މުސްލިމުންނަށް އޮތް އެންމެ ބޮޑު އުފާވެރިކަން: ސުވަރުގެ އުފައްދަވާފައިވަނީ ފާފައެއް ނުކުރެވޭ މީހުންނަކަށް ނޫން! ތައުބާވާ އަޅުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މުސްލިމުންނަށް އޮތް އެންމެ ބޮޑު އުފާވެރިކަން: ސުވަރުގެ އުފައްދަވާފައިވަނީ ފާފައެއް ނުކުރެވޭ މީހުންނަކަށް ނޫން! ތައުބާވާ އަޅުންނަށް!

ނިޢުމަތެވެ ބުނެވޭ އިރަށް އެއީ ތަނަވަސްކަމާއި ބޮޑެތި ގެދޮރާއި މަތީ މަޤާމުތައް ކަމުގައި ވިސްނަންވެސް ނުވާނެއެވެ. އެހެނީ އެކަންކަމަކީ ތިމާއަށް ލިބޭ ދެރއަކަށްވެސް ވެދާނެއެވެ. އެކަން އެގޮތަށް މެދުވެރިވެފައިވަނީ މަދު ބައަކަށް ނޫނެވެ. ގިނަ ބައަކަށެވެ.

ޙަޤީޤަތުގައި ތިމާއަށް އެންމެ ފައިދާހުރި ނިޢުމަތަކީ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުމެވެ. އިޚްލާޞްތެރިކަމާއެކު ތައުބާވުމުން އެއީ ދެއްވަވާނެކަން އެންމެ ޔަޤީންކަން ބޮޑު ނިޢުމަތެވެ.

ޤުރްއާނާއި ޙަދީޘްފުޅުތަކުން އެކަން އެނގެން އޮތްއިރުވެސް އެންމެ ގިނަ ބައަކު ޝައްކުކުރާ އެއްކަމަކީ އެމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވެވުމެވެ. އެއީ ޝައިޠޯނާ އުފައްދުވާ ޝައްކެކެވެ. އެޝައްކު އުފައްދުވަނީ އެމީހާއަށް ފާފަކުރެވިފައިވީތީ ދެން އޭނާއަށް ސުވަރުގެ ނުލިބޭނެކަން ވިސްނުވައިދީ މާޔޫސްކުރުވައިގެން އިތުރު ފާފަތައް ކުރުވުމަށެވެ.

މީސްތަކުންނޭވެ! ކޮންމެ އާދަމުގެ ދަރިއަކީވެސް ފާފަކުރެވޭނެ މީހަކުކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ! ސުވަރުގެ އުފެއްދެވީ އެއްވެސް ފާއެއް ނުކުރެވޭ މީހުންނަށް ކަމަށް ޤަބޫލުކުރުމަކީ ވަރަށް މޮޔަވިސްނުމެކެވެ. އެހެނީ ސުވަރުގެ އުފެއްދެވީ ފާފަކުރެވުމުން ތައުބާވާ މީހުންނަށެވެ. ނަރަކައަށް ވަންނަންޖެހޭނީ ތައުބާ ނުވެވުނުނަމައެވެ. ވީމާ ތައުބާވެއްޖެ މީހާގެ ވަށައިގެންވަނީ އުފާވެރިކަމެވެ.

ޙަޤީޤަތަކީ އެންމެ ޔަޤީންކަން ބޮޑު ކަމަކީ ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެވެ. ތައުބާވުންމަތީގައި ހުރެއްޖެނަމަ އެމީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. މިބުނި ބަހުގެ ދަލީލު ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އެއޮތީ ފެންނާށެވެ! ވިސްނާ މީހަކަށް މިއާޔަތް އެކަނިވެސް ފުދޭނެއެވެ. އިން ޝާ ﷲ

" ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސް ތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރު: 53)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން