމާއި އެހީތެރިކަމެވެ. މަރުވުމުން ހެޔޮދުޢާއެވެ. 10 ވަރަކަށް ދަރިން ތިބި ނަމަވެސް މައިންބަފައިންނަށް މިކަންކަން ޙާޞިލުވަނީ ކިތައް ދަރިންގެ ފަރާތުންހެއްޔެވެ؟ ވީއިރު ދަރިއަކު ނެތުމުން އުނިވަނީ ކޮންކަމެއް ހެއްޔެވެ؟ އެމީހަކަށް ފައިދާކުރާނީ ދަރިން ދެއްވެވުމުންކަން ނުވަތަ ނޫންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ދަރިން ދެއްވަވާ ﷲ ތަޢާލާއެވެ!  

އީމާންކަން އެންމެ ފުރިހަމަ އަންހެން ބޭކަނބަލުންގެތެރެއިން އެންމެ ފުރިހަމަ އެއް ބޭކަނބަލަކީ އެބޭކަނބަލަކަށް މާތް ﷲ ރަހްމަތް ލެއްވެވި އާސިޔާ ބިންތި މުޒަހިމް (ފިރުއަޢުނުގެ އަނބި) އެވެ. އެކަމަނާއަކަށްވެސް އެއްވެސް ދަރިއަކު ލިބިވަޑަިގެންފައެއް ނުވެއެވެ.  

ރަސޫލް () އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގެން އަނބިކަނބަލަކީ ޢައިޝަތުގެފާނެވެ. އެކަމަނާއަކަށްވެސް ދަރިކަލަކު ލިބިވަޑައިގެންފައެއް ނުވެއެވެ. ވީއިރު އެއްވެސް މީހަކަށް ދަރިއަކު ނުލިބުމުން އެއީ ﷲ ތަޢާލާގެ ކޯފާއެއް ކަމަށް ބުނަންހެޔޮނުވާނެއެވެ!  

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން