އިސްވެދިޔަ އުންމަތްތަކުގެ މީހުންނާއި ފަހުގެ އުންމަތްތަކުގެ މީހުން މަޙްޝަރު ބިމަށް ޖަމާވެފައި ތިބޭ ހިނދު، އިރު ހުންނާނީ އެ މީހުންނާ މޭލަކަށް ކައިރިކުރެވިފައިކަމަށް رَسُوْلُ اللهِ zގެ އަރިހުން ޞައްޙަ ގޮތުގައި ސާބިތުވެގެންވެއެވެ. (مَيْلُ) ގެ ޝަރަޙައިގައި އެޙަދީޘްގެ ރާވީ اَلْمِقْدَادُ بْنُ الْأَسْوَدُ رَضِيَ اللهُ عَنْهُ ގެ އަރިހުން އެ ޙަދީޘް ރިވާކުރެއްވި سُلَيْمُ بْنُ عَامِر ވިދާޅުވިއެވެ. اللهُ سُبْحَانَهُ وَتَعَالَى ގަންދީ ބުނަމެވެ. އެ މައިލަކީ، ބިމުގެ މަސާފަތެއްގެ ގޮތުގައި ބޭނުންކުރާ މޭލުކަމެއް، ނުވަތަ އަނދުންދަޅުގައި އަނދުންއެޅުމަށް ބޭނުންކުރާ ކަށި ކަމެއް ތިމަންނައަކަށް އެނގިގެން ނުވެއެވެ.[1] އެހެން އެ ވިދާޅުވީ އަނދުންއެޅުމަށް ބޭނުންކުރާ ކަށްޓަށް އަރަބި ބަހުގައި (مَيْلُ) ކިޔާތީއެވެ.
އަހަރެމެން ދިރިއުޅޭ ދުނިޔެއާއި، އިރާ ދެމެދު ނުވަދިހަ ތިން މިލިއަނެއްހާ މޭލު ހުންނައިރު، ހޫނުގަދަ ދުވަސްތަކުގައި އެހާމެ ހޫނުގަދަވެއެވެ. ހޫނުގެ ސަބަބުން ކޮންމެ އަހަރަކުހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މަރުވެއެވެ. ދުނިޔޭގެ ގަދަ ހޫނުގައި މީސްތަކުންގެ ޙާލަކީ މިއީކަމުގައިވާ އިރު، ޤިޔާމަތް ދުވަހުގެ ގަދަ ހޫނުގައި ތިބޭ އިރު، މީސްތަކުންގެ ޙާލު ހުންނާނީ ކިހިނެއްތޯއެވެ! އެ ދުވަހުން، މީސްތަކުންގެ ޢަމަލުތައް ހުންނަ ގޮތުން، އެއްބަޔަކު ތިބޭނީ އެ މީހުންގެ ގައިން އޮހޮރޭ ދާގެ ތެރޭގައި ތަނބިކަށްޓާ ހަމައަށެވެ. އަނެއް ބަޔަކު އެ ބަޔެއްގެ ކަކުލާ ހަމައަށެވެ. އަނެއްބަޔަކު އެބައެއްގެ އުނަގަނޑާ ހަމައަށެވެ. އަނެއް ބަޔަކު ތިބޭނީ އެ ބަޔެއްގެ އަނގައާ ހަމައަށް ގެނބިފައެވެ.[2] ނަމަވެސް އެ ދުވަހުގެ ބިރުވެރިކަމާއި، ނާމާންކަމުން ނަޖާކުރައްވައި اللهُ سُبْحَانَهُ وَتَعَالَىގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި އެކަލާނގެއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނެއެވެ."[3]
اللهُ سُبْحَانَهُ وَتَعَالَىވަނީ ތިޔަބައިމީހުން ޚާއްސަ ކުރައްވައިފައެވެ. އެއީ، ހެޔޮ ޢަމަލެއްކުރުންކަމުގައި ވިޔަސް، ނުވަތަ ހަވާނަފުސު އެދި ގޮވާ ކަމެއް ކުރުންކަމުގައި ވިޔަސް، އެ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޒުވާން ޢުމުރުގައިކަމަށްވާތީއެވެ. އެހެންކަމުން ހެޔޮކަންތައް ކުރުމަށް އަވަސްވެގަންނާށެވެ! އަދި ނުބައި ފާޙިޝް ކަންކަމާ ދުރުހެލިވާށެވެ! ހަވާނަފުސުގެ މަގު ދޫކޮށް، މާތް ﷲގެ މަގަށް އަވަސްވެގަންނާށެވެ! ސަލާމަތުގެ މަގަކީ އެއީއެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތީ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި ހުއްޓި ހުންނާންޖެހޭ ހުރުމަށް ބިރުވެތިވެ ހަވާނަފުސުގެ އެދުންތަކުން ދުރުވެގަތް މީހާއަށެވެ.
ޤިޔާމަތް ދުވަސް ދިގުލައިގެން ދިޔުމުގެ ސަބަބުން މީސްތަކުންގެ ޙާލު ބޮޑުވެ، ކަރުހިއްކުން އިންތިހާއަށް އިތުރުވެފައި ވަނިކޮށް اللهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތުން އެކަލާނގެ ނަބިއްޔާ zއަށް ޙައުޟުކޮޅު ދެއްވާނެއެވެ. އޭގެ ފެން ކިރަށް ވުރެ ހުދުވާނެއެވެ. އަދި މާމުޔަށް ވުރެ ފޮނިވާނެއެވެ.[4] އެއިން ފެންބުއިމުގެ ނަސީބު ލިބިގެންދާނީ اللهُ سُبْحَانَهُ وَتَعَالَىއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެއަށް އިޚްލާޞްތެރިކަމާ އެކު އަޅުކަންކޮށް، ނަބިއްޔާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބާވާ މީހުންނަށެވެ. ނަމަވެސް ހިތާމައަކީ، މަދުން ނަމަވެސް މި ލޮބުވެތި މުޖުތަމަޢުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް، އެކަލޭގެފާނު ދެއްކެވި މަގުން ހިނގާ މީހުންނަށް މަލާމާތްކުރާ މީހުން ތިބިކަމެވެ. އެ ފަދަ މީހުން ވަގުތު ފާއިތުވުމުގެ ކުރީން اللهُ سُبْحَانَهُ وَتَعَالَىއަށް ތައުބާވެ، އެކަލާނގެ މަގަށް ރުޖޫޢަވުމަށް ގޮވައިލަމެވެ!
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެއެވެ. ޢަމަލުތައް ވަޒަން ކުރެވޭނެއެވެ. ރެވިއޮށްޓަރެއްގެ މިންވަރުގެ ހެޔޮ ކަމެއް ވިޔަސް އަދި ނުބައި ކަމެއް ވިޔަސް އެ ދުވަހުން ގެނެވޭނެއެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ކަމަކުން اللهُ سُبْحَانَهُ وَتَعَالَى ބޭއިންސާފެއް ނުކުރައްވާނެއެވެ. އެ ދުވަހުން ކަނާތަށް ފަތް ލިބޭނީ ހެޔޮ ޢަމަލުކޮށް އުޅުނު މީހުންނަށެވެ. އަދި އުރެދުނު މީހުންނަށް ފަތް ލިބޭނީ އެމީހެއްގެ ވާތަށެވެ. ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް އަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ، ހަވާނަފުސަށް ތަބާވެ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން ފޮނި އުންމީދުކުރާ މީހާއެވެ.
އަހަރެމެންގެ މި ލޮބުވެތި މުޖުތަމަޢުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައެވެ. މިއަދު ފެންނަނީ، އިސްލާމްދީން، އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރެވެ. މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، اللهُ سُبْحَانَهُ وَتَعَالَى ޙަރާމްކުރެއްވި މި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭ އިރު، އެމީހުންނަށް މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަހަލައެވެ. اللهُ سُبْحَانَهُ وَتَعَالَىއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ ނަމަ، މި ފަދަ ކަންކަމުން ދުރުހެލިވެ، ރައްކާތެރިވާންޖެހެއެވެ.