މުސްލިމުން ވެސް ޢާއިލާ އާއިއެކު އުފާކުރާ ދުވަސްތަކެއް އެބައޮވެއެވެ. އެއީ އަޅުކަމެއްގެ ގޮތަކު ނޫނެވެ. ނަމަވެސް ޢާއިލީ ގުޅުން ބަދަހިކުރުމުގެ ގޮތުންނެވެ. އެކަންކަން ކުރަނީ ޢާއިލީ ގުޅުން ބަދަހިކުރުމަކީ ކުރަންޖެހޭ ކަމަކަށްވާތީއެވެ.
އިސްލާމް ދީނުގައި ކޮންމެކަމެއްވެސް ކުރަން ހުއްދަވެގެންވަނީ ދީނުގައިވާ ގޮތަށެވެ. ވީމާ އެއްވެސް ކަމެއްގައި ކާފިރުން ޢަމަލުކުރާ ގޮތަށް ކަންކަން ކޮށްގެން ނުވާނެއެވެ. ވީމާ ކޮންމެ ކަމެއް ފާހަގަކުރިނަމަވެސް ޖަހަންޖެހޭނީ ދީން ހުއްދަކުރާ ލަވަތެކެވެ. ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިންނެވެ. ޑީޖޭ ބޭއްވުން ފަދަ ކަންކަން ކުރުމެއް ނެތެވެ. އެއިގެ މާނައަކީ ބައްދަލުވުން މަނާކުރުމެއް ނޫނެވެ.
ޢާއިލާގެ މީހަކު ނިޔާވުމުން އެކަމުގެ ހިތާމައިގައި މިފަދަ ކަންކަން އެބަ ކެންސަލްކުރެއެވެ. އެހެންކަމުން ބުނެލަން ބޭނުންވަނީ މީހަކު މަރުވުމުން ހިތާމަކުރުން އޮތީ ގިނަވެގެން 3 ދުވަހުއެވެ. އަދި ފިރިމީހާ މަރުވުމުން އެކަމުގެ ހިތާމައިގައި އަނބިމީހާއަށް އިންނަން ޖެހޭނީ 4 މަހާއި 10 ދުވަހުއެވެ.
ވީމާ ޢާއިލީ ގުޅުން ބަދަހިކުރަން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާށެވެ. ޢާއިލާއަށް އުފާވެރިކަން ލިބޭނީ ގުޅުންބަދަހިކުރިވަރަކުންނެވެ. ގުޅުން ބަދަހިކުރަން ކުރަންޖެހޭ ކަންކަން ކުރިވަރަކުންނެވެ.
މިސާލަކަށް ބުނާނަމަ ދެމަފިރިންވެސް ކޮންމެ ދުވަހަކުވެސް އެކަކު އަނެކަކަށް ހަދިޔާދޭންވީއެވެ. ނަމަވެސް ޢަމަލީ ގޮތުން ބަލައިފިނަމަ އެއީ ކުރެވޭވަރުގެ ކަމެއް ނޫނެވެ. ނަމަވެސް އެންވާސަރީ ދުވަސް ފާހަގަކޮށް އެދުވަހު ރަނގަޅު ހަދިޔާއެއް ދިނުން ފަދަ ކަންކަމަކީ ކުރެވިދާނެ ކަންކަމެވެ.
ޤައުމީ ދުވަސްތައް ފާހަގަކުރަނީ ކީއްކުރަންހެއްޔެވެ؟ ހިތުގައި ޤައުމީ ޖޯޝް އުފައްދުވަން ނޫން ހެއްޔެވެ؟ މިފަދަ ޢާއިލީ ދުވަސްތައް ފާހަގަކުރަންވީ ޢާއިލާގެ މެދުގައި ލޯބި އިތުރުކުރުމަށެވެ. ވީމާ މިދެއްކި ވާހަކަ ރަނގަޅު ގޮތުގައި ވިސްނާށެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން