މައިންބަފައިންނަށް ހެޔޮކޮށް ހިތަން ދީން އެހާ ބޮޑަށް ބާރުއަޅަނީ އެމީހުންގެ ނަމަކަށް މައިން ކިޔާތީއެއް ނޫން! ނިކަން މިކަންކަމަށް ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
މައިންބަފައިންނަށް ހެޔޮކޮށް ހިތަން ދީން އެހާ ބޮޑަށް ބާރުއަޅަނީ އެމީހުންގެ ނަމަކަށް މައިން ކިޔާތީއެއް ނޫން! ނިކަން މިކަންކަމަށް ވިސްނާލަބަލަ!

އަޅުގަނޑުގެ ޢުމުރަކީ 68 އަހަރެވެ. ފިރިއަކާ ނުލައި 3 ދަރިން ބޮޑެތިކުރީމެވެ. ލޯނުނަގައިގެންނާ އެގޮތް މިގޮތުން ގެ އެހުރީ 7 ބުރިއަށް އަޅައިފައެވެ. 4 ބުރި ކުއްޔަށްދީފައެވެ. ބަލިޙާލުހުރިގޮތުން އަޅުގަނޑު ދިރިއުޅެނީ ލަންކާގައެވެ. 

ކުދިން ވަރަށް ރަނގަޅަށް އެއްކަންތައް ކޮށްދެއެވެ. އެއީ ކޮންމެ މަހަކުވެސް ގޭގެ އެއްބުރިން ލިބޭ ކުލި ފޮނުވައިދެއެވެ. އެހިސާބުން އެއޮތީ ހުރިހާ ކަމެއް ނިމިފައެވެ. 3 ދަރިންނަށްވެސް ދަރިން ލިބިފައިވާތީ 8 މާމަދަރިން އެބަ ތިއްބެވެ. އެއިން ދަރިއަކާއިވެސް ބައްދަލުކޮށްދެނީއެއް ނޫނެވެ. 3 ބެއިން ކުރެ ކުއްޖަކު ލޮލަށް ނުފެންނަތާ މިހާރުވެސް 2 އަހަރުވެއްޖެއެވެ. އަޅުގަނޑުގެ ބަލިޙާލު ހުރި ގޮތުން މާލެއަށް ބަދަލުވެވެން އޮތީއެއް ނޫނެވެ. 

3 ދަރިންގެ ޙައްޤުގައި މުޅި ޢުމުރު ހޭދަކޮށްލައި، އަދި އުފަލުގަ އުޅެވޭނެ މަގު ހޯދައިދިނީމާ ދޭން ޙައްޤު މިންވަރަކީ މިއީތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ މިހާރު ތިއަލިބިލައްވަނީ ޙައްޤު މިންވަރުން ވަރަށް ކުޑަކުޑަ މިންވަރެއް ކަމަށެވެ. ދަރިންނަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ދުޢާކުރައްވާށެވެ. ދީނީ ޢިލްމުވެރިއަކު މެދުވެރިކުރައްވައި ނަޞޭޙަތްވެސް ދެއްވާށެވެ! ތިރީގައިވާ ލިޔުންވެސް ދަރިންނަށް ޝެއާކޮށްލައްވާށެވެ! 

މިހާރަކަށް އައިސް މައިންބަފައިންގެ ވާހަކައިން މީހަކު ސުވާލުކޮށްފިނަމަ ފުރަތަމަވެސް ކިޔައިދެވެނީ އެމީހުންގެ ކިބައިން ލިބޭ ތަކްލީފްތަކުގެ ވާހަކައެވެ. ބުނާ ގޮތް ނުހަދާ ވާހަކައެވެ. މިފަދަ ވާހަކަތައް ދައްކާއިރު އެމީހުންގެ ޢުމުރުން ދުވަސްވެ ވިސްނުން ކޮށިވެފައިވާކަން ހަނދާނަކު ނުހުރެއެވެ. 

ދެން ދެއްކެނީ ތިމާ، ތިމާގެ މައިންބަފައިންނަށް ކޮށްދޭ ކަންކަމުގެ ވާހަކައެވެ. ކުރަންޖެހޭ ޚަރަދުގެ ވާހަކައެވެ. އުފުލަންޖެހޭ ތަކްލީފްގެ ވާހަކައެވެ. އެމީހުން ތިމާއަށްޓަކައި ކުރި ހޭދައާ އުފުލި ތަކްލީފްތަކުގެ މަތިން ހަނދާނެއް ނުކުރެއެވެ. 

ވީމާ މިކަންކަމަށް އިތުރަށް ވިސްނައިލަމާ ހިނގާށެވެ! 

ގައިގައި އަޅާ އެންމެ ވަރުގަދަ ވޭނަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ކެންސަރުގެ ތަދުކަމަށް ބުނެފާނެއެވެ! ނަމަވެސް ކެންސަރުގެ ތަދަށްވުރެ މާވަރުގަދަ ވޭނެއް އިންސާނުންގެ ގައިގައި އަޅައެވެ! އެއީ ވިހާވަޤުތު މައިމިހާގެ ގައިގަ އަޅާވޭނެވެ! އެވޭން އުފުލަނީ މައިންނެވެ! 

ކޮންމެ ދެމަފިރިއަކުވެސް އެންމެ ބޮޑަށް އުފާކުރާނެ އެއް ވަގުތަކީ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން އެނގޭވަގުތެވެ. އެވަގުތު އެލިބޭ އުފާވެރިކަން ބަޔާންކުރަންވެސް ނޭނގޭނެއެވެ! ބަޔާން ނުވެސް ކުރެވޭނެއެވެ! 

އަންހެން މީހާގެ ބަނޑުބޮޑުވާން ފެށުމުން ޢާންމު ގޮތެއްގައި ތަކްލީފްތައް ކުރިމަތިވާން ފަށައެވެ! އުދަނގޫތައް އިޙްޞާޞްކުރެވެން ފަށައެވެ! އަދި ވިހަން ކައިރިވެގެން އަންނައިރު ބިރުވެރިކަންވެސް އުފެދެއެވެ. އެއީ ވިހެއުމުގައި މެދުވެރިވެދާނެ ކަންކަމަށް ވިސްނެންފެށުމުންނެވެ. 

މިޙާލަތުގައި އުޅެމުންދަނިކޮށް ވިހެއުމުގެ ވަގުތު އައިސް ޖެހެއެވެ. ހޮސްޕިޓަލަށްދެއެވެ. އަންހެންމީހާގެ ހަށިގަނޑުގައި ވޭން އަޅަން ފަށައެވެ! އެވޭން ބަޔާންކުރަމުން ގިނަ އަންހެނުން ބުނަނީ ވިހެއުމަށް އަޅާވޭން އަޅާވަގުތު ދުނިޔޭގެ ހުރިހާ ކަމެއް ހަނދާންނެތިގެންދާ ކަމަށެވެ. އެހައިވެސް ވޭން ގަދަ ކަމަށެވެ! 

ވިސްނައިލާށެވެ! އަހަރެމެން ކޮންމެ މީހަކުވެސް އުފަންމިވަނީ މައިމީހާގެގައިގައި މިހައިވަރަށް ވޭން އެޅުމަށްފަހުގައެވެ. އަހަރެންގެ ސުވާލަކީ މިކަމަށް އަހަރެމެން ވިސްނައިލަމު ހެއްޔެވެ؟ މިކަމަށް އެކަނި ވިސްނައިލި ނަމަވެސް މައިން ނިކަމެތި ޙާލުގައި އުޅެން ޖައްސުވާނެ ހެއްޔެވެ؟ މައިން ހިތަދަތިކުރުވާނެ ހެއްޔެވެ؟ މައިން ބަލިވީމާ އަޅާނުލައި ތިބޭނެ ހެއްޔެވެ؟ 

މައިމީހާގެ މުހިންމުކަން 3 ގުނައަށް އިތުރުވެގެންދަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ! 9 މަސް ދުވަހު ބަނޑުގައި ދަރިފުޅު އޮންނައިރު އުފުލަންޖެހޭ ވޭންތަކާއި ވިހެއުމުގައި އަޅާވޭނާއި ވިހެއުމަށްފަހު ދަރިންނަށްޓަކައި އުފުލާވޭންތަކުގެ ސަބަބުންނެވެ! 

މައިންބަފައިންނަށް ޚާއްޞަކޮށް މައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމުގެ ވާހަކަ މިހައި ގިނައިން ދައްކަން ޖެހެނީ މިއަދު މުސްލިމުންވެސް ހުޅަނގުގެ ފަލްސަފާއަށް ޢަމަލުކުރުން ގިނަވަމުންދާތީއެވެ! މައިންބަފައިންނަށް ދަރިން އެންމެ މުހިންމުވާ ވަގުތު، ދަރިންގެ ލޯތްބާއި އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ވަގުތު އެއްވެސް ކަމެއް އަމިއްލަ އަތުން ކޮށްނުދީ، މައިންބަފައިން ބެލެހެއްޓުން ނޯކަރުންނާއި ހަވާލުކުރަމުން ގެންދާތީއެވެ! 

އެއްވެސް ޙާލެއްގައި އެއީ މުސްލިމުން އަމަލުކުރަން އޮތްގޮތެއް ނޫނެވެ! ވަޒީފާގެ ގޮތުން ހުރިހާ ވަގުތަކު ގާތުގައި ނުތިބެވޭނަމަ ނުތިބެވޭ ވަގުތު ބަލަހައްޓަން ބައަކާއި ޙަވާލުކުރިނަމަވެސް ވީހައި ބޮޑަށް ބަލަން ޖެހޭނީ އަމިއްލަ އަތުން މައިންބަފައިންގެ ކަންކަން ބެލެހެއްޓުމަށެވެ. އަމިއްލައަތުން މައިންބަފައިންނަށް ޚިދުމަތްކުރުމަށެވެ! އެކަމުން ލިބެން އޮތް ވީހައި ގިނަ ސަވާބު ލިބިގަތުމަށްޓަކައެވެ. 

މަންމަގެ މަޤާމް ވަނީ ބައްޕައަށްވުރެ 3 ގުނަ މަތިވެރިކުރައްވަވައިފައެވެ! ސުވަރުގެ ލިބުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމުންނެވެ. މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހާއަށް ޤިޔާމަތް ދުވަހުން ﷲ ބައްލަވައިވޮޑިނުގަންނަވާނެތެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން