ދަރިން ލިބުމުން އެދަރިން ބެލުމުގެ ދެމަރިންކުރެ ވަކިމީހެއްގެ ބޮލަކަށް ނުޖެހޭނެއެވެ. އެއީ ދެމަފިރިންގެވެސް ޒިންމާއެކެވެ. ދެމަފިރިންގެ މައްޗަށްވެސް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ!
މުސްލިމް ޢާއިލާތަކުގައި ކަންކަން ހިނގާ ގޮތަށް ބަލައިފިނަމަ ދަރިން ބަލައި، ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަނީ މައިންނެވެ. އެއީ ގޭގައި ދަރިންނާއިއެކު ތިބެންޖެހޭ ބައަކީ މައިންކަމަށްވުމުންނެވެ. އަދި ފިރިމީހާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ޢާއިލާއަށް ޚަރަދުކުރާނެ ފައިސާ ހޯދުންކަމަށްވާތީއެވެ.
މިއާއި ޚިލާފަށް ދެމަފިރިންވެސް އޮފީހަށްގޮސް ވަޒީފާއަދާކުރާނަމަ ދަރިން ބެލުމުގެ ދައުރު ތަފާތެވެ. އެއިރުން ދަރިން ބެލެހެއްޓުމުގެ މަސައްކަތުގައި ދެމަފިރިންގެ ދައުރު ތަފާތުކުރާނަމަ އެކަންކުރަންވާނީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކަށެވެ.
ދަރިން ބެލެހެއްޓުން އެކަންޏެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަމުގައިވެސް އޮތީ ދެމަފިރިންގެ މެދުގައި މަޝްވަޜާކޮށްގެން މަޝްވަރާކުރުމެވެ. މިޘާލަކަށް ބުނާނަމަ ވަޒީފާއަދާކޮށް އާމްދަނީ ހޯދަނީ ފިރިމީހާ އެކަނި ކަމަށްވުމަކީވެސް އަނބިމީހާއަށް ހިންދެމިލާނެ ވަޤުތުނުދީ ބުރަކޮށް މަސައްކަތްކުރުވަން އޮތް ސަބަބެއް ނޫނެވެ.
ބައެއް ފިރިން ދެކޭ ގޮތުގައި ދަރިން ބެލުމަކީ ހަމައެކަނި މައިމީހާގެ ވާޖިބެކެވެ. އެމީހުންނަށް ޖެހޭނީ ހަމައެކަނި ޚަރަދު ކުރާށެވެ. ކުރިން މިބުނި ސަބަބުތަކަށްޓަކައި މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ ދެމަފިރިންގެވެސް ޒިންމާއެކެވެ.
ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ދެމަފިރިންވެސް ކުދިންގެ ކަންކަން ބަލާނަމަ ކުރާނެ ފައިދާ މާބޮޑުވާނެއެވެ! އެންމެ ބޮޑަށް އެކަން ފެންނާނީ ކުދިންގެ އަޚްލާޤުންނެވެ. ކުދިން އެހެންކުދިންނާއިއެކު އުޅޭއުޅުމާއި ކުރާ ކަންކަމުންވެސް އެކަން ފެންނާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން