ނުބައިކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިތުމުން އޭނާގެ ކިބައިން އެކަން ނުފެންނަކަން ގިނަ ބައަކު ފާހަގަކުރެއެވެ. އެއީ ހަމަ ވެދާނެ ކަމެކެވެ. މެދުވެރިވެދާނެ ގޮތެކެވެ. ސަބަބަކީ އަނެކާގެ ހެޔޮކަން ވަޒަންކުރަނީ މަދުބައަކު ކަމަސްވާތީއެވެ. ގިނަމީހުން އެކަން ވަޒަން ނުކުރާތީއެވެ.
ނުބައިކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިތަންވީ އޭނާގެ ކިބައިން ހެވަކަށް އެދިގެނެއް ނޫނެވެ. ނުބައިކޮށް ހިތާ މީހުންނަށްވެސް ހެޔޮކޮށް ހިތުމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. މާތް ﷲ ގެ ރަޙްމަތަށް އެދިގެން އެކަންކުރީމަ ރަޙްމަތް އޮއްސަވާ މިންވަރު ވަޒަންވެސް ނުކުރެވޭނެއެވެ.
ޙަޔާތުގެ ބައިވެރިޔާ ތިމާއަށް ނުރަނގަޅުކޮށް ކަންކަންކުރުމުންވެސް އޭނާއަށް ހެޔޮކޮށް ކަންކަން ކުރީމާވެސް އެކަމުގެ އަގުވަޒަންނުކުރާކަމުގެ ޝަކުވާއަކީ އަބަދުވެސް ލިބެމުން އަންނަ ޝަކުވާއެކެވެ. އެގޮތަށް ކަންކަންކުރާ ބައަކުވެސް އުޅޭނެއެވެ. އެފަދަ މީހުންނަށް ވިސްނިފައި އޮންނަނީ އަނެކާ އެހުރީ ދެރަވެ ނިކަމެތިވެފައި ކަމަށެވެ. ގޮތްހުސްވެ އަޅުވެތިވެފައި ކަމަށެވެ.
އެއީ ވަރަށް ނުބައި ވިސްނުމެކެވެ. އެއްވެސް މުސްލިމަކީ ގޮތްހުސްވާނެ މީހެއް ނޫނެވެ. ކޮންމެ މުސްލިމަކާއިއެކުވެސް ﷲ ތަޢާލާ ވޮޑިގެންވެއެވެ. އެމީހަކަށް ދެރައެއް ލިބުނަސް ބަދަލުގައި ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ކޮންމެ މީހަކަށް ނަމަވެސް ހެޔޮކޮށް ކަންކަން ކުރާށެވެ! އަދި އެކަމުގެ ބަދަލު އެމީހެއްގެ ކިބައިން ނުއެދި ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ. އެމީހަކަށް ﷲ ތަޢާލާ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން