ދަރިން ލައްވާ ނަމާދު ނުކުރުވައި ކުޅިވަރަށް ގެންދިއުމަކީ ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދަރިން ލައްވާ ނަމާދު ނުކުރުވައި ކުޅިވަރަށް ގެންދިއުމަކީ ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާ!

ސޯ ބުންޏަސް، ޕްރިންސިޕަލް ވިދާޅުވިޔަސް، އެއަށްވުރެ މަތިން އެންގެވިޔަސް ދަރިން ކުޅިވަރަށް ގެންދަންވާނީ ނަމާދުކުރުވުމަށްފަހުގައެވެ. ނަމާދުކުރާ ޢުމުރަށް އެޅުމުން ދަރިންލައްވައި ނަމާދުކުރުވުމަށް ބެލެނިވެރިންނަށް އަންގަވާފައިވަނީ ﷲ ތަޢާލާއެވެ. ވީމާ އެއްވެސް އިންސާނަކަށް ﷲ ތަޢާލާގެ އެންގެވުމުގެ މައްޗަކަށް ނުއެރޭނެއެވެ.  

ޖަމާޢަތުގެ ނަމާދަށް ކުދިން ގެންދިއުމުގެ މަސްއޫލިއްޔަތަކީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ނަމާދުކުރުމަށް ދަރިން ތަރުބިއްޔަތުކުރުވުމަކީ އެއީއެވެ. އެކަން ނުކުރެވޭނަމަ ބެލެނިވެރިން އެވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބޮޑުތަނުން ފޭލްވެފައެވެ. 

ހެނދުނު 6 ޖަހާއިރަށް ކުޅިވަރަށް ގެންދިއުމަކީ މައްސަލައެއް ނޫނެވެ. އެއިގެ ކުރިން ފަތިސްނަމާދުކުރުވަންވާނެއެވެ. އިރުއޮއްސޭ ވަޤުތު ކުޅިވަރަށް ގެންދަންވާނީ މަޣްރިބް ނަމާދުކުރުވައިގެންނެވެ. ޢިޝާނަމާދު ވަޤުތަށް ކުދިން ނުނިމޭނެ ނަމަ ކުދިން ނުގެންދާށެވެ. ޢިޝާ ނަމާދުގެ ޖަމާޢަތުގެ މުހިންމުކަން މާބޮޑުވާނެއެވެ.  

މިހާރަކަށް އައިސް ކޮންމެ ރެއަކުހެން ރޭގަނޑު 7.30 އަށް ކުދިން ސްޓޭޑިއަމަށް އެބަގެނެއެވެ. އެއިގެ ކުރިން އެކުދިން ލައްވައި ޖަމާޢަތުގައި ޢިޝާނަމާދުކުރުވަންވާނެއެވެ. ބުނެފާނެއެވެ. "ޢިޝާ ނަމާދަކީ ވަޤުތުދެމިގެންވާ ނަމާދެކެވެ. ކުޅިވަރުން ނިމިގެން ގެއަށް ގެނެސްވެސް ޢިޝާނަމާދުކުރުވިދާނެއެވެ." 

މިހެން ބުނާއިރުވެސް އެއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެކަން ރަނގަޅަށް އެނގޭނެއެވެ. 2 ގަޑިއިރު ދަނޑުގައި ކުޅުވާފައި ގެއަށް ގެންދެވޭއިރު ކުދިން ތިބޭނީ ވަރުބަލިވެފައެވެ. އެޙާލަތުގައި ކުދިން ލައްވައި ނަމާދުކުރުވުމަކީ ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ގަދަކަމުން ކުރުވިޔަސް ކުދިން ތިބޭނީ ކަންނެތްވެފައެވެ. ވަރުބަލިވުމުގެ ސަބަބުން ނަމާދުކުރާ ހިތަކުން ނޫނެވެ!  

ދެން އޮތީ ސްކޫލްތަކުން އިންތިޒާމްކުރާ ތަފާތު ޙަރަކާތްތަކަށް ކުދިން ނުގެންދިއުމެވެ. އެއީވެސް ކުރެވެން އޮތް ކަމެއް ނޫނެވެ. ކުދިން ނުދިއައިމަ އެހެން ކުދިންގެ ފަރާތުން ދިމާކުރުންތައް ކުރިމަތިވެއެވެ. ޓީޗަރުންގެ ކުދިން ބާކީކުރެއެވެ. އަދި އެހެންކުދިން ކުރާ ކަންކަން ކުރަން ހުރިހާ ކުދިންވެސް ބޭނުންވެއެވެ.  

ރާއްޖޭގެ އާބާދީގައި ހިމެނޭ ހުރިހާ ކުދިންވެސް ސްކޫލަށް ގެންދެއެވެ. ސީދާ ސްކޫލްތަކުން އިންތިޒާމްނުކޮށް ކޮންމެވެސް ނަމެއް ކިޔާ އެކަޑަމީއަކުން އިންތިޒާމުކުރިޔަސް ކުދިންނަށް ހިންގާ ޙަރަކާތްތަކުގައި ބައިވެރިއެވަނީ ދަރިވަރުންނެވެ. ވީމާ އެޑިޔުކޭޝަން މިނިސްޓްރީގެ މަސްއޫލިއްޔަތު ނެތްކަމަކަށް ނުހެދޭނެއެވެ.

 

   

މިއަދު އޮންލައިން