ތިބާ ފަޟީޙަތްކޮށް މީސްތަކުންގެ ކުރިމަތީގަ ޢަބުރުކަތިލެވެނީ އެކުވެރިންނަށް އެފުރުޞަތުދެވޭތީ! ހަމަ އެކަކަށްވެސް ތިމާގެ ހުރިހާ ޙަޤީޤަތްތައް ކިޔައިދޭން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ތިބާ ފަޟީޙަތްކޮށް މީސްތަކުންގެ ކުރިމަތީގަ ޢަބުރުކަތިލެވެނީ އެކުވެރިންނަށް އެފުރުޞަތުދެވޭތީ! ހަމަ އެކަކަށްވެސް ތިމާގެ ހުރިހާ ޙަޤީޤަތްތައް ކިޔައިދޭން ހެޔޮނުވާނެ!

އިސްލާމް ދީނުގައި ރައްޓެހިކަމާއި ރަޙްމަތްތެރިކަމަކީ ވަރަށް މުހިންމު ކަންކަމެވެ. ރައްޓެހިކަމެއް އަދި ރަޙްމަތްތެރިކަމެއް ނެތް ނަމަވެސް ކޮންމެ މުސްލިމަކީ ވެސް އަނެއް މުސްލިމް މީހާގެ އަޚެއް ކަމުގައި ދީނުގައިއޮތީ އެކަކު އަނެކަކަށް ގާތްކަން ބަހައްޓައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ހަމައެއާއިއެކު ނުބައި މީހުންނާއި އެކުވެރިވެ ގާތްކަން ނުބާއްވަން އޮންނަނީ އެމީހުންގެ ސަބަބުން ދެދުނިޔެ ގެއްލިގެންދާ ފަދަ ކަންކަން މެދުވެރިވާތީއެވެ. 

ތިބާގެ ވަށައިގެން އެނބުރޭ މީހުންނާއިމެދު ވަރަށް ފުންކޮށް ވިސްނަންވާނެއެވެ. އަދި ސަމާލުކަންވެސް ދޭންވާނެއެވެ. ރައްޓެހިން ކަމުގައި ހެދިގެން އުޅޭ ބައެއް މީހުންނަކީ އެމީހާ އެޅޭ ގޮތަށް އަނެއް މީހާވެސް އުޅުވަން ބޭނުންވާ ބައެކެވެ. އެމީހާ ކުރާ ކަންކަން އަނެކާ ލައްވައިވެސް ކުރުވަން ބޭނުންވާ ބައެކެވެ. އެފަދަ މީހުން އޭނާއާއި އެއްގޮތަށް އަނެކާ ބަދަލުކުރުވަން އޭނާއަށް ކުރެވުނުހައި މަސައްކަތެއް ކުރާނެއެވެ. 

އެއިގެ ތެރެއިންވެސް އެންމެ ނުރައްކައުތެރި މީހުންނަކީ އެގޮތަށް ކުރާ މަސައްކަތް ނާކާމިޔާބުވުމުން ބަދަލުހިފަން ބޭނުންވާ މީހުންނެވެ. އެފަދަ މީހުން އެންމެ ގިނައިން ކުރާނެ ކަމަކީ ކޮންމެވެސް ގޮތަކުން އަނެކާ ފަޟީހަތްކޮށްލުމެވެ. އެއީ އަނެކާގެ ކިބައިން ބަދަލުހިފުމަށެވެ. އަނެކާއަކީ ވަރަށް ނުބައި ސިފަތައް ހުރި މީހެއްކަން އެންމެންނަށް އެންގުމަށެވެ. 

މިސާލަކަށް ތިބާއަކީ މީސްތަކުންގެ ކުރިމަތީގައި ޤަދަރުހުރި ޢަބުރުވެރިއަކަށްވެދާނެއެވެ. އެހެންކަމަށްވެއްޖެ ނަމަ އެފަދަ މީހުންގެ އެންމެ ބޮޑު ބޭނުމަކަށްވާނީ ތިބާގެ އަބުރު ދުއްވައިލުމެވެ. މީސްތަކުންގެ ކުރިމަތީގައި ތިބާއަކީ އެއްވެސް އަގެއް ނެތް މީހަކު ކަމުގައި ދެއްކުމެވެ. މިފަދަ ބޮޑު ގެއްލުމެއް ދޭން، ތިބާއަށް އަނެކާއަށް އަނގައިގެން ނުވަތަ އޭނާއާއިއެކު  އެންމެ ފަހަރަކު މުޅި އުމުރުގައި ކުރެވިފައިވާ ގޯސްކަންތައް ފުދޭނެއެވެ! 

ނުރައްކާތެރި އެކުވެރިންގެ ސަބަބުން ލިބޭ ގެއްލުން ނުރައްކާތެރި ހަތިޔާރުން ލިބޭ ގެއްލުމަށްވުރެ މާބޮޑުވާނެކަމަށް ބުނެވެނީ މި ސަބަބަށްޓަކައެވެ. ހަތިޔާރުން ލިބޭ ގެއްލުމަށް ބޭސްފަރުވާކުރުމުން ފަސޭހަެދާނެއެވެ! ނަމަވެސް ނުރައްކާތެރި އެކުވެރިއަކު ދޭ މިބުނި ފަދަ ގެއްލުމަކަށް ކުރާނެ އެއްވެސް ފަރުވާއެއް ނުއޮންނާނެއެވެ! 

ވީމާ އެއްވެސް މީހަކާއި ގާތްކަން ބާއްވަންވާނީ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ކޮންމެ ވަގުތަކުވެސް ދެމީހުންގެ މެދުގައި މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ. އެފަދަ ޙާލަތުގައި ތިމާ ފަޟީޙަތް ކުރުމުގެ ފުރުޞަތު އަނެކާއަށް ލިބޭ ގޮތަށް އެއްވެސް ކަމެއް ނުކުރާށެވެ! 

އެކަމަށް އޮތް އެންމެ ފަސޭހަމަގަކީ އިސްލާމް ދީނުގައި މަނާކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. އިސްލާމް ދީނުގައި މަނާވެގެންވާ ކަމެއް ނުކުރާނަމަ މީހާ ފަޟީޙަތް ކުރާނެ އެއްވެސް ފުރުޞަތެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. އިސްލާމް ދީނުގައި ކަންކަން ހުއްދަކުރައްވަވާފައިވަނީވެސް އަދި މަނާކުރައްވަވާފައިވަނީވެސް މީސްތަކުންގެ ފައިދާއަށެވެ! މީސްތަކުންނަށް އެންމެ ފައިދާހުރި ގޮތަށެވެ. 

ވީމާ ކޮންމެ މީހަކުވެސް މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ! ތިމާގެ ޢަބުރާއި އިއްޒަތް ސަލާމަތްކުރެވޭނީ އެއިރުންނެވެ. އަދި އާޚިރތް ކާމިޔާބުކުރެވޭނީވެސް ހެޔޮލަފާ މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅުމުންނެވެ. ސުވަރުގެ ވަނުމަށް ތިމާ ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ހަމައެކަކުވެސް އެކުވެރިން ކަމުގައި ނުގެންގުޅޭށެވެ. ޝައްކުވާނަމަވެސް ދުރުހެލިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން