އަނބިމީހާއާމެދު ނުރުހެވޭއިރަށް ގެއިން ނެރެ ފޮނުވައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަނބިމީހާއާމެދު ނުރުހެވޭއިރަށް ގެއިން ނެރެ ފޮނުވައިނުލާށެވެ!

މިހާރަކަށް އައިސް ވަރަށް ގިނައިން ކުރިމަތިވާ އެއް މައްސަލައަކީ އަނބިމީހާ އާއިމެދު ނުރެހެވޭއިރަށް ގެއިން ނެރެ ފޮނުވައިލެވޭ ކަމެވެ. ބައެއް ފަހަރު ފިރިމީހާ ކުރާ ނުރަނގަޅު ކަންކަން އިޞްލާޙްކުރަން ބުނުމުން އެކަމަށް ނުރުހި އަދަބެއްގެ ގޮތުންވެސް ގެއިން ނެރެ އެބަ ފޮނުވާލައެވެ.

މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެގޮތަށް ކަންތައް ކުރުމަކީ ފިރިމީހާ ދީނުގެ އިންތަކުން ބޭރުވާނެ ކަމެކެވެ. ކައިވެނީގެ އިޤްރާރާއިވެސް ޚިލާފަށް ކުރެވޭ ކަމެކެވެ. ސަބަބަކީ ވަރިކޮށް ޢިއްދައިގައި އިންނައިރުވެސް ގެއިން ނުނެރެން ޤުރްއާނުގައި އޮތުމެވެ. އަދި އަނބިމީހާއަށް ބޯހިޔާވަކހިކަން ދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. 

"އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން ޢިއްދަ ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް، ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ."

(އައްޠަލާޤް: 1) 

ފާހަގަކުރަންޖެހޭ ކަމަކީ އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއްކަމެވެ. އެހެންކަމުން އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނެ ކަމާއި އަދި ޢިއްދައިގެ މުއްދަތުގައިވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނެކަން އެއީ އެނގެން އޮތް ކަމެކެވެ. 

މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން