ނަމާދުގައި ކިޔަވާއިރު ދިގުކޮށް ކިޔަވަމުންގޮސް ވަރުބަލިނުވާށެވެ! ފަސޭހައިން ކިޔެވޭވަރަކަށް ރިވެތިކޮށް ކިޔަވާށެވެ! އެންމެ މުހިންމީ ކިޔަވާ ބައި ސަމާލުކަން ދީގެން ފުރިހައަށް ކިޔެވުމެވެ.
އިމާމްވެ ނަމާދުކުރާ މީހުން މިކަމަށް ސަމާލުކަން އިތުރުކުރަންވާނެއެވެ! ސުންނަތުގައި އޮތް މަގުން ނަމާދުކުރާށެވެ! ނޫނީ މީހުން ފޫހިވެ މިސްކިތަށް އައުން މަދުވެދާނެއެވެ!
މިއީ އެކަނިހުރެ ނަމާދުކުރާ މީހުންވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ. ދިގުކޮށް ކިޔެވިނަމަވެސް ކިޔަވަންވާނީ ސަމާލުކަންދީގެންނެވެ. ކޮންމެހެން ވަކި ސޫރަތެއް ނިންމަން ބޭނުންވެގެން ކިޔަވައި ސޫރަތް ނިންމި ނަމަވެސް ކިޔެވުމަށް ސަމާލުކަން ނުދެވޭނަމަ ޢަމަލުއެކުރެވުނީ ރަނގަޅަކަށް ނޫނެވެ. ޤުރްއާން ކިޔަވަންޖެހޭނީ ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ.
ޤުރްއާން ކިޔެވުމުގައި މަޑުން ކިޔެވިނަމަވެސް ވީހާ ފުރިހަމައަށް ކިޔަވަން މަސައްކަތްކުރަންވާނެއެވެ. ކިޔަވަންވާނީ ތިމާގެ އަމިއްލަ ނަފްސަށް އަޑުއިއްވައިގެންނެވެ. ތަޖްވީދުމަގުންނެވެ. ކިޔެވޭ ކިޔެވޭ އެންމެ ރިވެތި ގޮތުގައެވެ.
ކީރިތި ޤުރްއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. ބާރަށް ކިޔެވިނަމަވެސް މަޑުން ކިޔެވިނަމަވެސް ކިޔަވަންވާނީ ތަޖުވީދުމަގުން ކިޔެވުމަށް ސަމާލުކަންދީގެންނެވެ. ޤުރްއާން ކިޔެވިކަމުގެ ފުރިހަމަ ފައިދާ ލިބިގަންނަން މަސައްކަތްކުރާ ބައަކުކަމަށްވަމާ ހިނގާށެވެ!
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން