ފާފައެއް ކުރާހިތްވެ ނުކުރުމުން ކުރާނެ އެންމެ ބޮޑު ފައިދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފާފައެއް ކުރާހިތްވެ ނުކުރުމުން ކުރާނެ އެންމެ ބޮޑު ފައިދާ!

ދުނިޔޭގައި ހިނގަން މިޖެހެނީ އަލިފާނުގެ މަތީގައިކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ. އެއިގެ މާނައަކީ ބިމުގެ ފަސްގަނޑަކީ އަލިފާންކަމަށްވުމެއް ނޫނެވެ. ދުނިޔޭގައި އުޅޭއިރު އުޅެން މިޖެހެނީ ޝައިޠޯނާގެ ދަންތުރަތަކުގެ ތެރޭގައިކަމެވެ. އެއިން ދަންތުރައެއްގައި ޖެހެވިއްޖެނަމަ ދަމާ ގެންގޮސްވައްޓައިލެވޭނީ ނަރަކައަށްކަން ބަޔާންކުރެއްވުމެވެ. 

ޔަޤީންކުރާށެވެ! ޝައިޠޯނާ ޒީނަތްތެރިކޮށްފައި ތިބާއަށް ދައްކައިދޭ، ނުވަތަ ކުރަން ދަޢުވަތުދޭ ކޮންމެ ފާފައަކީ ﷲ ތަޢާލާ ތިބާއާއި ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. ތިބާ ޢަމަލުކުރާ ގޮތް 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ކިތަންމެ ސިއްރުން ކުރަން މަސައްކަތްކުރި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ސިއްރުން ހަމަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. 

ޝައިޠޯނާގެ މަޅީގައި ނުޖެހި ޝައިޠޯނާއަށް ތިބާ ނޫނެކޭ ބުނެފިނަމަ އެއޮތީ އިމްތިޙާނުން ފާސްވެފައެވެ. ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފއްލަވާނެތެވެ. 

ހަމައެފަދައިން ދިރިއުލުމުގައި ކުރިމަތިވާ ކޮންމެ ތަކްލީފަކީވެސް އިމްތިޙާނެކެވެ. ސަލާމަތްވާން އުފުލަންޖެހޭ ބުރަތަކަށް ނުބަލާށެވެ! އިމްތިޙާނުން ފާސްވާށެވެ! ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުއްލަވާނެތެވެ. 

ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ދަރަޖަ އެހައި މަތިވެރިކުރައްވަވާފައި އެވަނީ އެއްވެސް ޙާލެއްގައި އެބޭކަލުން ހަމަ ތިއްބަވަނިކޮށެއް ނޫނެވެ. ކުރިމަތިކުރެއްވެވި އިމްތިޙާންތަކަށް ކެތްތެރިވެވަޑައިގަތުމުންނެވެ. އުފުއްލަވަން ޖެހިވަޑައިގެންނެވި ތަކްލީފްތައް އުފުއްލެވުމުންނެވެ. 

ޚުލާޞާކޮށްލާނަމެވެ! ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނީ ފާފަތައް ކުރުވާށެވެ! އެހެންވެ ފާފަކުރާހިތްވާނެއެވެ. ކިތަންމެ ވަރަކަށް ކުރާހިތްވިޔަސް ކިތަންމެ ކުޑަކަމަށް ވިސްނޭ ފާފައެއްވެސް ނުކުރާށެވެ! ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. ބޮޑުފާފައެއް ނުކޮށް ދޫކޮށްލައިފިނަމަ މާބޮޑަށް މަތިވެރިކުރައްވަވާނެތެވެ. ދިރިއުޅުމުގައި ކުރިމަތިވާ އިމްތިޙާންތަކަށް ކެތްތެރިވެ ފާސްވުމުންވެސް ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. ޘާބިތުވެވުނު ވަރަކަށް ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާޞިލްވެވޭނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން