އެކުވެރިން ވަރަށް ގިނަވާނެއެވެ. އެއިގެ ތެރެއިން ބައަކު ރަހްމަތްތެރިންކަމުގައިވެސް ވާނެއެވެ. މަދު ބައަކު އެންމެ ގާތް ރަޙްމަތްތެރިން ކމުގައިވެސް ވާނެއެވެ. އަދި ގިނަ ބައަކު ވަކިވެގެންވެސް ދާނެއެވެ. ޙަޔާތަށް ބައިވެރިންވެސް އަންނާނެއެވެ! ވަރިކޮށްފައިވެސް ދާނެއެވެ! ވަރިވެގެންވެސް ދާނެއެވެ!
އެއީ އައުކަމެއް ނޫނެވެ. އަބަދުވެސް ކަންތައްތައް ހިނގަމުން އަންނަ ގޮތެވެ. ވަކިވި މީހާއަކީ ހެޔޮލަފާ ތަޤްވާވެރިއަކުގައި ނުވާނަމަ ވަކިވެގެން ދިއުމުން އެމީހުންގެ ފިޔަވަޅު ބަލައި ހިތާމަކުރަން ވަގުތު ނަގައި ނުލާށެވެ!
މައިމީހާގެ ބަނޑުގައި އޮލަފެންތިއްކަކުން ތިބާ އަށަގަންނަވައި އެހިނދުންސުރެ ތިބާ ދޫކޮށް ނުލައްވަވާ ފަރާތާއިމެދު ވިސްނާށެވެ. އެއީ ﷲ ތަޢާލާއެވެ. އެހެން އެއްވެސް މީހަކު ނުވަތަ ކިތަންމެ ގިނަ ބައަކު އެދުނު ނަމަވެސް ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރަންވީ އެ ސަބަބަށްޓަކައެވެ. އެންމެން ތިބާ ދޫކޮށްލާފައިދާނެތީއެވެ. ތިބާ އާއިއެކު ދާއިމަށް ވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމުގައިވާތީއެވެ.
ﷲ ތައާލާ ރުހިވޮޑިނުގަންނަވާ ކަންކަން ތިބާ ލައްވައި ކުރުވާ ނުވަތަ އެފަދަ ކަންކަން ކުރަން ހިތްވަރުދޭ ރައްޓެހިން، ރަޙްމަތްތެރިން އަދި ޙަޔާތުގެ ބައިވެރިންވެސް ތިބާ އެކަނިވެރިކޮށްލާނެއެވެ. އެހެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯތްބާއި ކިޔަމަންތެރިކަން ނެތް މީހަކު އެއްވެސް އިންސާނަކު ދެކެ ލޯބިވާނީ ކިހިނަކުން ހެއްޔެވެ؟
އެފަދަ މީހުންގެ ހިތުގައި އެއްވެސް އިންސާނެއްގެ މައްޗަށް އެއްވެސް މިންވަރަކަށް ޙަޤީޤީ ލޯތްބެއް ނުހުންނާނެއެވެ! ނުވެސް އުފެދޭނެއެވެ! ﷲ ތަޢާލާއަށް ލޯބިނުވެ އެހެން އިންސާނަކު ދެކެ ލޯބިވުމަކީ ބުއްދީގެ ހަމަތަކުން ބެލި ނަމަވެސް ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ!
ވީމާ އެފަދަ މީހަކު ތިބާ ދޫކޮށް ދިއަ ނަމަވެސް އެކަމަށް ހިތާމަނުކުރާށެވެ! އެއިގެ ބަދަލުގައި އުފާކުރާށެވެ! އެހެނީ އެމީހާ ތިބާ ދޫކޮށްދިއުންވެގެންދާނީ ތިބާއަށް ލިބުނު އެންމެ ކާމިޔާބީއަށެވެ!
ފުރަތަމަކަމަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި އެއްވެސް މީހަކު، ﷲ ތައާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް އެއްވެސް މީހަކު ލައްވައި ކުރުވަން އެއްވެސް މަސައްކަތެއް ނުކުރާނެކަމެވެ. އެއީ އެފަދަ ކަމެއް ކުރުވަން ހިތަށް އެރިނަމަވެސް ބިރުން ގައިން ހީބިހި ނަގާނެ ވަރުގައި ނުބައި ކަމަކަށްވާތީއެވެ. އެފަދަ މީހަކު ހަޔާތުން ދިއުމުން ހިތާމަކުރުމުގެ ބަދަލުގައި އެއީ އުފާކުރުމުގެ ގޮތުން ޕާޓީ ނުވަތަ ޙަފްލާވެސް ބާއްވަންޖެހޭ ވަރުގެ ކަންކަމެވެ.
ދުނިޔެގައި ހޭދަކުރަން މިލިބޭ މަދު ދުވަސްކޮޅު ވިސްނަންވީ ވީހައި ގިނަ ރަޙްމަތްތެރިން ހޯދުމަކަށް ނޫނެވެ. ވީހައި ގިނަ ކައިވެނިކުރުމަކަށްވެސް ނޫނެވެ. ކިތަންމެ މަދު ނަމަވެސް ހެޔޮލަފާ ތަޤްވާވެރިންނާއިއެކުގައި ނޫނީ ވަގުތު ހޭދަ ނުކުރުމަށެވެ. އެކުވެރިންނާއި ބައިވެރިންގެ ގޮތުގައި ތަޤްވާވެރިން ނޫން ބައަކު އިޚްތިޔާރު ނުކުރުމަށެވެ! ޙަޤީޤީ އުފާވެރިކަން ލިބުންވަނީ އެއިރުންނެވެ.
އަދިވެސް ތަކުރާރުކޮށްލާނަމެވެ. އެމީހަކު ދެކެ ތިބާ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިނުވާ ބައިވެރިއަކު ތިބާ ދޫކޮށްލައިފިނަމަ ޙަމްދުކޮށް އުފާކުރާށެވެ! ޝުކުރުގެ ސަޖިދަވެސް ޖަހާށެވެ! ޞަދަޤާތްވެސް ކުރާށެވެ! އެހެނީ އެއީ ސުވަރުގެ ދިއުމަށް ތިބާއަށް މަގުފަހިކޮށްދެވެވީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން