ބައިވެރިޔާގެ ޢަމަލުތައް ހުންނަ ގޮތުން ގިނަގިނައިން ރުޅިއަންނަންޖެހޭ ބައަކުވެސް އުޅެއެވެ. މިފަދަ ޙާލަތުގައި އުޅެންޖެހުމުން ބައްޔަކަށްވެ ލޭމައްޗަށްދާންވެސް ފަށައެވެ. ނަމަވެސް ބައިވެރިޔާގެ ކިބައިގައި ރަނގަޅު ސިފަތައް ހުންނަނަމަ ވަކިވާން ބޭނުން ނުވެ ކެތްތެރިވާން މަސައްކަތްކުރާ މީހުންވެސް ތިބެއެވެ.
ތިރީގައި އެވަނީ ކެތްތެރިވުމަށާއި ރުޅިމަޑުކުރަން ކުރަން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ބައެއް ކަންކަމެވެ.
ފުރތަމަ ކުރުވާހަކައެއް ކިޔައިދޭނަމެވެ. އެއީ އަހަރެންގެ ރައްޓެއްސަކު ބުނެފައިވާ ވާހަކައެކެވެ. އޭނާގެ ޒަވާޖީ ޙަޔާތުގެ ފުރަތަމަ 5 އަހަރު ހޭދަކުރަންޖެހުނީ ބޮޑު ހަނގުރާމައެއްގެ ތެރޭގައެވެ. އެ ވަރުގަދަ ހަނގުރާމަ ފަތަހަކުރަން އެންމެ ގިނައިން ކުރަން ޖެހުނު ކަމަކީ ފެންވެރުމެވެ. އެގޮތުން ދުވާލަކު 6،8 ފަހަރު ފެންވަރަން ޖެހުނު ދުވަސްތައްވެސް ބައިވަރެވެ.
އެހައި ގިނައިން ފެންވަރަން ޖެހުނު ސަބަބެއް ކަމަށް ބުނީ އަނބިމީހާ ދެކެ ރުޅިއަންނަން ޖެހުނުލެއް ގިނަކަމެވެ. ރުޅި އަންނަން ޖެހުމުން ރުޅި މަޑުކުރަން ފެންވަރަނީ ކަމަށާއި ފެންވެރުމުން ރުޅިމަޑުވާ ކަމަށެވެ. ނަމަވެސް 5 އަހަރުފަހުން ރުޅި މައިތިރިކުރަން ފެންވަރަން ނުޖެހޭ ކަމަށެވެ. މައްސލަތައް ޙަލުކުރެވި ދެމަފިރިން މިހާރު ދިރިއުޅެނީ އެކުވެރިކަމާއިއެކު ވަރަށް ލޯބިން ކަމަށެވެ!
އޭނާއަށް އެކުރެވުނީ ވަރަށް ރަނގަޅުކަމެކެވެ. ރުޅި ގަދަވެއްޖެ ނަމަ ގައަށް ފެން އެޅުމަކީ ރުޅި މަޑުވެގެންދާ ކަމެއް ކަމަށް ޑޮކްޓަރުން މިއަދު އެއްބަސްވެއެވެ. ވުޟޫކުރުމަކީވެސް ރުޅިމަޑުވާ ކަމެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުމަކީވެސް ރުޅިމަޑުވާ ކަންކަމެވެ. އަޢޫޖް ކިޔައި ޝައިޠޯނާ ފައްސައިލުމަކީވެސް ރުޅިމަޑުވާ ކަމެކެވެ. ތަޖުރިބާ ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި 10 ވަރަކަށް ފަހަރު އަޢީޛްކިޔަންވާއިރަށް ރުޅި ކޮންޓްރޯލްކުރެވި ހަމައަކަށް އެޅެއެވެ. އެހެން އެކަން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެއިރުން އެކަމަށް ވާގިއެއެދެވެނީ ﷲ ތަޢާލާގެ ނަންފުޅުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން