ތިމާއަށް ކޮށްދެވެން އޮތް ކަމަކަށް ޢުމުރުން ދުވަސްވުމުން މައިންބަފައިންގެ ޕެންޝަނަށް ލިބޭ ފައިސާ ޚަރަދުކުރުވައިގެން ކޮށްދިނުމަކީ ސުވަރުގެ ލިބެން އޮތް ފުރުޞަތު ދޫކޮށްލެވޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ތިމާއަށް ކޮށްދެވެން އޮތް ކަމަކަށް ޢުމުރުން ދުވަސްވުމުން މައިންބަފައިންގެ ޕެންޝަނަށް ލިބޭ ފައިސާ ޚަރަދުކުރުވައިގެން ކޮށްދިނުމަކީ ސުވަރުގެ ލިބެން އޮތް ފުރުޞަތު ދޫކޮށްލެވޭ ކަމެއް!

މަންމައަށް ޚަރަދުކުރުމުގެ ކުޅަދާނަކަން ހުރި މީހަކު، މަންމަގެ ޕެންނަށް ސަރުކާރުން ދޭ ފައިސާކޮޅު މަންމައަތުން އަތުލަމުން ބަލައިދިނީމާ މަންމަ ބެލިކަމުގެ ޘަވާބު ލިބޭނެތޯ؟

މިފަދަ ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ޖަވާބަކީ (1) މަންމައަށް ކޮށްދިން ކޮންމެ ޚިދުމަތަކަށްވެސް ޘަވާބު ދެއްވަވާނެތެވެ. (2) ތިމާ އަމިއްލައަށް ހޭދަކުރުމުން ނޫނީ މަންމައަށް ތިމާ ޚަރަދުކޮށްގެން ހޯދެން އޮތް ޘަވާބެއް ނުލިބޭނެތެވެ.

ހަމައެއާއިއެކު މަންމަ އަތުން ފައިސާ ހޯދައިގެން އެއިން ތިމާވެސް ބޭނުންކުރަމުން މަންމަ ބަލައިދޭނަމަ އެކަންވާނީ އަގަށް ކޮށްދޭ ކަމަކަށެވެ. ނަމަވެސް ދަރިފުޅު ދަތިޙާލުގައި އުޅޭތީ މަންމަ ހިތުން ރުހުމުން ދޭ އެއްޗެއްގެ ބޭނުންކުރުމަކީ ތަފާތު ކަމެކެވެ. އެކަމުގައި މައްސަލައެއް ނެތެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ޢުމުރުން ދުވަސްވުމުން ސަރުކާރުން އެމީހަކަށް ޢިނާޔަތް ނުވަތަ ޕެންޝަން ދޭތީ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އުމުރުން 65 އަހަރުވުމުން ސަރުކާރުން ދޭ 5000 ރުފިޔާ މައިންބަފައިންނަށް ލިބޭނަމަ ތިމާމެންގެ ޒިންމާ ކެނޑުނީ ކަމަށެވެ. އަދި އެފައިސާ ޢާއިލާގެ އެކަކަށް (މަންމަ، ބައްޕަ، ބަލަހައްޓާ ފަރާތަށް) ލިބޭނަމަ ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. އެހިސާބުން އެހެން ދަރިން ޚަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ޒަމާނުގެ ކުރިއެރުމާއިއެކު ރާއްޖޭގައި މިހާރު މިވަނީ އމުރުން 65 އަހަރުވަންދެން ދުނިޔޭގައި އެމީހަކު ހުރެއްޖެ ނަމަ މަހަކު 5000 ރުފިޔާ ލިބޭނެ ނިޒާމެއް ސަރުކާރުން ރާވައިފައެވެ.

މިހާރަކަށް އައިސް މިބެލެނީ ކޮންމެ ކަމެއްވެސް އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލައި އަދި ޚަރަދެއްވެސް ކުރުމަކާއި ނުލައި ޙާޞިލުކުރުމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ޒިންމާތަކެއް ލައްވަވައިފައެވެ. އެމީހަކަށް ޘަވާބު ލިބެން އޮތީ އެ ޒިންމާތައް އަދާކުރުމުންނެވެ.

ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ސަރުކާރުން ނުވަތަ އެހެން ފަރާތަކުން މައިންބަފައިންނަށް ފައިސާގެ ގޮތުން އެހީތެރިވި ނަމަވެސް ދަރިންގެ ކިބައިން ޒިންމާއެއް ނުކެނޑޭނެއެވެ. އޮތީ ޒިންމާ އަދާކުރުމެވެ.

"އެންމެ މުހިންމު ކަމަކީ މައިން ބަފައިންނަށް ކުރާ ހޭދައިގެ ސަބަބުން ﷲ ތަޢާލާ ދެއްވަވާ ގިނަ ގުނަ ޘަވާބާ ރަޙްމަތް. އެމީހަކު އަމިއްލައަށް ޚަރަދު ނުކޮށް ކިހިނެއްތޯ މި ނިޢްމަތްތައް ލިބިގަނެވޭނީ؟"

މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މައިންބަފައިންނަށް ޚަރަދުކުރުމަކީ ތިމާއަށް ލިބޭ ފަޚުރަކަށް ހެދުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ގޮތުންވެސް އޮތީ އެމީހުންގެ ޚަރަދުތައް ކޮށްދިނުމެވެ. އަދި އެއީ ތިމާއަށް ޖެހޭ ބުރައެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އެކަން ބަލަންވާނީ އެއީ ތިމާއަށް ސުވަރުގެ ލިބިގަތުމަށް ދެއްވެވި ފުރުޞަތެއް ކަމަށެވެ.

މައިންބަފައިންނަށް ޚަރަދުކުރުމަކީ އަދި ބަލަހައްޓައި އެހީތެރިވުމަކީ ﷲ ތަޢާލާ އެކަމުގައި ވަރަށް ބޮޑަށް ބަރަކާތް ލައްވަވާ ކަމެކެވެ. އެހެންކަމުން މައިންބަފައިންނަށް ހޭދަކުރުމަކީ އަތުން ގެއްލޭ ފައިސާއެއް ނޫނެވެ. އަދި ކިއެއްތަ! އެ ފައިސާ ވެގެންދާނީ އާޚިރަތުގައި އެންމެ ބޮޑު ފައިދާ ކުރާނެ އެއް އިންވެސްޓްމަންޓަށެވެ.

އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މައިންބަފައިންނަށް ހޭދަކުރުން ގިނަކުރާށެވެ. ސަރުކާރުންދޭ ޢިނާޔަތަކީ މުޅިން ތަފާތު އެއްޗެކެވެ. ތިބާއަށް ކޮށް ނުދެވޭ ކަންކަން ކުރަން ނޫނީ އެފައިސާ ޚަރަދުނުކުރާށށެވެ. އެއީ މައިންބަފައިން އެމީހުންގެ އުފަލަށް ހޭދަކުރާ ޕޮކެޓްމަނީ ކަމުގައި ހަދާށެވެ. އެފައިސާއިން ވީހާގިނަ ބައަކަށް ޞަދަޤާތްކުރަން ހިތްވަރުދޭށެވެ.

މިގޮތަށްވެސް ވިސްނައިލާށެވެ! އެފައިސާގައި އަތްނުލައި ބަހައްޓައިފިނަމަ މިހާރުގެ އަގުތަކަށް ބެލިނމަވެސް އަހަރަކު 2 ފަހަރު އެމީހުން ޢުމރާއަށް ފޮނުވިދާނެއެވެ. ތިބާ، ތިބާގެ މައިންބަފައިންނަށް ޚަރަދުކުރާތީ އެފައިސާ ރައްކައުކޮށްގެން ޢުމުރާ ވެވިއްޖެނަމަ އެކަމުގައި ެމދުވިވީ ތިބާ ކަމުގައި ވެގެންދާނެއެވެ. އެކަމުން ތިބާއަށް ކުރާނެ ފައިދާއަށް ވިސްނާށެވެ.

މިހިރީ ހަމަ ކޮންމެ މީހަކުވެސް ވިސްނާލައިފިނަމަ އެމީހަކު ސުވަރުގެ ވަނުމަށް ކުރެވެންހުރި ކަންކަމެވެ.

 

މިއަދު އޮންލައިން