ދަރިންދެކެ ލޯބިވާނަމަ ކުށްކުރިއަ ނުދޭން މަސައްކަތްކުރާށެވެ! ކުށެއް ކޮށްފިނަމަ އަދަބުން ސަލާމަތްކުރަން މަސައްކަތްނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދަރިންދެކެ ލޯބިވާނަމަ ކުށްކުރިއަ ނުދޭން މަސައްކަތްކުރާށެވެ! ކުށެއް ކޮށްފިނަމަ އަދަބުން ސަލާމަތްކުރަން މަސައްކަތްނުކުރާށެވެ!

އެމީހެއްގެ ދަރިއަކަށް އެއްވެސް ބާވަތެއްގެ އަދަބެއް ލިބުމަކަށް ހަމައެކަކުވެސް ނުއެދޭނެއެވެ. އެހެންކަމަށްވާއިރު އޮތީ ދަރިން ކުށްކުރިއަ ނުދޭން މަސައްކަތްކުރުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ދަރިންނަށް އިސްލާމް ދީން އުނގަންނައިދިނުމެވެ. ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން މަސައްކަތްކުރުމެވެ.  

ނަމަވެސް ގިނައިން މިފެންނަނީ މުޅިން ތަފާތު ގޮތެކެވެ. މިބުނެވުނު ކަންކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ. އެކަންކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ނަމަވެސް ކުށެއްކޮށްގެން ދަރިފުޅު ހައްޔަރުކޮށްފިނަމަ އެއީ ދަރިފުޅު ނުކުރާ ކަމަކަށް ހަދަން ބެލެނިވެރިންގެ ތެރެއިން ގިނަބައަކު މަސައްކަތްކުރެއެވެ. ކިތަންމެ ބޮޑު ޚަރަދެއްކޮށްގެންވެސް އަދަބުން ދަރިފުޅު ސަލާމަތްކުރަން މަސައްކަތްކުރެއެވެ. 

ހިތާމައަކީ އެއީ ދަރިފުޅަށް ދެވޭ ބޮޑު ދެރައެއް ކަމާއިމެދު ވިސްނައިނުލެވޭ ކަމެވެ. އެކަން ވެގެންދަނީ އިތުަށް ކުށްކުރަން ދަރިންނަށް ހިތްވަރުދިނުން ކަމާއިމެދު ވިސްނައިނުލެވޭ ކަމެވެ.  

ރަސޫލް ގެ ޙަދީޘްފުޅުގައިވަނީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވެވި ނަމަވެސް އެކަމަނާގެ އަތްޕުޅު ކަނޑުއްވަވާނެ ކަމަށެވެ. މިޙަދީޘްފުޅަކީ ހަމައެކަނި ޚުޠުބާތަކުން އަޑުއަހައިލާ ޙަދީޘްފުލަކަށް ނުހަދަމާ ހިނގާށެވެ! އެންމެންވެސް މަސައްކަތްކުރަންވީ މިޙަދީޘްފުޅަށް ޢަމަލުކުރާށެވެ!  

ކަން އޮތްގޮތް: 

އަމިއްލަ ދަރިއަކުނަމަވެސް ކުށަކަށް އަރައިގަނެ، އެކަން ޘާބިތުވުމުން އަދަބު ދެވެންޖެހޭނެއެވެ.. އެކަމަށް ހުރަސްއެޅުމަކީ ލޯބިވުމެއް ނޫނެވެ! އެކަންވާނީ ދަރިފުޅު ހަލާކު ކުރުމަށެވެ. ކުށެއް ކުރެވިއްޖެކަން އިޙްސާސްކުރެވި އިޞްލާޙުވުމަށް ފުރުޞަތު ދޭންޖެހޭނެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން