ސަމާލުވެބަލަ! ބޭރުގެ މުބާރާތުން ވަނަ ލިބުނު ކުއްޖެއްގެ ހުރިހާކަމެއް ހުއްޓެން މެދުވެރިވި ސަބަބަކަށްވީ ލިބުނު ކާމިޔާމީގަ އުފަލުން މައިން ބަފައިންނަށް ކުރެވުނު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ސަމާލުވެބަލަ! ބޭރުގެ މުބާރާތުން ވަނަ ލިބުނު ކުއްޖެއްގެ ހުރިހާކަމެއް ހުއްޓެން މެދުވެރިވި ސަބަބަކަށްވީ ލިބުނު ކާމިޔާމީގަ އުފަލުން މައިން ބަފައިންނަށް ކުރެވުނު ކަމެއް!

ބޭރު ޤައުމެއްގައި ދާދިފަހުން ބޭއްވި މުބާރާތެއްގައި ބައިވެރިވި ދިވެހި ކުއްޖެކެވެ. އެކުއްޖާ ގޮވައިގެން މައިންބަފައިން ދިރިއުޅެނީވެސް އެޤައުމުގައެވެ. އެމުބާރާތުގައި ކުއްޖާއަށް ރަނގަޅު ވަނައެއްވެސް ލިބުނެވެ. ވަނަ ލިބުމުން ޢާއިލާއިން ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެޢާކުރިއެވެ. 

އެއިގެ މަހެއްހައިދުވަސްފަހުން އެކުއްޖާ ހުންނަނީ ނެގިމަޑުވެފައެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ފިލާވަޅުދަސްކުރާ ހިތެއްވެސް ނުވެއެވެ. ކަންބޮޑުވެ ޑޮކްޓަރަށް ދެއްކުމުންވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. ކިރިޔާވެސް ހަމައަކަށް އެޅުނީ 40 ދުވަހު ރުޤްޔާކުރި ފަހުންނެވެ. 

މިބާވަތުގެ މައްސަލަތަކުގައި މިއަދުނޫހުގައި ލިޔެ ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރާތީ މަޢުލޫމާތަށްޓަކައި ބުނެލީއެވެ. 

ކުރުކޮށް ނަމަވެސް ޢިބްރަތްތެރި ފިލާވަޅެއް ޙިއްޞާކޮށްލެއްވީތީ ޝުކުރުވެރިވަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ! ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވި ފަދައިން ތިއަފަދަ މައްސަލަތަކުގައި ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރުވޭތޯ މިގެންދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ތިރީގައި އެވަނީވެސް ތިއަފަދަ ކަމަކާއި ގުޅިގެން ޝާއިޢުކުރެވިފައިވާ ލިޔުމެވެ! 

އޭނާގެ ދަރިފުޅަކީ ވަރަށް ހުނަރުވެރި ކުއްޖެކެވެ. ޢުމުރުން 4 އަހަރުގައިވެސް 6،8 އަހަރުގެ ކުދިން ކުރާ ކަންކަން ކުރެއެވެ. ޕަޒްލް ރޭވުން ފަދަ ކަންކަމެވެ. އެހެންކަމުން އެއް ދުވަހަކު ދަރިފުޅުގެ ހުނަރުވެރިކަން ދައްކައިލުމުގެ ގޮތުން އެފަދަ ފޮޓޯއެއް މަންމަގެ ފޭސްބުކްގައި ހާމަކުރިއެވެ.

ކަންތައް މެދުވެރިވީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. ކުއްލިއަކަށް ކުއްޖާ އެފަދަ ކަންކަން ކުރުން ހުއްޓައިލީއެވެ. ޝައުޤުވެރިކަންވެސް ނެތިގެން ދިއައީއެވެ. 

ކުއްޖާއަށް އައި ބަދަލާއި ގުޅިގެން ކަންކަން ރަނގަޅުކުރަން ވަރަށް ގިނަ މަސައްކަތް އަމިއްލައަށް ކުރިއެވެ. ކުރި އެއްވެސް މަސައްކަތަކުން އެއްވެސް ނަތީޖާއެއް ނުނުކުތުމުން ރުޤްޔާކުރާ މީހަކާއި ބައްދަލުކުރުމުން ލަފާދިނީ އެސްފީނާއިން ސަލާމަތްވާން މަސައްކަތްކުރުމަށެވެ. ދަރިފުޅު އެސްފީނާއިން ސަލާމަތްކުރެވުނީ ވަރަށް ގިނަ މަސައްކަތުންނެވެ. 

ޢިބްރަތް ޙާޞިލުކުރަންޖެހޭ މިފަދަ އެތައް ކަމެއް އަބަދުހެން ހިނގަމުން އަންނައިރު ބެލެނިވެރިން މިކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! ދަރިންގެ ހުނަރާއި ރީތިކަމާއި ލައްވާ އަގުބޮޑުހެދުމާއި ކިޔަމަންތެރިކަން ފަދަ ކަންކަން އެންމެންނަށް ޢާންމު ނުކުރާށެވެ! ރަނގަޅީ އެންމެ ގާތް މީހުންނަށްވެސް ނުއެންގުމެވެ. އެންމެ ގާތް މީހުންގެ ތެރޭގައި ވެސް ޢަދާވާތްތެރިން ތިބެދާނެއެވެ. އެމީހުންގެ އިސްފީނާގެ ސަބަބުން ވެސް ކުދިންނަށް ގެއްލުންތައް ލިބިދާނެކަމަށް ވިސްނާށެވެ! 

އެސްފީނާ ޖެހުމަކަށް ދުރެއް ކައިރިއެއް ނެތެވެ! ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ މީހެއްގެ އެސްފީނާވެސް ޖެހިދާނެއެވެ! ވީމާ މުޅި ދުނިޔެއަށް އިޝްތިހާރުވެގެންދާނެ ގޮތަށް އެއްގޮތަކަށްވެސް ކަންކަން ހާމަނުކުރާށެވެ! 

ހަމަ އެއާއިއެކު ދަރިންލައްވައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުއްވާށެވެ! ޚާއްޞަކޮށް އާޔަތުލްކުރުސި، އިޚްލާޞް ފަލަޤް، ނާސް ފަތިހާއި މަޣްރިބް ނަމާދަށްފަހު 3 ފަހަރު ކިޔުއްވާށެވެ! އަދި މައިންބަފައިންވެސް ކިޔަމުން ގެންދާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން