ރައްޔިތުންނަށް ޚިދުމަތްކުރަންޖެހޭ އެއްވެސް މަޤާމެއްގައި ހުރިނަމަ އެމީހަކާއި ރައްޔިތުންނާއި ބައްދަލުވާންޖެހެއެވެ. ރައްޔިތުންނަށް އެމީހަކާއި ބައްދަލުކުރެވެން ޖެހެއެވެ. އެއީ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސްމެއެވެ. ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް އެކަން އިންތިޒާމްކުރެވެން ޖެހެއެވެ. ނޫންނަމަ އެމީހަކަށް ޤިޔާމަތްދުވަހު ކުރިމަތިލާންޖެހޭނެ ދެރަ މާބޮޑުކަން މިއޮތީ ފެންނާށެވެ! ވިދާޅުވެލައްވާށެވެ!
ރަސޫލް (ﷺ) ކުރެއްވެވި ދުޢާއެއްގެ މާނައިގައިވެއެވެ. "ހައްދަވާ ގެންގުޅުއްވަވާ އިލާހް އެވެ. ތިމަން ކަލޭގެފާނުގެ އުންމަތުގެ ކަމަކާއި ޙަވާލުވެއްޖެ މީހަކު އެބައިމީހުންނަށް ދަތިކޮށް އުނދަގޫކޮށްފި ނަމަ އެމީހާގެ މައްޗަށް އިނބަ ﷲ ދަތި އުނދަގޫ ގޮތް މެދުވެރިކުރައްވަނާދޭވެ! ތިމަން ކަލޭގެފާނުގެ އުންމަތުގެ ކަމަކާއި ޙަވާލުވެއްޖެ މީހަކު އެބައިމީހުންނާއިމެދު އޯގާވެރިވެއްޖެ ނަމަ އެމީހަކާއިމެދު އިނބަ އިލާހް އޯގާވެރިވެވޮޑިގަންނަވާނދޭވެ!"
މަސްއޫލިއްޔަތުތަކާއި ހަވާލުވެގެން ތިބޭ މީހުންގެ ބެލުމުގައިދަށުގައިވާ މީހުންނަށް އޯގާތެރިވެ ރަޙުމް ކުރުމަކީ ލޮބުވެތި ރަސޫލުﷲ (ﷺ)ގެ ހެޔޮ ދުޢާ ލިބި ﷲ ތަޢާލާ އޯގާވެރިވެ ވޮޑިގަންނަވާނެ ކަމެކެވެ.
މުސްލިމުންގެ ބޭނުންތައް ދެނެގަނެ، އެބައިމީހުންގެ މަޞްލަޙަތު ޙިމާޔަތް ކުރުމާއި، ބޭނުންތައް ފުއްދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ. އަދި ރައްޔިތުންގެ ބޭނުންތައް ހުށަހެޅުމަށް އޭނާ އާއި ރައްޔިތުންނާއި ދެމެދު ހުރަހެއް ނުބޭއްވުމަށްވެސް އިސްލާމް ދީން ބާރު އަޅައެވެ.
މުސްލިމުންގެ އެއްވެސް ކަމަކާއި ހަވާލުވެހުރި މީހަކު، އެބައިމީހުންގެ ބޭނުންތައް އޭނާ އާއި ހަމައަށް ހުށަހެޅުމަށް ފުރުޞަތު ނުދީފި ނަމަ، އޭނާގެ (ވެރިމީހާގެ) ބޭނުންތައް ޤިޔާމަތް ދުވަހުން ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހެޅުމުގެ ފުރުޞަތު ﷲ ތަޢާލާ ނުދެއްވަވާނެތެވެ."
ރަސޫލުﷲ (ﷺ) މުޢާވިޔާ (ރޢ)އަށް ޙަދީޘް ކުރެއްވެވިއެވެ. (މާނަ): "މުސްލިމުންގެ އެއްވެސް ކަމަކާއި ހަވާލުވެހުރި މީހަކު، އެބައިމީހުންގެ ބޭނުންތައް އޭނާ އާއި ހަމައަށް ހުށަހެޅުމަށް ފުރުޞަތު ނުދީފި ނަމަ، އޭނާގެ (ވެރިމީހާގެ) ބޭނުންތައް ޤިޔާމަތް ދުވަހުން ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހެޅުމުގެ ފުރުޞަތު ﷲ ތަޢާލާ ނުދެއްވަވާނެތެވެ."
ޢާމިރް (ރޢ) ވިދާޅުވިއެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. "ވެރިންގެ ތެރެއިން އެންމެ ނުބައި (ނުބައިކަންބޮޑު) ވެރިންނަކީ ރަޙްމް ކުޑަ ހަރުކަށި ވެރިންނެވެ."
- ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެފައިވާ ހުކުރު ޚުޠުބާއަކުން