ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަމެއް!: ތުއްތު ދަރިންގެ ހިތުގަ ނަމާދުކުރަން ޝައުޤުވެރިކަން އުފައްދުވަން މިމަގުން ޢަމަލުކުރާށެވެ! ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަމެއް!: ތުއްތު ދަރިންގެ ހިތުގަ ނަމާދުކުރަން ޝައުޤުވެރިކަން އުފައްދުވަން މިމަގުން ޢަމަލުކުރާށެވެ! ކާމިޔާބުވާނެ! އިން ޝާ ﷲ

ހެޔޮލަފާ ބައްޕައިން ދަރިން ވަރަށް ކުޑއިރުވެސް މިސްކިތަށް ގެންދެއެވެ. އެއީ ކުރަން ވަރަށް ރަނގަޅުކަމެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ 2 ކާފަދަރިކަލުން ކަމަށްވާ ޙަސަންގެފާނާއި ޙުސައިންގެފާނު ވަރަށް ތުއްޕުޅު އިރުގައިވެސް މިސްކިތަށް ގެންދެވިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ކުދިންނަށް ނުވިސްނޭ ތުއްތު ޢުމުރުގައި ކުދިން މިސްކިތަށް ގެންދަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ކުދިންގެ ހިތުގައި އެކަމަށް ޝައުޤުވެރިކަން އުފައްދުވަން މަސައްކަތްކުރާށެވެ. ކުރާ ހިތުން ކުރާކަމަކަށް ހެދޭނީ އެއިރުންނެވެ.

އެގޮތުން މިސްކިތަށް ދިއުމުން ކުރާނެ ފައިދާގެ ވާހަކަ ކިޔައިދެވިދާނެއެވެ. އެގޮތުން މާތް ﷲ ގެ ރުހިވޮޑިގަތުން ލިބި ދަރިފުޅަށް ބޭނުންވާ ވަރަށް ގިނަކަންކަން މާތް ﷲ ފުއްދަވައިދެއްވަވާނެކަން ވިސްނައިދޭށެވެ. މިޘާލަކަށް ޢުމުރުން 3،4 އަހަރުގައިވެސް ކުއްޖާއަކީ ޕައިލެޓަކަށްވާން ބޭނުންވާ ކުދިން ތިބެއެވެ. މިސްކިތަށްދާނަމަ ޕައިލެތަކަށްވާން މާތް ﷲ މަގުފަހިކޮށްދެއްވަވާނެކަން ވިސްނައިދޭށެވެ.

މިފަދަ ގޮތްގޮތަށް މަސައްކަތްކުރާނަމަ ކުދިން ތިބޭނީ ނަމާދުވަޤުތު ޖެހުމުގެ އިންތިޒާރީއެވެ. ނަމާދަށް އަވަހަށް ޑާން ކެތްމަދުވެފައެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.

ދަރީން ކުޑައިރު ތަނެއް ދޮރެއް ނުވިސްނޭ ޢުމުރުގައި އެކުދީންނާ ލާއިޤުވެގެން ނުވާ މިންވަރަށް ދީނީ ކަންކަމަށް މާބޮޑަށް މަޖްބޫރުކުރުމަކީ އެއީ ތަރުބަވީ ޞައްޙަ މަންހަޖެއް ނޫނެވެ.

ކުޑަކުދީންގެ ސިކުނޑިއާއި ބޮޑެތިމީހުންގެ ސިކުނޑިއަކީ ވަރަށް ތަފާތު ދެ ސިކުނޑިއެވެ. ބައެއް މައިންބަފައިން، ދަރީން ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ ނަމުގައި

1- ވަރަށް ޅަ ޢުމުރުގައި ފަސްނަމާދު ކުރަން މަޖްބޫރު ކުރުވާ ބައެއް ފަހަރު ނިދާފަ އޮއްވާ ފަތިސް ނަމާދަށްވެސް ނަގައެވެ.

2- ކީރިތި ޤުރްއާންވެސް ގަދަކަމުން ކިޔަވައިދޭން މަސައްކަތްކުރެއެވެ. އަދި ކޮންމެ ދުވަހަކު މައިންބަފައިން ބުނާ މިންވަރަށް ޤުރްއާން ނުކިޔަވައިފިނަމަ ނުވަތަ ހިތުދަސްނުކޮށްފިނަމަ އެކަމާ ހިތްހަމަ ނުޖެހި ކުއްޖާއާ ދިމާލަށް ހަޅޭއްލަވާވެސް އެބަ ހަދައެވެ.

3- ކުއްޖާގެ ޢުމުރާ އެކަށީގެންނުވާ ތަކެތި ދަސްކޮށް ދިނުމަށްވެސް މަޖްބޫރު ކުރެއެވެ.

މިސާލަކަށް ވަރަށް ޅަ ޢުމުރުގައި ނަމާދުގެ ނިޔަތްތައްވެސް ދަސްކޮށްދީފާނެއެވެ.

މިތަނުގައި މި ދެންނެވީ ޢުމުރުން، 2 އަހަރު 3 އަހަރުގެ ކުދިންގެ ވާހަކައެވެ. މިސާލަކަށް، އަދި ބައެއް ފަހަރު 4 އަހަރު 5 އަހަރުގައިވެސް އެއީ ދީނީ ކަންކަމަށް މިފަދަ ގޮތަކަށް ބާރު އެޅުމަށް އެންމެ ރަނގަޅު ޢުމުރަށް ނުވެދާނެއެވެ.

އިސްލާމްދީނުގެ އެންމެ މުހިންމު އަޅުކަން ނަމާދަށް ކުއްޖާއަށް އަމުރު ކުރުމަށްވެސް އޮންނަނީ ޢުމުރުން 7 އަހަރުވީމައެވެ. އެހެންވީމާ އޭގެ ކުރިން ޅަ ޢުމުރުގައި ގަދަކަމުން މަޖްބޫރުކޮށްގެން ނަމާދު ކުރުވުމަކީ އެއީ އެކަމުގެ ނަތީޖާ އެހާ ރަނގަޅުނުވެދާނެ ކަމެކެވެ.

މީގެ މާނައަކީ، ކުއްޖާ ދީނީ ކަންކަމަށް ޝަޢުޤުވެރިކުރުވުމަށް ޅަ ޢުމުރުގައި މަސައްކަތް ނުކުރާށެކޭ ނޫނެވެ. ދީނީ ކަންކަމަށް ޝައުޤުވެރިކުރުވުމާ ދީނީ ކަންކަން ގަދަކަމުން ކުރުވުމާ މިއީ މުޅީން ތަފާތު ދެކަމެކެވެ. ޅަ ޢުމުރުއްސުރެ ޝައުޤުވެރިކުރުވުމުގައި މައްސަލައެއް ނެތެވެ. މައްސަލައަކީ އެކަށީގެންނުވާ ޅަޢުމުރުގައި ކުއްޖާގެ ސިކުނޑިއަށް ބުރަވާގޮތަށް، ދީނަކީ ބުރައަކަށްވާ ވަރަށް ކަންކަން މަޖްބޫރު ކުރުވުމެވެ. މިކަމުގެ ސަބަބުން ކުއްޖާ ދީނީ ކަންކަން ކުރާ ހިތް ނުވެ، އެކަންކަމަށް ނަފުރަތުކޮށް، ބައެއްފަހަރު މައިންބަފައިންދެކެ ރުޅިއައިސް، ބަސްނާހާ ކުދިންނަށް ވެދެއެވެ.

ދީނަކީ، ދިނީ ތަރުބިއްޔަތަކީ، ކުދީންގެ ޢުމުރާ ވިސްނާ ފިކުރު ކުރުމާއި ދެނެގަތުމުގެ ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށްގެން، ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމުގައި ޤަބޫލުކޮށްގެން، އެހެންކުދީންނާ ކުއްޖާއާ އަޅާ ނުކިޔާ، ކުއްޖާ އެކަމަށް ޝަޢުޤުވެރިކޮށްގެން ކުއްޖާއަށް ފޯރުކޮށްދޭންޖެހޭ އެއްޗެކެވެ.

__الشيخ محمد شافع

މިއަދު އޮންލައިން