ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޞުލްޙަވެރިކަމާއިއެކު ޙައްލުކުރުމަކީވެސް ހަމަ މަތިވެރި އަޅުކަމެކެވެ. އެކަންކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމުގެ ނިޔަތުގައިކަމަށްވާނަމަ އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވަތެވެ! އިން ޝާ ﷲ. ގިނަ ޘަވާބަށް އެެދޭމީހާއަށް އޮތީ ޞުލްޙަވުމަށް އިސްނެގުމެވެ. މާފުކުރުމާއި މާފަށް އެދުމުގެ މުހިންމުކަން ބޮޑުވަނީ އެހެންވެގެންނެވެ.
ކުރާ ކޮންމެ އަޅުކަމެއް ކުރުމުގައިވެސް އެކަމަށް ނިޔަތްގަންނަންވާނެއެވެ! ދެމަފިރިންގެ މެދުގައި ޖެހޭ ކަންކަން ޙައްލުކުރަން މަސައްކަތްކުރުމުގައިވެސް ނިޔަތް ގަންނަންވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން މަސައްކަތްކުރާށެވެ! އެއިރުން ދާނީ ޘަވާބުލިބެމުންނެވެ. އިން ޝާ ﷲ
ނަމާދަށްދަނީ ނަމާދުކުރުމަށެވެ! ނަމަވެސް އެވަރުން ފުއްދައިނުލާށެވެ! ނަމާދަށް ދިއަ ނަމަވެސް ދީނީ ދަރުސެއް އަޑު އެހިނަމަވެސް އެކަމުގެ ތެރެއިން ޙާޞިލުކުރަންޖެހޭ ވަރަށް ބޮޑު މަންފާއެއް އެބައޮތެވެ. ނaމަވެސް މަދު މީހަކު ނޫނީ މިއަދު އެކަމަކަށް ނުވެސް ވިސްނައެވެ.
އެއީ ތިމާ އާއި ﷲ ތަޢާލާ އާއިދެމެދުގައި އޮންނަންޖެހޭ ގުޅުން ވަރުގަދަކުރުމެވެ. ބަދަހިކުރުމެވެ. އެކަމަށް ނިޔަތްގަނެގެން މަސައްކަތްކުރާ މީހާއަށް އެކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވަވާނެތެވެ! އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ!
ތައުބާގެ އަޞްލު މާނައަށް ބަލައިފިނަމަ އެއީ އެނބުރި އައުމެވެ. ތައުބާވާމީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަނީ އެސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ މަގުދޫކޮށް ދިއުމަށްފަހު އެމަގަށް އެނބުރި ރުޖޫޢަވާތީއެވެ!
ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރަން އެދޭ މީހާވެސް ގިނަގިނައިން ކުރަން އޮތް ކަމަކީ ތައުބާވުމެވެ. ﷲ ތަޢާލާ އާއި އެމީހަކާއި އޮންނަން ޖެހޭ ގުޅުން ބަދަހިކުރުމެވެ. އެއިރުން އެމީހަކާއި ﷲ ތަޢާލާ ގުޅުން ބަދަހިކުރައްވަވާނެތެވެ! އެގޮތަށް އެކަން މެދުވެރިވުމުން އެމީހަކަށް އޮންނާނީ އާޚިރަތްވެސް ކާމިޔާބުކުރެވިފައެވެ!
ވީމާ ކޮންމެ ކަމެއް ޙާޞލުކުރަން ބޭނުންވި ނަމަވެސް އެކަމުގެ ތަޅުދަނޑިއަކީ ﷲ ތަޢާލާ އާއި އެމީހަކާއި ދެމެދު އޮންނަޖެހޭ ގުޅުން ބަދަހިކުރުމެވެ. އެގުޅުމުގެ ތެރެއިން ޙާޞިލުނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން