ޤުރްއާން ކިޔަވައިދޭން ނޭނގޭ މީހަކަށްވެސް ޤުރްއާން އުނގަންނައިދޭ މީހަކަށް ވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޤުރްއާން ކިޔަވައިދޭން ނޭނގޭ މީހަކަށްވެސް ޤުރްއާން އުނގަންނައިދޭ މީހަކަށް ވެވިދާނެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޤުރްއާން އުނގަންނައިޑޭ މީހުންނަކީ ހަމައެކަނި ޤުރްއާން ކިޔަވައިޑޭ މުދައްރިސުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ޤުރްއާން އުނގެނެން މީހަކަށް އެހީތެރިވިނަމަވެސް އަދި އުނގަންނައިދޭން ޚަރަދުކުރިނަމަވެސް އެއީ ހަމަ އުނގަންނައިދިނުމެވެ. އެކަމަށް ޙައްޤު ޘަވާބު އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކުރަންބޭނުންވާނެ ކަމަކީ ސުވަރުގެ ވަނުމެވެ. ހަމައެކަނި ސުވަރުގެ ވަނުމެއްވެސް ނޫނެވެ. ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައަށް ވާޞިލްވެވުމެވެ. ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެކަންކަން ޙާޞިލުކުރެވޭނީ ދުނިޔޭގައި ހުރެގެން ތިމާއެކަމަށް ކުރި މަސައްކަތަކުންނެވެ.

ބައެއް މީހުން ވަރަށް ރީތި ރާގުތަކަށް، އަދި ވަރަށް ގިނައިންވެސް ކީރިތި ޤުރްއާން ކިޔަވައެވެ. ނަމަވެސް ޢަމަލެއް ނުކުރެއެވެ. ވީއިރު އެ ކިޔަވާ ރީތި ރާގާއި ގިނަމިނުނުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަފައިވަނީ ޤުރްއާނުގެ ސަބަބުން ﷲ ތަޢާލާ އެއްބައަކު ނިކަމެތިކުރައްވަވާނެ ކަމަށާއި އަނެއް ބައަކު މަތިވެރިކުރައްވަވާނެ ކަމަށެވެ. އެ މަތިވެރި ކުރައްވަވަނީ ކިޔަވައި ޢަމަލުކުރި މީހުންނެވެ. ނިކަމެތިކުރައްވަވަނީ ކިޔެވިނަމަވެސް ޢަމަލުނުކުރާ މީހުންނެވެ.

"ކީރިތި ޤުރްއާން ކިޔަވައި އެއިގެ މާނަ ދަސްކޮށް އެއަށް އަމަލުކޮށް އަދި އެހެން މީހުންނަށް އުނގައިނައިދީ ފާފަ ފުއްސަވައި ދެއްވެވުމަށް އެދޭ މީހާގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެ! އެމީހާގެ ދަރަޖަ އުފުއްލަވަމުން ގެންދަވާނީ.! އެކަން ހަދީޘްފުޅުގައި އެވަނީ!"

"ހަމައެއާއިއެކު ކީރިތި ޤުރްއާނުގަ އޮތް އެއްޗެއް އެނގި އެއަށް އަމަލުނުކޮށް އަދި އެހެން މީހުންނަށް އަނގައިވެސް ނުދޭ މީހުންނަށް ޤިޔާމަތްދުވަހު ސަލާމަތެއް ނުވެވޭނެ. ކީރިތި ޤުރްއާން އެމީހަކު ހުއްޓުވާނެ. އެމީހަކާ ދެކޮޅަށް ހެކިދޭނެ!

ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ކިހައި މުހިންމުކަމެއްކަން އަބަދުވެސް މިގެންދަނީ ބަޔާންކުރަމުންނެވެ. ޛިކުރުކުރުން ގިނަކުރަން ވަޞިއްޔަތްކުރަމުންނެވެ. އަދި ކުރަންހުރި ބައެއް ޛިކުރުތައް ވެސް މިގެންދަނީ ބަޔާންކުރަމުންނެވެ. އެހެންކަމާއިއެކުވެސް ކޮބައިތޯ ސުވާލުކުރެއެވެ.

ދޭން އޮތީ ހަމަ އެއް ޖަވާބެކެވެ. އެންމެ މަތިވެރި ޛިކުރަކީ لآ اِلَهَ اِلّا اللّهُ ކިޔައި ﷲ ތަޢާލާ އެއްކައުވަންތަކުރުން ކަމެވެ.

މީސްތަކުންނޭވެ! ކީރިތި ޤުރްއާނާއިއެކު ވަގުތު ހޭދަކުރުމަކީވެސް ޛިކުރުކުރުމެވެ. ބަލައިގެން އާޔަތްތައް ކިޔެވުން، މާނަ ދަސްކުރުން، ތަފްސީރު ކިޔުމާއި ދަސްކުރުން އަދި ކީރިތި ޤުރްއާނުގެ އާޔަތްތަކާއިމެދު ވިސްނައި ފިކުރުކުރުމަކީވެސް ހަމަ ޛިކުރުކުރުމެވެ.

މިކަންކަމަށްބަލައިފިނަމަ ކީރިތި ޤުރްއާނާއިއެކުގައި ތިމާ ހޭދަކުރާ ކޮންމެ ވަގުތެއްވެސް ވެގެންދާނީ ޛިކުރުކުރުމަށް ހޭދަކުރެވޭ ވަގުތަކަށެވެ. ވީމާ ދުނިޔޭގައި ހުރެގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އަރައިގެންދާށެވެ! އެކަމަށް އޮތް އެންމެ ފަސޭހަމަގަކީ ހަމަ ކީރިތި ޤުރްއާނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން