އަހުރެމްނެގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅަށް ބަލާށެވެ! ކޮންމެ ކަމެއްކުރަންވެސް މީސްތަކުންނަށް އަންގަވައިދެއްވެވީ އެކަމެއް އަމިއްލަފުޅަށް ކުރައްވަވައި ނަމޫނާ ދައްކަވަމުންނެވެ. ވީމާ ސުންނަތަކީ އެއީއެވެ.
ނަމަވެސް އަހުރެމެންގެ މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ ކޮންމެވެސް މީހަކު އަޅުކަން ނުކުރާވާހަކަ ދައްކާ މީހާ ހުންނަނީ އަޅުކަންކޮށްގެން ހެއްޔެވެ؟ އެހެން މީހަކު ފާފަކުރާ ވާހަކަ ދައްކާ މީހާ ހުންނަނީ ފާފަނުކޮށް ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންގެ ތެރެއިން ގިނަމީހުންނަކީ ދުނިޔެއާއި މުޖުތަމައުގައި ހިނގާ ކަންކަމަށް ކަންބޮޑުވާ ބައެކެވެ. ސުވާލަކީ ތިމާގެ ހަޔާތާއިމެދު ތިމާ ކަންބޮޑުވޭހެއްޔެވެ؟ ދުނިޔެއާއި މުޖުތަމަޢުގެ ކަންކަން އިޞްލާޙްކުރަން ބޭނުންވުމުގެ ކުރިން ތިމާގެ އަމިއްލަ ޙަޔާތުގެ ކަންކަން އިޞްލާޙްކުރަން ޖެހޭނެ ކަމަށް ޤަބޫލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟
ބައެއް މީހުން ތަޤްވާވެރިކަން އިތުރުކޮށް އަޅުކަންކުރުން ގިނަކުރާ ވާހަކަދައްކައެވެ. އެފަދަ ވާހަކަތައް ދައްކަން ރޭގަނޑު އެތައް ގަޑިއިރެއްވަންދެން ހޭލައިވެސް ތިބެދާނެއެވެ. އެކަމަކު ދެން ކަންތައްވަނީ ކިހިނެއްހެއްޔެވެ؟ ނިދާފައި ހޭލަނީ އިރުއަރައި 9،10 ޖަހާފަހުންނެވެ. އެދުވަސް އެމީހަކަށް ގެއްލިގެންދާ ފަހުންނެވެ. އެކަމަކު އަނެއް ދުވަހުވެސް ހަމަ ކުރީ ދުވަހު ދެއްކި ވާހަކަތައް ދައްކާނެއެވެ.
މީސްތަކުންނޭވެ! ފުރަތަމަ ކަމަކަށް ތިމާ އިޞްލާޙްވާށެވެ! އެކަމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަތިސްނަމާދަށް ހޭލުމެވެ. އެއަށްފަހު ޛިކުރުކޮށް ޤުރްއާން ކިޔެވުމުގައި ވަޤުތުކޮޅެއް ހޭދަކުރުމަށްފަހު ދުވަހުގެ މަސައްކަތަށް ފެށުމެވެ.
މިހެން ބުނީމާ ބައެއް މީހުން ބުނެފާނެއެވެ. އޮފީހަށްދާންޖެހެނީ 8.9 ޖަހާއިރުއެވެ. އެއީ ކޮން މައްސަލައެއް ހެއްޔެވެ؟ ފަތިސްނަމާދުކޮށް މިބުނި މަގުން ޢަމަލުކުރުމަށްފަހު ބޭނުންނަމަ އަރާމުކޮށްލެވިދާނެއެވެ. އޮފީހަށް ދިއުމުގެ ކުރިން ޟުޙާނަމާދުވެސް ކުރެވިދާނެއެވެ.
ބުނަންހެއްޔެވެ؟ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށް އަވަހަށް ނިދާށެވެ. ފަތިހު ތެދުވެ މިބުނި މަގުން ޢަމަލުކުރާށެވެ. ފަތިހު ތެދުވެ މިބުނި މަގުން ޢަމަލުކުރާމީހަކަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ. ޙަދީޘްފުޅުތަކުން އެކަންކަން ޔަޤީންކުރެވޭތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން