އެހެން މީހަކަށް ނޫނެވެ! ތިބާއަށް މިއަދާހަމައަށް ދެއްވެވި ނިޢުމަތްތައް ޢަދަދު ނުކުރެވޭނެއިރު އެންމެ ކުޑަމިނުން ތިބާ ﷲ ދެކެ ލޯބިވަމު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
އެހެން މީހަކަށް ނޫނެވެ! ތިބާއަށް މިއަދާހަމައަށް ދެއްވެވި ނިޢުމަތްތައް ޢަދަދު ނުކުރެވޭނެއިރު އެންމެ ކުޑަމިނުން ތިބާ ﷲ ދެކެ ލޯބިވަމު ހެއްޔެވެ؟

ނަފްސް ހިސާބުކުރުމުގެ މާނައިގައި ހިމެނެނީ ހަމައެކަނި ތިމާއަށް ކުރެވޭ ހެޔޮޢަމަލުތަކާއި ކުރެވޭ ފާފަތަކުގެ ހިސާބުކުރުމެއް ނޫނެވެ. މިއަދާއި ހަމައަށް ތިމާއަށް ﷲ ތަޢާލާ ލެއްވެވި ރަޙްމަތާއި ދެއްވެވި ނިޢުމަތްތައް ހިސާބުކުރަންވާނެއެވެ. ހަމައެފަދައިން ގުނަންވީ ކުރިމަތިވި ތަކްލީފްތަކެއް ނޫނެވެ. ދެއްވެވި އުފާވެރިކަންވެސް ގުނަންވާނެއެވެ. ވަޒަންކުރަންވާނެއެވެ.

މިކިޔައިދޭ ކަންކަމަށް ފުންކޮށްވިސްނާށެވެ! ތިބާއަށް ކެހިދެމުން ދުނިޔޭގައި އުޅޭ މީހުން ދެކެ ލޯބިވާވަރަށްވެސް ތިއައުޅެނީ ﷲ ތަޢާލާ ދެކެ ލޯބި ނުވެވިގެންނެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް ޙައްޤުވާންވީވެސް ކީއްވެގެން ހެއްޔެވެ؟

ﷲ ތައާލާގެ ރަޙްމަތަށް އެދޭމީހާވެސް، ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭ މީހާވެސް މިކިޔައިދޭ ކަންކަމަށް ވިސްނައި ﷲ ތަޢާލާއަށް ލޯބިވާ މިންވަރު އިތުރުކުރާށެވެ! ދެދުނިޔޭގެ ކާމިޔާބާ އުފާވެރިކަން ލިބުންވަނީ އެއިރުންނެވެ.

އެކަމަކުން ތިމާއަށް އެއްގޮތަކަށްވެސް އަރައި ނުގަނެވޭނެ ކަމަށް ޤަބޫލުކޮށްގެންހުރި ކިތައް ކަންތަކުން މިހައިތަނަށް އަރައިގަނެވިފައިވޭ ހެއްޔެވެ؟ އެއިގެ މާނައަކީ ކޮންމެ މީހަކަށްވެސް މުޞީބާތްތައް ކުރިމަތިކުރައްވަވާނެކަމާއި ވަގުތުޖެހުމުން އެކަންކަން ފިލުއްވަވައި ދެއްވަވާ ކަމެވެ.

މިހައި ގިނަ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވަވާއިރުވެސް އަހަރެމެންނަށް މުއުޅެނީ ހަމަ އެންމެކުޑަމިނުން ﷲ ތަޢާލާދެކެ ލޯބިވާންޖެހޭ މިންވަރާއި ގާތަކަށްވެސް ލޯބިނުވެވިގެންނެވެ. އެވަރުވެސްކޮށްނުލެވިގެންނެވެ. އެންމެ ކުޑަމިނުން ތިމާ ރުހޭ އިންސާނަކު ދެކެ ލޯބިވެވޭވަރަށް ވެސް ލޯބި ނުވެވިގެންނެވެ.

އަހަރެމެން މީހަކު ދެކެ ލޯބިވާނަމަ، ނުވަތަ މީހަކަށް ރުހޭނަމަ އޭނާގެ ފޯނުކޯލުތަކަށް ޖަވާބު ދެމުއެވެ. އޭނާ ބުނާ ކަންކަން ކުރަމުއެވެ. އޭނާގެ ރަނގަޅުވާހަކަ އެހެން މީހުންގެ ގާތުގައި ދައްކަމުއެވެ. އޭނާގެ ރުހުން ހޯދަން ކުރެވެން އޮތް ހުރިހާ ކަންކަން ކުރަމުއެވެ.

ވީއިރު ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ވެސް ހަމަ މިކަންކަން ކުރަން ޖެހެއެވެ. ފުރަތަމަކަމަކީ، ލޯބިވާ ނުވަތަ ރުހޭ މީހާގެ ފޯނުކޯލްތަކަށް ޖަވާބުދެވޭ ފަދައިން ﷲ ތަޢާލާގެ އެންގެވުންތަކަށް ޢިޖާބަދިނުމެވެ. އެކަންކަން އެވަނީ ކީރިތި ޤުރްއާނުގައެވެ. ރަސޫލް (ﷺ) ގެ ޙަދީޘްފުޅުތަކުގައެވެ. ކިޔައި އަމަލުކުރަމުން ގެންދިއުމުން ނިމުނީއެވެ. އެއިރުން އެވަނީ އަމަލުން ޖަވާބުދެވިނިމިފައެވެ.

ދެން މިބުނީ އެމީހާ (ލޯބިވާ މީހާ) ކުރަން ބުނާ ކަންތައްތައް ކުރާ ވާހަކައެވެ. ލޯބިވާ މީހަކު ކަމަކު ބުނެފިނަމަ އެތައް ރެއެއްގެ ނިދި ނަގާލައިގެންވެސް ނުކުރާނެ ކަމެއް އޮންނަކަމަކަށް ނުވެއެވެ. އެހައި ބުރަކޮށް ކުރާ މަސައްކަތުގެ އަގަށް ކުނިކުކުޅުބިހެއް ލިބެމުންދާއިރުވެސްމެއެވެ. އަތްލެވޭ ގޮތަކުން ބިސްތެޅި ތިމާގެ ގައިންނާއި މުޅި ސަރަހައްދުން ކުނިވަސްދުވާގޮތަށް ކަންތައް މެދުވެރިވަމުން އަންނައިރުވެސްމެއެވެ.

ﷲ ތައާލާގެ އެންމެ ގަދަ އަމުރުފުޅަކީ ﷲ ތަޢާލާ އެއްކައުވަންތަކުރުމާއި ނަމާދުކުރުމެވެ. ދީނުގެ ރުކުންތަކުގައި ސާބިތުވުމެވެ.

ކުރިން މިކިޔައިދިނީ ލޯބިވާ މީހުން ބުނާ ކަންކަން ކުރުމުން މެދުވެރިވާ ގޮތެވެ. ޔަޤީންކަމަކީ ﷲ ތަޢާލާ އެކަމެއް ކުރަން އެންގެވި އެއްވެސް ކަމެއް ކޮށްގެން އެއްވެސް މީހަކަށް އެއްވެސް ދެރައެއް ނުލިބޭނެ ކަމާއި ލިބެމުންދާނީ އިތުރު އުފާވެރިކަމާއި ކާމިޔާބީ އާއި ކުރިއެރުން ކަމެވެ. ދެދުނިޔޭގެ ބާއްޖަވވެރިކަން ކަމެވެ.

ދެން ބުނެފައިވާނީ އެމީހަކު ލޯބިވާމީހާގެ ރަނގަޅު ވާހަކަ އެހެން މީހުންގެ ގާތުގައި ދެއްކުމުގެ ވާހަކައެވެ. މީހަކު ދެކެ ލޯބިވެއްޖެ ނަމަ އެމީހެއްގެ ރަނގަޅުކަމުގެ ވާހަކަ ހަދަހަދައިގެންވެސް ދައްކަމުއެވެ. ނުހުންނަ ސިފަތައް ހުންނަކމަށް ހަދައިގެންވެސް ވާހަކަދައްކަމުއެވެ. ހުންނަ ނުބައި ސިފަތައް ފޮރުވައި ނަތްކަމަށް ހަދައިގެންވެސް ވާހަކަދައްކަމުއެވެ.

ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ކުރަންވީ ހަމައެކަމެވެ. ހަމަ އެއްކަމެކެވެ. ވީހައި ގިނަބައެއްގެ ގާތުގައި ﷲ ތަޢާލާ މަތިވެރިކުރަންވީއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމުގެ ވާހަކަ ދައްކަންވީއެވެ. މީސްތަކުންނާއި ވާހަކަދައްކާއިރުވެސް އަބަދުވެސް ވީހައި ގިނައިން ﷲ ތަޢާލާގެ ނަންފުޅު ގެންނަންވީއެވެ. ހަމަގައިމުވެސް އެނގޭ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރަން ދައްކަންޖެހޭ ވާހަކަތަކަކީ ޞައްޙަ ތެދުވާހަކަތައް ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން