ދުނިޔޭގަ ޢާއިލާއާ އެކުވެރިންނާއިއެކުގަ ވީފަދައިން މަރުވުމުންވެސް އެކަނިވާން ނުޖެހޭނެ ގޮތް އެބައޮތެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ދުނިޔޭގަ ޢާއިލާއާ އެކުވެރިންނާއިއެކުގަ ވީފަދައިން މަރުވުމުންވެސް އެކަނިވާން ނުޖެހޭނެ ގޮތް އެބައޮތެވެ!: ޢުމަރު ސުލައިމާން

އަހުރެމެންގެ ތެރެއިން ހެޔޮ ޢަމަލުތައްކޮށް އުޅޭ ބައެއް މީހުންނަށްވެސް ވިސްނިފައި އޮންނަނީ މަރުވުމުން ތިމާއެކަނިވެރިވާނެ ކަމަށެވެ. އެކަން އެގޮތަށް އެވިސްނެނީ އެމީހަކަށް އެނގިފައިވާ މިންވަރު ކުޑަކުވުމުންނެވެ. ވީމާ ކަން އޮތްގޮތަށް ބަލައިލަމާ ހިނގާށެވެ!

ރަނގަޅަށް ވިސްނައިފިނަމަ އަހަރެމެން އެކަނިވެރިވާނެ ދުވަހެއް ނެތެވެ! ދުނިޔޭގައި މިއުޅެނީ ޢާއިލާ އާއި އެކުވެރިންނާއިއެކުގައެވެ. މަރުވުމުން ބަރުޒަޚުގެ ޢާލަމުގައިވެސް ހަމައެފުރުޞަތު އެބައޮތެވެ، ޝަރުޠަކީ ތިމާއަކީ ޞާލިޙް އަޅަކަށްވުމާއި ބައްދަލުކުރަން ބޭނުންވަނީވެސް ޞާލިޙް އަޅުންނާއި ކަމުގައިވުމެވެ. ބައްދަލުކުރަން ބޭނުންވާ ޢާއިލާގެ މީހުންނަކީވެސް ޞާލިޙުން ކަމުގައިވުމެވެ.

ޢައިޝަތުގެފާނު ވިދާޅުވެފައިވަނީ ރަސޫލް () އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި މިއާޔަތް ގިނަގިނައިން ވިދާޅުވިކަމަށެވެ!

"ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބައެއްގެ މައްޗަށް ނިޢްމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބައެކެވެ." (އައްނިސާ: 69)

އެކަމުން އެނގިގެންދަނީ ރަސޫލް () ދުނިޔެ ދޫކުރައްވަވައި ސުވަރުގެވަޑައިގަތުމުން ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނާއި އަދި ޞާލިޙް އަޅުންނާއި ބައްދަލުވެވަޑައިގަންނަވާނެތީ އުފާފުޅު ކުރެއްވެވި ކަމެވެ. ހަމަ އެއާއިއެކު ދުނިޔޭގައި ދާއިމަށް ހުންނެވުމުގެ ފުރުޞަތު ވެސް ރަސޫލް ()އަށް ﷲ ތަޢާލާ ދެއްވެވިއެވެ. ނަމަވެސް އިޚްތިޔާރުކުރެއްވެވީ ދުނިޔެ ދޫކުރައްވަވައި ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގަތުމަށެވެ.

އަބޫބަކުރުގެފާނު އަވަހާރަވީ ހޯމަ ދުވަހެއްގައެވެ. ވިދާޅުވީ ފަސްދާނުލުން އަނެއް ދުވަހަށް ފަސްނުކޮށް ފަސްދާނުލުމަށެވެ! އެއީ ރަސޫލް () އާއި އަވަހަށް ބައްދަލުވެވަޑައިގަތުމަށެވެ! އެހެން މާތް ބޭކަލުންނާއިވެސް ބައްދަލުވެވަޑައިގަތުމަށް ޝައުޤުވެރިކަން އޮތް މިންވަރު ބޮޑުކަމުންނެވެ. އަދި ހުރިހާ ޞަޙާބީން ވެސް އެކަމަށް އެދިވަޑައިގެންނެވިއެވެ.

ބިލާލުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވި އެންމެ ފަހު ދުވަހު އެއީ އެންމެ ހިތާމަވެރި ދުވަސްކަމުގައި އަނބިކަނބަލުން ވިދާޅުވުމުން ދެއްވެވި ޖަވާބު ހަނދުމަކުރާށެވެ! "މިއަދަކީ އެންމެ އުފާވެރި ދުވަހެވެ. މާދަމާ ތިމަންކަލޭގެފާނުވާނީ ތިމަން އެންމެ ލޯބިފުޅުވާ ރަސޫލް () އާއި އެހެންވެސް ޞަހާބީންނާއި އެކުގައި ކަމަށެވެ!"

ޢުޘްމާންގެފާނު އަވަހާރަވި ދުވަހު، އެދުވަހުގެ ރޯދަ ވީއްލަވާނީ ރަސޫލް () އާއި އަބޫބަކުރުގެފާނާއި އެފަދަ ބޭކަލުންނާއިއެކުގައިކަމަށް ރަސޫލް () ވިދާޅުވަނިކޮށް ހުވަފެންފުޅުން ފެނިވަޑައިގެންނެވިއެވެ.  

ހެޔޮލަފާއަޅުން މަރުވެ ވަޅުލެވުމުން އެމީހުންގެ ޢާއިލާގައި ހިމެނޭ ޞާލިޙުންނާއި އެހެންވެސް ޞާލިޙުން އެމީހަކާއި ބައްދަލުކުރާނެތެވެ. އަދި ބަރުޒަޚުގެ ޢާލަމަށް މަރުޙަބާކިޔާނެތެވެ! ވީމާ އަހަރެމެން އަހަރެމެންގެ އެންމެ ލޯބިވާ  މީހުންނާއި ބައްދަލުވެ އެކުގައި އުޅެން ބޭނުންނަމަ އޮތީ ޞާލިޙް ޢަމަލުތައް ކުރުން ގިނަކުރުމެވެ.

އެކުގައި އުޅެންވެސް ޞާލިޙް މީހުން އިޚްތިޔާރުކުރާށެވެ! ނޫންނަމަ އެމީހަކު ވާނީ ހަމައެކަނި ދުނިޔެމަތީގެ އެކުވެރިއަކަށެވެ. ހަމަ އެއާއިއެކު ތިބާގެ ޞާލިޙްކަން ގެއްލި ތިބާ އެންމެ ލޯބިވާ ޞާލިޙުންނާއި ބައްދަލުކުރުމުގެ ފުރުޞަތުވެސް ގެއްލިދާނެއެވެ. 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

 

https://www.youtube.com/watch?v=DiuUzDOuaTc

 

 

މިއަދު އޮންލައިން